މާޒިޔާ އިން ހޯދި ކާމިޔާބާއެކު ރާއްޖޭގެ ކްލަބް ފުޓްބޯޅަ އާ އުސްމިނަކަށް!

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް 2005 ވަނަ އަހަރު އޮތް އޭއެފްސީ ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރުމާއި 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރުން އެއީ ކްލަބް ފެންވަރުގައި އެ މުބާރާތުން ރާއްޖެއަށް ފުޓްބޯޅައިން މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ. އޭޝިއާ ސަރަހައްދުގެ ކްލަބްތަކުގެ މެދުގައި ބޭއްވޭ އެފަދަ ބޮޑު މުބާރާތެއްގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ނިއު ރޭޑިއަންޓް ނޫން ރާއްޖޭގެ އެހެން ކްލަބަކަށް ދަތުރުކުރެވިފައެއް ނުވެ އެވެ. މުބާރާތްތަކުގެ ފޯމެޓަށް އައި ބަދަލާއެކު ބޮޑު ކާމިޔާބީ އަކާ ހަމައަށް ދާން ޓީމުތަކަށް ކަޑައްތު ކުރަންޖެހޭ ރާސްތާވެސް މި ވަނީ ދިގުވެފަ އެވެ.
ކުރިން އޭއެފްސީ ކަޕުގެ އޮޓަމެޓިކް ޖާގަ ރާއްޖޭގެ ދެ ޓީމަކަށް ލިބޭ ގޮތަށް އޮތް ނަމަވެސް 2017 ވަނަ އަހަރުން ފެށިގެން އެ ޖާގަ ލިބެނީ ހަމަ އެކަނި ލީގު ޗެމްޕިއަން ހޯދާ ޓީމަށެވެ. އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދާ ޓީމަށް ޖެހެނީ ގްރޫޕް ސްޓޭޖަށް ކޮލިފައިވުމަށްޓަކައި ޕްރިލިމިނަރީ ބުރުން ފަށާށެވެ. މީގެ ހަތަރު އަހަރު ކުރިން ފޯމެޓަށް ގެނެވުނު މި ބަދަލާ އެކު މިއަހަރުގެ ކުރިން ގްރޫޕް ސްޓޭޖްގައި ރާއްޖޭގެ ދެ ޓީމަކުން ވާދަކޮށްފައެއް ނުވެ އެވެ.
ރާއްޖޭގެ ކްލަބްތަކުން ވަނީ މީގެ ކުރިން ފަސް ފަހަރު އޭއެފްސީ ކަޕްގެ ކޮލިފައިން ބުރުގައި ކުޅެފަ އެވެ. މި ފަސް ފަހަރުގެ ތެރެއިން މާޒިޔާ ވަނީ ކޮލިފައިންގައި ދެ ފަހަރު ކާމިޔާބީ ހޯދައިފަ އެވެ. އެއީ 2015 ވަނަ އަހަރުގެ ޕްލޭއޮފް ބުރުގައި ފިލިޕީންސްގެ ސެރޭސްއާ ވާދަކޮށް 1-0 އިން މޮޅުވުމާ މިއަހަރުގެ ކޮލިފައިންގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އާއި އިންޑިއާގެ ބެންގަލޫރު އެފްސީގެ މައްޗަށް ކުރި ހޯދުމެވެ. ރާއްޖޭގެ ކްލަބްތަކުން ކޮލިފައިންގައި ވާދަކުރި އަނެއް ތިން ފަހަރު ވަނީ ބަލިވެފަ އެވެ. އެއީ 2012 ވަނަ އަހަރު ވިކްޓްރީ ސްޕޯޓްސް ކްލަބާއި 2017 ވަނަ އަހަރު ވެލެންސިއާ އައި 2018 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބެވެ.
ކޮންމެއަކަސް ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތާއި މެދު ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފައި އޮތް ދަނޑިވަޅެއްގައި ސަރަހައްދުގެ ކްލަބްތަކުގެ މެދުގައި ކުޅެވޭ ދެ ވަނަ ފަންތީގެ މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ވާދަކުރުމުގެ ފުރުސަތު ރާއްޖޭގެ ދެ ކްލަބަކުން މި އަހަރު މިވަނީ ހޯދައިފަ އެވެ. އޭއެފްސީ ކަޕްގެ ޕްރިމިލިނަރީ ބުރުގައި ބަންގަލަދޭޝްގެ ޑާކާ އަބަހާނީ ބަލިކުރުމުގެ އިތުރުން ޕްލޭ އޯފްގައި އިންޑިއާގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ބާރު ކަމަށްވާ ބެންގަލޫރު އެފްސީ ބަލިކޮށް ރާއްޖޭގެ މާޒިޔާ އިން މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ވާދަކުރުމުގެ ފުރުސަތު ހޯދުމާއެކު ކްލަބް ފުޓްބޯޅައިގައި މުޅިން އާ ކަމެއް ތަޖުރިބާ ކުރުމުގެ ފުރުސަތު ދިވެހި ސަޕޯޓަރުންނަށް މިވަނީ ލިބިފަ އެވެ. މިއީ ރާއްޖޭގެ ކްލަބްތަކުގެ ފުޓްބޯޅައިގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި އޮތްކަމަށް އަޑުތައް ފެތުރިފައި އޮތް ދަނޑިވަޅެއްގައި ހާސިލްކުރެވުނު މުހިއްމު ކާމިޔާބީއެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ބެންގަލޫރާ ދެކޮޅަށް އިންޑިއާގައި މާޒިޔާ އިން ކުޅުނު މެޗުގެ ތެރެއިން. ކޮލިފައިން ބުރުގައި ވަރުގަދަ ދެޓީމުގެ މައްޗަށް ކުރި ހޯދައި މާޒިޔާ ވަނީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދާފައި
އޭއެފްސީ ކަޕްގެ ފޯމެޓް މިހާރު އޮތް ގޮތުން ގްރޫޕް ސްޓޭޖްގައި ކުޅޭ ދެކުނު އޭޝިއާގެ ޓީމްތައް ވާދަކުރާނީ އެއް ގްރޫޕެއްގަ އެވެ. މާނައަކީ މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ރާއްޖޭގެ ދެ ޓީމް ކަމަށްވާ މާޒިޔާ އާއި ޓީސީ އަށް ގްރޫޕް ސްޓޭޖްގައި އެއް ޓީމް އަނެއް ޓީމާއި ވާދަކުރަން ޖެހުމެވެ. ދެ ޓީމަށް ވަކި ހާއްސަ ދަނޑެއް ނެތަސް ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ މި މުބާރާތުގައި މި ދެ ޓީމް ދެ ފަހަރަށް ވާދަ ކުރަން ޖެހޭނެ އެވެ. އެއް ދަނޑެއްގައި ދެ މެޗު ކުޅުނަސް ދެ ޓީމަށް ދެ މެޗްގައި އޮންނަ އެޑްވާންޓޭޖް ތަފާތުވާނެ އެވެ. މިއީ ރާއްޖޭގެ ކްލަބަކަށް އަދި ތަޖުރިބާ ކުރަން ލިބިފައި ނެތް ފުރުސަތެކެވެ. ދެކުނު އޭޝިއާ ސަރަހައްދަށް ހާއްސަ ގްރޫޕުގައި ޓީސީ އާއި މާޒިޔާގެ އިތުރުން ވާދަކުރާނީ އިންޑިއާގެ ޗެންނާއި ސިޓީ އާއި ބަންގްލަދޭޝް ލީގުގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އެވެ. އެހެންވެ ގްރޫޕް ސްޓޭޖުގެ 6 މެޗު މިއަހަރު ގަލޮޅު ދަނޑުގައި ކުޅޭނެ އެވެ.
އޭއެފްސީ ކަޕްގެ މެޗުތައް ރާއްޖޭގެ ދެޓީމުން ފަށާނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ. އެދުވަހު ރަށުން ބޭރުގައި ޓީސީން ބަޝުންދަރާ ކިންގްސްއާ ދެކޮޅަށް ނުކުންނައިރު ޗެންނާއީއާ ދެކޮޅަށް އިންޑިއާގައި މާޒިޔާ ނުކުންނާނެ އެވެ. ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ޓީސީ އާއި މާޒިޔާގެ ފުރަތަމަ ކުރިމަތިލުން އޮންނާނީ އޭޕްރީލް 29 ވަނަ ދުވަހު އެވެ. މިދެޓީމުގެ ފުރަތަމަ މެޗު ވެގެންދާނީ މާޒިޔާގެ ހޯމް މެޗަށެވެ. ޓީސީ ހޯމް މެޗުގެ ގޮތުގައި މި ދެޓީމުގެ ދެ ވަނަ ކުރިމަތިލުން އޮންނާނީ މެއި 13 ވަނަ ދުވަހު އެވެ.
1996 ވަނަ އަހަރު އުފަންވެ 2006 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅައިގައި ވާދަކުރަން ފެށި މާޒިޔާ އަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ހަރުދަނާ ކްލަބެވެ. ރަނގަޅު މެނޭޖްމަންޓެއްގެ ދަށުން އެ ކްލަބުން އަންނަނީ އަހަރަކަށް ވުރެ އަހަރެއް ކްލަބް އިތުރަށް ވަރުގަދަކުރަމުންނެވެ. އޭގެ ހެއްކަކީ ކޮލިފައިން ބުރުން ފަށައި މިއަހަރުގެ އޭއެފްސީ ކަޕުން އެޓީމު މިއަހަރު ފުރުސަތު ހޯދުމެވެ. އަނެއްކޮޅުން މިއަހަރުގެ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށް އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ވެސް މާޒިޔާ އިން ވަނީ ހޯދައިފަ އެވެ.
މީގެ ކުރިން މާޒިޔާ އިން ވަނީ 2013 އިން 2017 އާއި ހަމައަށް ޖެހިޖެހިގެން ފަސް އަހަރު އޭއެފްސީ ކަޕްގައި ކުޅެފަ އެވެ. 2013 އަދި 2015 ވަނަ އަހަރު ގްރޫޕުގެ ދެ ވަނަ ލިބުނުއިރު 2014 އާއި 2016 ވަނަ އަހަރު އެޓީމަށް ލިބުނީ ހަތަރު ވަނަ އެވެ. މާޒިޔާ އިން ނަތީޖާތައް އެންމެ ރަނގަޅުކުރީ 2017 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގަ އެވެ. އެފަހަރު ބެންގަލޫރާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށް ހެޑް ޓު ހެޑް އުސޫލުން ދެ ވަނަ ޓީމުގެ ގޮތުގައި ނިންމާލަން ޖެހުމުން މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ގެއްލުނެވެ. އެކަމަކު މިއީ އަނެއްކާވެސް ގްރޫޕް ސްޓޭޖް ފަހަނަ އަޅައި ދިއުމަށް އެޓީމަށް ލިބޭ އިތުރު ފުރުސަތެކެވެ.

ޖެނުއަރީ މަހު ލީގުގައި މާޒިޔާ އާއި ޓީސީ ވާދަކުރި މެޗުގެ ތެރެއިން. މި ދެޓީމުން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ގަލޮޅު ދަނޑުގައި ވާދަކުރާނެ. މިއީ ރާއްޖޭގެ ކްލަބް ފުޓްބޯޅަ އަށް ލިބުނު ތާރީހީ ކާމިޔާބެއް. ފޮޓޯ: އިބްރާހީމް ފާއިދު އެފްއޭއެމް
ކްލަބް ލައިސަންސިން ފުރިހަމަނުކުރެވުމާ ގުޅިގެން މިދިޔަ އަހަރު ރާއްޖޭގެ ކްލަބްތަކަށް އޭއެފްސީ ކަޕުގައި ވާދަކުރުމުގެ ފުރުސަތެއް ނުލިބުނެވެ. އެހެންވެ މިދިޔަ އަހަރު ވެގެންދިޔައީ ގަލޮޅު ދަނޑުގައި އޭއެފްސީ ކަޕްގެ މެޗެއް ނުކުޅޭ ފުޓްބޯޅައިގެ ފޯރި އިތުރަށް ކެނޑެން ދިމާވި ސަބަބަކަށެވެ. އެންމެ ފަހުން ރާއްޖޭގެ ޓީމެއް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ވާދަކުރީ 2018 ވަނަ އަހަރު ނިއު ރޭޑިއަންޓެވެ. އެހެންވެ މާޒިޔާ އާއި ޓީސީން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ނުކުންނާނީ ރާއްޖޭގެ ކްލަބަކުން މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވާދަނުކުރާތާ ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ފަހުންނެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި ނެތަސް މާޒިޔާ އިން ބެންގަލޫރުގެ މައްޗަށް ކުރި ހޯދައި ސަޕޯޓަރުންނަށް އުއްމީދެއް ގެނެސްދިނުމަކީ ގައިމުވެސް މުޅި ދިވެހި ފުޓްބޯޅަ އަށް ލިބުނު ކުރިއެރުމެކެވެ. މާޒިޔާގެ ކާމިޔާބީ އެ ކްލަބަށް އެންމެ ހާއްސަވީ ބެންގަލޫރުގެ ފަދަ ސަރަހައްދުގެ ގަދަ ބާރެއްގެ މައްޗަށް ކުރި ހޯދީމަ އެވެ. މީގެ އިތުރުން އެ ކްލަބަށާއި މުޅި ދިވެހި ފުޓްބޯޅަ އާއިލާއަށް އެ ކާމިޔާބީ ހާއްސަވީ ރާއްޖޭގެ ދެ ޓީމެއް އޭއެފްސީ ކަޕްގެ އެއް ގްރޫޕެއްގައި ވާދަކުރަންޖެހޭނެ ކަމުގެ އުފާވެރިކަމާއެކު އެވެ. ކޮންމެއަކަސް މާޒިޔާގެ ކާމިޔާބީ މިވަނީ ރާއްޖޭގެ ކްލަބް ފުޓްބޯޅަ މުޅިން އާ އުސްމިންތަކަކަށް ގެންގޮސްދީފަ އެވެ. އެ ދެޓީމުން މިހާރު އެދެނީ އޭއެފްސީ ކަޕްގެ މެޗުތައް ގަލޮޅު ދަނޑުގައި ކުޅޭއިރު ދިވެހި ސަޕޯޓަރުންގެ އެހީތެރިކަން ލިބުމެވެ. ސަޕޯޓަރުންގެ އެހީއާއެކު ގްރޫޕް ސްޓޭޖު ފަހަނައަޅައި ރާއްޖޭގެ ޓީމަކަށް ދެވިއްޖެ ނަމަ އެއީ އަދި ރާއްޖޭގެ ފުޓްބޯޅައަށް ލިބޭނެ މާބޮޑު ކުރިއެރުމަކަށް ވާނެ އެވެ.
Advertisement


Leave a Reply