ޖޫނިއާ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ސަމްޕަތު ހަމަޖައްސައިފި

Advertisement

ޖޫނިއާ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ސަމްޕަތު ހަމަޖައްސައިފި

ޢަލީ ޝަހީމް
ސަމްޕަތު، 16 އަހަރުން ދަށުގެ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ހަމަޖައްސަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. - ފޮޓޯ: އެފްއޭއެމް

16 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމަށް ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަޝްފަރް ލުތުފީ (ސަމްޕަތު) ހަމަޖައްސައިފި އެވެ. ސަމްޕަތު އެސިސްޓެންޓް ކޯޗުގެ މަގާމަށް ހަމަޖެއްސިކަން އިއުލާންކުރީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

ބައްސާމް ވިދާޅުވީ ހެޑް ކޯޗެއް ހަމަޖެހެންދެން 16 އަހަރުން ދަށުގެ ޓީމުގެ ލީޑު ކުރާނީ ސަމްޕަތު ކަމަށެވެ. ސަމްޕަތު އެސިސްޓެންޓް ކޯޗަކަށް ހަމަޖެއްސިއިރު ހެޑް ކޯޗުގެ ގޮތުގައި ހަމަޖައްސާނެ ފަރާތުގެ މައުލޫމާތު އެފްއޭއެމުން އަދި ހާމަކޮށްފައެއްނުވެ އެވެ. އެކަމަކު 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށް އާސެނަލްގެ ކުރީގެ ކުޅުންތެރިޔާ ލެޓްވިއާގެ އީގޯ ސެޓެފަނޯސް ކޯޗުގެ ގޮތުގައި ހަމަޖެއްސުމަށް މި މަހުގެ 19 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވިދާޅުވީ އަމާޒަކީ 16 އަހަރުން ދަށުގެ ޓީމަށް ވެސް މި އަހަރު ނިމުމުގެ ކުރިން ބިދޭސީ ކޯޗެއް ގެނައުން ކަމަށެވެ.

ބިދޭސީ ކޯޗުންނަށް އެފްއޭއެމުން އަމާޒުހިފާ އެއް ސަބަބަކީ ޒުވާން ކުޅުންތެރިންނަށް ރަނގަޅު ތަމްރީނުތަކެއް ދިނުމެވެ. އެފްއޭއެމުން ވަނީ މީގެ ކުރިން 16 އަހަރުން ދަށުގެ ކޯޗުކަމުގެ މަގާމަށް މުހައްމަދު ނިޒާމް (ނިޒާމްބެ) ހަމަޖައްސައި ދުރު ރާސްތާ ޕްލޭނަކާއެކު މަސައްކަތް ފަށައިފަ އެވެ. ނިޒާމްބެއާ އެފްއޭއެމުން ހަވާލުކުރީ 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ރަނގަޅު ޔޫތު ޓީމެއް ބިނާކުރުމުގެ މަސައްކަތެވެ. އެކަމަކު ބަންގްލަދޭޝް ލީގުގެ ސައިފް ސްޕޯޓިންއާ ހަވާލުވާން ލިބުނު ފުރުސަތުގެ ބޭނުންހިފައި ނިޒާމްބެ ވަނީ 16 އަހަރުން ދަށުގެ ކޯޗުކަން ދޫކޮށްލައިފަ އެވެ.

އެސިސްޓެންޓް ކޯޗަކަށް ހަމަޖެއްސި ސަމްޕަތަކީ ފުރަތަމަ ޑިވިޝަނުގެ ނިއު ރޭޑިއަންޓާއި ޔޫތު ޓީމުތަކަށް އިރުޝާދުދީފައިވާ ކޯޗެކެވެ. 2015 ވަނަ އަހަރު ނިއުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރަން ފަށައި އެޓީމުގެ ހެޑް ކޯޗުގެ މަގާމާ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސަމްޕަތު ވަނީ ހަވާލުވެފަ އެވެ. އޭގެފަހުން ސަމްޕަތު ވަނީ މިދިޔަ އަހަރު އޮތް ޔޫތު ޗެމްޕިއަންޝިޕްގައި ކްލަބް ގްރީން ސްޓްރީޓްސްގެ ޒުވާން ޓީމަށް ވެސް އިރުޝާދުދީފަ އެވެ.

ގައުމީ ޓީމަށް 1995 އިން 2005 ވަނަ އަހަރުގެ ނިޔަލަށް ކުޅުނު މަޝްހޫރު މިޑްފީލްޑަރު ސަމްޕަތަކީ ނިއުގައި ގިނަ ކާމިޔާބީތަކެއް ހޯދައި، ވިކްޓްރީ، އައިއެފްސީ، ލެގޫންސް، އީގަލްސް އަދި ވެލެންސިއާ އަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *