ސަސްޕެންޝަންގެ ހޫނުގައި މެންޗެސްޓާ ސިޓީން ރެއާލް މެޑްރިޑް ފިއްސާލައިފި

Advertisement

ސަސްޕެންޝަންގެ ހޫނުގައި މެންޗެސްޓާ ސިޓީން ރެއާލް މެޑްރިޑް ފިއްސާލައިފި

ޢަބްދުﷲ އަޝްރަފް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމ ލެގުގައި ރޭ އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން  މުބާރާތުގެ އެންމެ ކާމިޔާބު ކްލަބް ކަމަށްވާ ރެއާލް މެޑްރިޑް ބަލިކޮށްފިއެވެ. ފީފާގެ ފައިނޭންޝިއަލް ފެއާ ޕްލޭ (އެފްއެފްޕީ) ގަވައިދާ ހިލާފްވި ކަމަށް ނިންންމައި ޔޫއެފާ އިން މެންޗެސްޓާ ސިޓީ ކުރިއަށް އޮތް ދެ އަހަރަށް މުބާރާތުން ސަސްޕެންޑް ކުރުމަށް ނިންމި ފަހުން ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީން ކުޅުނު ފުރަތަމަ މެޗްގައި ރޭ ރެއާލް މެޑްރިޑްގެ އަމިއްލަ ދަނޑުގައި އެ ޓީމްގެ މައްޗަށް ސިޓީން ކުރި ހޯދީ 1-2 އިންނެވެ.

މިއީ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީން ރެއާލް މެޑްރިޑް ބަލިކުރި ފުރަތަމަ ފަހަރެވެ. މި ނަތީޖާ އަކީ އަންނަ މަހުގެ 17 ވަނަ ދުވަހު ސިޓީގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗަށް ނުކުންނައިރު ރެއާލް މެޑްރިޑާ ދެކޮޅަށް ސިޓީ އަށް އޮންނާނެ ބޮޑު އެޑްވާންޓޭޖަކަށް ވާނެއެވެ. އަދި ރޭގެ މޮޅު ވެގެންދާނީ މީގެ ދެ ހަފްތާ އެއްހާ ދުވަސް ކުރިން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ޔޫއެފާ އިން ނިންމި ނިންމުމާއެކު މާޔޫސްކަމެއްގައި ތިބި އެ ކްލަބްގެ ސަޕޯޓަރުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމަކަށެވެ.

Advertisement

އަނެއްކޮޅުން ރޭގެ މެޗަކީ ފްރާންސްގެ ކުރީގެ ތަރި ޒިނެޑިން ޒިޑާންގެ ކޯޗުކަމުގެ ދަށުން ރެއާލް މެޑްރިޑް ޗެމްޕިއަންސް ލީގުގެ ނޮކައުޓް މެޗެއްގައި ބަލިވި ފުރަތަމަ ފަހަރެވެ.  ރޭގެ މެޗަށް ރެއާލް މެޑްރިޑް ނުކުތް އިރުވެސް އެ ޓީމްގެ ފޯމާއި މެދު އޮތީ ގިނަ ސުވާލުތަކެއް އުފެދިފައެވެ. ރޭގެ މެޗްގެ ކުރިން ރެއާލް މެޑްރިޑުން ކުޅުނު ހަތަރު މެޗްގެ ތެރެއިން ކާމިޔާބުކުރެވިފައި އޮތީ އެންމެ މެޗެއް ކަމަށްވެފައި އެންމެ ފަހުން ސްޕެނިޝް ލީގުގައި އެ ޓީމުން ކުޅުނު މެޗުން ޓޭބަލްގެ 13 ވަނައިގައި އޮތް ލެވަންޓޭ އަތުން ބަލިވުމުން ރޭގެ މެޗަށް ރެއާލް މެޑްރިޑުން ކުރިމަތިލީ އެންމެ ރަގަޅު ފޯމްގައި އޮވެގެން ކަމަށް ބެލެވޭ ކަށް ނެތެވެ.

