ދެ ވަނަ ޑިވިޝަނުގެ މޮޅު ކުޅުންތެރިޔާ، ކިތުނާ ގައުމީ ސްކޮޑް ގައި ހިމަނައިފި
މިއަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ސުޕަރ ޔުނައިޓެޑް ސްޕޯޓްސްގެ ފޯވާޑް އާދަމް ނިޒާމް (ކިތުނާ) ރާއްޖޭގެ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި ހިމަނައިފި އެވެ. ކިތުނާ ގައުމީ ސްކޮޑުގައި މިހާރު ހިމަނާފައިވާކަން “ފަހުމިނެޓް” އަށް ވަނީ ކަށަވަރުވެފަ އެވެ.
ދެ ވަނަ ޑިވިޝަނުގެ ރަނަރަޕް ސުޕަރ ޔުނައިޓެޑަށް ކިތުނާ ކުޅުނީ ބ. ސޮނޭވާފުށީގައި ވަޒީފާ އަދާކުރަމުންނެވެ. ބ. ގޮއިދޫ އަށް އުފަން ކިތުނާ ވަނީ ދެ ވަނަ ޑިވިޝަނުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން ހަތް ގޯލާއެކު ލަނޑު ލިސްޓުގެ އެއް ވަނަ ވެސް ހޯދައިފަ އެވެ. ރިސޯޓުގައި ވަޒީފާ އަދާކުރަމުން ކިތުނާ ދެ ވަނަ ޑިވިޝަނުގެ މެޗުތައް ކުޅުނީ ސުޕަރ ޔުނައިޓެޑް މެޗުތައް ކުޅުނު ދުވަހު މާލެ އައިސްގެންނެވެ.
އެނގިފައިވާ ގޮތުގައި ކިތުނާގެ ރިލީޒް ހޯދުމަށް އެފްއޭއެމުން މިހާރު ވަނީ ސޮނޭވާފުށި ރިސޯޓުގައި ރަސްމީކޮށް އެދިފަ އެވެ. ރިސޯޓުން ކިތުނާ ވީއްލަދިންހާ އަވަހަކަށް އޭނާ ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާނެކަމަށް ބެލެވެ އެވެ. މީގެ ކުރިން ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުގައި ވެސް ކިތުނާ ހިމެނުމުން ރިސޯޓުން އޭނާ އަށް ވަނީ ރިލީޒްދީފަ އެވެ.
ޓޮޕް ސްޓްރައިކަރެއްގެ ގޮތުގައި އެއް ފެންވަރެއްގައި ގިނަ ދުވަހު ކުޅެފައިވާ ކިތުނާ އަށް ގައުމީ ސްކޮޑުން ފުރުސަތު ދިނުމުގެ އެންމެ ބޮޑު ސަބަބަކަށްވީ ތަޖުރިބާކާރު ފޯވާޑް، މާޒިޔާގެ އަސަދުﷲ އަބްދުﷲ އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށްދާން ޖެހުމެވެ.
މިއަހަރުގެ ދެ ވަނަ ޑިވިޝަނުގައި ކުޅުނު ހަ މެޗުގެ ތެރެއިން މަހިބަދޫ ސްޕޯޓްސް ކްލަބް ނޫން ހުރިހާ ޓީމެއް ކޮޅަށް ކިތުނާ ވަނީ ގޯލު ޖަހައިފަ އެވެ. ގްރޫޕް ސްޓޭޖުގައި ދިވެހި ސިފައިންގެ ކްލަބް ކޮޅަށް ދެ ގޯލު ޖެހިއިރު 19 އަހަރުން ދަށުގެ ގައުމީ ޓީމު ކޮޅަށް ކިތުނާ ވަނީ އެއް ގޯލު ޖަހައިފަ އެވެ. އަދި، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖޭޖޭ ސްޕޯޓްސް ކޮޅަށް ސުޕަރ ޔުނައިޓެޑްގެ ދެ ގޯލު ވެސް ޖެހީ ކިތުނާ އެވެ. އޭގެ ފަހުން ސެމީ ފައިނަލުގައި ކްލަބް ޕީކޭއާ ދެކޮޅަށް ގޯލު ޖަހައި މުބާރާތުގެ ހަތް ވަނަ ގޯލު ކިތުނާ ޖެހީ ފައިނަލުގައި ކްލަބް ވެލެންސިއާ ކޮޅަށެވެ.
މީގެ ކުރިން ވިކްޓްރީ ސްޕޯޓްސް ކްލަބުގައި ވެސް ކުޑަ ދުވަސްކޮޅަކު ހޭދަކުރި ކިތުނާ އަކީ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުން މީގެ ކުރިން ލިބުނު ހުށަހެޅުން ދޫކޮށްލި ކުޅުންތެރިއެކެވެ. އޭގެ ބަދަލުގައި އޭނާ ފެންނަނީ އަތޮޅު ފުޓްބޯޅަ އަށް އަމާޒުކޮށްގެން ބާއްވާ ގައުމީ މުބާރާތްތަކާއި ފުޓްސަލް މުބާރާތްތަކުންނެވެ. ކިތުނާ ވަނީ 2016 ވަނަ އަހަރު އޭދަފުށިން މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ގިނަ ގޯލުތަކެއް ޖަހައިދީފަ އެވެ. އަދި، 2018 ވަނަ އަހަރު ބ. ފެހެންދޫ ފުޓްބޯޅަ ޓީމް ދިރާގު ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިކޮށްދިނުމުގައި ވެސް ކިތުނާގެ ދައުރު ބޮޑެވެ. އެ އަހަރު ކިތުނާ ވަނީ ފެހެންދޫ ޓީމާ އެކު ރާއްޖޭގެ ލީގުގެ ބައެއް މެޗުތަކުގައި ވެސް ކުޅެފަ އެވެ. މިހާރު 32 އަހަރުގެ ކިތުނާ އަށް ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުން ވެސް މީގެ ކުރިން ފުރުސަތުލިބިފަ އެވެ. އެކަމަކު ކެރިއަރެއްގެ ގޮތުގައި ފުޓްބޯޅަ ނުނަގައި ކިތުނާ ފެންނަނީ ރިސޯޓުގައި ވަޒީފާ އަދާކުރަމުން އަތޮޅު ފެންވަރުގެ މުބާރާތްތަކުގައި ކާމިޔާބީ ހޯދާ ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
ފުޓްބޯޅައިގެ އިތުރުން ވޮލީބޯޅައިގައި ކިތުނާގެ ވިދުން ގަދަވީ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތްތަކުންނެވެ. ވޮލީ ގައުމީ ޓީމުން މީގެ ކުރިން ކިތުނާ އަށް ޖާގަ ލިބުނީ ސޮނޭވާފުށި ރިސޯޓުގެ ވޮލީ ޓީމުގައި ދެއްކި މޮޅު ކުޅުމުންނެވެ. ވޮލީ އާއި ފުޓްބޯޅައިގެ އިތުރުން ފުޓްސަލްގައި ކީޕަރެއްގެ ގޮތުގަޔާއި މޫދު ކުޅިވަރުގައި ވެސް ކިތުނާ އަކީ ފާހަގަކޮށްލެވޭ ތަރިއެކެވެ.
ޕްރިލިމިނަރީ ސްކޮޑް އެކުލަވާލައި ގައުމީ ޓީމު މިހާރު ފަރިތަކުރުންތައް ކުރިއަށް ގެންދަނީ ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި އަންނަ މަހު ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗަށެވެ. ޗައިނާއާ ދެކޮޅަށް ތައިލެންޑުގައި ރާއްޖޭގެ ޓީމު އަންނަ މަހުގެ 26 ވަނަ ދުވަހު ނުކުންނައިރު އޭގެ ހަތަރު ދުވަސް ފަހުން ގަލޮޅު ދަނޑުގައި ސީރިއާ ވާދަކުރާނެ އެވެ.
Advertisement
Leave a Reply