ރޭގެ މެޗްގައި މެންޗެސްޓާ ސިޓީން ހޯދި މޮޅުގެ ބޮޑު ކުރެޑިޓޓެއް ދޭން ޖެހޭނެ އެކަކީ ކުރިން ބާސެލޯނާ އާޢި ބެޔާން މިޔުނިކަށްވެސް ކޯޗްކޮށްދިން ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ އެވެ. ރޭގެ މެޗަށް ސިޓީން ނެރުނު ފުރަތަމަ 11 އަށް ފާހަގަކުރެވޭ ވަރުގެ ބަދަލުތަކެއް ގާޑިއޯލާ ގެނައިއިރު އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ސިޓީގައި މި ސީޒަންގައިވެސް މޮޅަށް ކުޅެމުން އައި އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އާއި ސްޕެއިންގެ މިޑްފީލްޑަރު ޑޭވިޑް ސިލްވާގެ އިތުރުން ފޯވާޑް ރަހީމް ސްޓާލިންގް އާއި ބްރެޒިލްގެ މިޑްފީލްޑަރު ފެނާންޑީނިއޯ ބެންޗްގައި ބައިންދައިގެން މެޗް ފެށުމެވެ. ރޭގެ މެޗްގައި ސިޓީގެ ހަމަލާތައް އުފެއްދުމުގެ މުހިއްމު ޒިންމާ ގާޑިއޯލާ ހަވާލުކޮށްފައި އޮތީ ބެލްޖިއަމްގެ ކެވިން ޑި ބްރޫނޭ އާއި ޕޯޗްގަލްގެ ބާނާޑޯ ސިލްވާ އާއެވެ.

ރޭގެ މެޗުން ރެއާލް މެޑްރިޑް ބަލިވި ނަމަވެސް މެޗްގައި ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ އެ ޓީމުންނެވެދ. ރެއާލް މެޑްރިޑުން މެޗްގައި ލީޑް ނެގި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ 60 ވަނަ މިނެޓްގައި، މެޗްގައި މޮޅު ކުޅުމެއް ދެއްކި ޒުވާން ފޯވާޑް ވިނިޝިއަސް ޖޫނިއާ ދިން ބޯޅައަކުން ސްޕެއިންގެ ފޯވާޑް އިސްކޯ އެވެ. ރެއާލް އިން މި ލަނޑު ކާމިކޔާބު ކުރި ފަހުންވެސް އެ ޓީމަށް ލީޑް ފުޅާކުރަން ރަގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު ނަތީޖާ 0-2 އަށް ބަދަލުކުރަން ރެއާލް މެޑްރިޑަށް ލިބުނު ފުރުސަތުގައި އެ ޓީމްގެ ތަޖްރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ރޭގެ މެޗްގެ ނަތީޖާ ސިޓީ އަށް އެއްވަރުކޮށްދިން ލަނޑު މެޗްގެ 78 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ރެއާލް މެޑްރިޑްގެ ގޯލާ ވަރަށް ކައިރިން ލިބުނު ބޯޅައެއް ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެން ސިޓީގެ ބްރެޒިލް ފޯވާޑް ގަބްރިއެލް ޖެސުސް އެވެ. އޭގެ ފަސް މިނެޓް ފަހުން ދެން ފެނުނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި އެރި ސިޓީގެ އިނގިރޭސި ފޯވާޑް ރަހީމް ސްޓާލިންގް އަށް ރެއާލް މެޑްރިޑްގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން ސިޓީއަށް ރެފްރީ ޕެނަލްޓީއެއް ދިން ތަނެވެ. މި ޕެނަލްޓީ ވަރަށް އިތުބާރާއެކު ގޯލްގެ ތެރެއަށް ފޮނުވާލައިގެން މެޗްގައި ރެއާލްގެ މައްޗަށް ސިޓީން ކުރި ހޯދި ލަނޑު ޖަހައިދިނީ ސިޓީގެ އިތުބާރު މިޑްފީލްޑަރު 28  އަހަރުގެ ކެވިން ޑިބްރޫނޭ އެވެ.

ރޭގެ މެޗްގެ ފުރަތަމަ ހާފްގައިވެސް ރެއާލް އަށް ލީޑް ނަގަން ރަގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު މެޗްގެ ކުރީކޮޅު ރެއާލް މެޑްރިޑްގެ ތަޖްރިބާކާރު ފޯވާޑް ކަރިމް ބެންޒެމާ ބޮލުން ފޮނުވާލި ބޯޅަ މެންޗެސްޓާ ސިޓީގެ ގޯލްކީޕަރު އެޑަސަން ހުށިޔާރުކަމާއެކު މަތަކުރިއެވެ.

ރޭގެ މެޗުން ރެއާލް މެޑްރިޑް ބަލިވުމުގެ އިތުރުން މެޗްގައި ރެއާލް އަށް ކުރިމަތިވި އެންމެ ބޮޑު އަނެއް މައްސަލައަކަށްވީ މެޗް ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް މެންޗެސްޓާ ސިޓީގެ ފޯވާޑް ގަބްރިއެލް ޖެސުސް ބޯޅަ ހިފައިގެން ރެޢަލްގެ ގޯލާ ދިމާއަށް ދުވެފައި އަންނަނިކޮށް ފައުލް ކުރުމުގެ ސަބަބުން އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް އަށް ރެފްރީ ރަތް ކާޑް ދެއްކުމާ އެކު ދެވަނަ ލެގުގެ މެޗުން ރާމޯސް އަށް ފުރުސަތު ގެއްލުމެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *