އިރޭ އިތުބާރާއެކު ނުކުންނައިރު ޗެތުރީ ސަމާލުވެގެން!

އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގެ ދެ ވަނަ ލެގްގައި މިއަދު އިންޑިއާގެ ބެންގަލޫރާ ދެކޮޅަށް ނުކުންނާނީ މޮޅުވެގެން އެނބުރި މާލެ އައުމުގައި އަޒުމުގައި ކަމަށް މާޒިޔާގެ ވައިސް ކެޕްޓަން އަހުމަދު އިރުފާން (އިރޭ) ބުނިއިރު، މެޗުގައި މާޒިޔާ އަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެކަމަށް ބެންގަލޫރު އެފްސީ ކެޕްޓް ސުނިލް ޗެތުރީ ބުނެފި އެވެ.
އަނިޔާގެ ސަބަބުން ކެޕްޓަން އަސަދުﷲ އަބްދުﷲ ކުޅުމާ ދުރުގައި ހުރުމުން މިއަދުގެ މެޗުގައި މާޒިޔާގެ ކެޕްޓަންކަން ކުރާނީ އިރޭ އެވެ. ތ. ތިމަރަފުއްޓަށް އުފަން އިރޭ ވަނީ މި ސީޒަނުގެ މިހާތަނަށް މާޒިޔާގެ ބޭންޑް އަޅައިގެން ގިނަ މެޗުތަކެއް ކުޅެ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. މިއަދުގެ މެޗަށް މާޒިޔާ ގޮވައިގެން ލީޑުކުރަން ނުކުންނައިރު އިރޭގެ އަމާޒަކީ މާޒިޔާގެ މައްޗަށް ކުރި ހޯދައި އެނބުރި ރާއްޖޭގެ ސަޕޯޓަރުންގެ ގާތަށް އައުމެވެ.
“މި ޓީމަށް ބެންގަލޫރު ވަރަށް ރަނގަޅަށް އެނގޭ. 2017 ވަނަ އަހަރު ވެސް އެޓީމާ ދެކޮޅަށް ކުޅުނިން. އެއީ ވަރަށް ވަރުގަދަ ޓީމެއް. އެކަމަކު އަހަރެމެން މިތިބީ މެޗަށް ތައްޔާރުވެގެން. އަޒުމުކަނޑައަޅައިގެން މިތިބީ މޮޅެއް ހޯދައިން އެނބުރި މާލެ ދާން” މިއަދުގެ މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ޓީމުގެ މިޑްފީލްޑަރު އިރޭ ބުންޏެވެ.

މާލޭގައި ކުޅުނު މެޗުގެ ކުރިން މާޒިޔާގެ ކޯޗާއި ކުޅުންތެރިން ދަނޑަށް ދަނީ، އެޓީމުން މިއަދު ބެންގަލޫރާ ދެކޮޅަށް ނުކުންނަނީ އިތުބާރާއެކު. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް
މިއަދުގެ މެޗަކީ މާޒިޔާގެ ފުޓްބޯޅައިގައި މި ސީޒަނުގައި ކުޅޭނެ އެންމެ މުހިއްމު މެޗެވެ. ފުރަތަމަ ލެގްގައި އަމިއްލަ ދަނޑުގައި 2-1 އިން ބެންގަލޫރު އަތުން މޮޅުވުމުން މިއަދުގެ މެޗު އެއްވަރުކޮށްލައިގެން ވެސް މާޒިޔާ އަށް މުބާރާތުގެ ގްރޫޕް ސްޓޭޖަށް ދެވޭނެއެވެ. އެކަމަކު 1-0 އިން މޮޅުވެގެން ގްރޫޕް ސްޓޭޖަށް ދިއުމުގެ ފުރުސަތު ބެންގަލޫރަށް ވަނީ ފަހިވެފަ އެވެ.
މެޗަށް ނުކުންނައިރު މާޒިޔާ އަށް އޮތް ބޮލުގަ ރިހުމަކީ ކެޕްޓަން އަސަދުﷲ އަށް އަނިޔާވެ ކުޅުމާ ދުރަށްދާން ޖެހުމެވެ. އަސަދުﷲގެ ކަކުލަށް އަނިޔާވީ މިދިޔަ ބުދަ ދުވަހު ގަލޮޅު ދަނޑުގައި ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އަނިޔާގެ ސަބަބުން އަސަދުﷲ އަށް ކުރިއަށް އޮތް ހަ މަހު ކުޅުމުގެ ތެރެއިން ފެންނާނެ ކަމަކަށް ނުބެލެވެ އެވެ. އަނެއްކޮޅުން އެޓީމުގެ ޒުވާން ފޯވާޑް ނާއިޒް ހަސަން (ދާދު) ވެސް ހުރީ އަނިޔާގަ އެވެ. ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ލެގްގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅުނު މެޗާއި އެންމެ ފަހުން ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން ދާދު އެއް ނުކުޅެ އެވެ. އެކަމަކު މިއަދުގެ މެޗުގައި ދާދު އަށް ކުޅެވޭނެކަމުގެ ޔަގީންކަމެއް އަދި ލިބިފައެއްނުވެ އެވެ.
ބެންގަލޫރުން މިއަދު އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ނުކުންނާނީ މޮޅުވާން މަޖުބޫރު މެޗަކަށެވެ. އެޓީމުން ވަނީ 2018 ވަނަ އަހަރުގެ ޕްލޭއޮފް ބުރުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް އަތުން ދެ ލެގުގެ އެގްރިގޭޓުން މޮޅުވެފަ އެވެ. އެކަމަކު މާޒިޔާއާ ދެކޮޅަށް ރާއްޖޭގައި ކުޅުނު މެޗުގައި އެޓީމަށް އެދެވޭ ކުޅުމެއް ނުދެއްކުމަކީ މިއަދުގެ މެޗަށް ހުރިހާ ހަތިޔާރަކާއެކު އެޓީމުން ނުކުންނާނެ ސަބަބެކެވެ.
https://www.facebook.com/fahuminet/photos/a.1753563491332424/2895947013760727/?type=3&__xts__%5B0%5D=68.ARBvKZI_p7–K1gTPZfFn7XIVwo3M5BUlbAjNbys7swZjdlGWem0tNOwTZg-XxuAdH2EaSBUhDNN0Ph6kFvFfUaujxtZ0WqcVRhhkLktM7io_M2fsaleDqnDeS2TWleD-Y3xI2xrIfSleCZv6ghuIYM2X6JdbCXXyFgna7L1x-Qa_gJiKjFJ09JqTNKl9FZon7vKGP3v31Lcp2gd9H_neaRD_JdI8PO02yK7t8yk7mUHMjn7u5IyxpWZBItiP1BcLWQGT2t6qY1644bE60dy4wFt0IuDu3CJdr1qc_WoF3dBFUw6EADOfAXZ78_blq8Di6vR6J7zOih-lv6dOSuLyUl0dWsj&__tn__=-R
މެޗަށް ނުކުންނައިރު ބެންގަލޫރު ޓީމަށް ލިބޭ ހިތްހަމަޖެހުމަކީ މި ސަރަހައްދުގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އަދި އެޓީމުގެ ކެޕްޓަން، 35 އަހަރުގެ ޗެތުރީ އަނިޔާއިން ރަނގަޅުވެފައިވުމެވެ. މީގެ ތިން ހަފްތާއެއްހާ ދުވަސްކުރިން ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ބެންގަލޫރުން އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ޗެތުރީ ކުޅެފައެއްނުވެ އެވެ.
“އެންމެ ފަހުން ކުޅުނު މެޗުގެ އުސްއަލިތައް އަހަރެމެން ވަރަށް ރަނގަޅަށް ބަލައިފިން. މުޅި ޓީމަށް ވެސް އެނގޭ އަހަރެމެން ކުރަންވީ ކަންތައް. އެކަމަކު އަހަރެމެން ޖެހޭނެ ވަރަށް ސަމާލުވެސް ވާން. އެއީ މާޒިޔާއިން ގޯލެއް ޖަހައިފިނަމަ ކުރަން އުޅޭ މަސައްކަތަށް ވަރަށް ބޮޑު ހުރަހެއް ކުރިމަތިވާނެ. އެކަމަކު މިއީ އަހަރެމެންގެ ދަނޑު. އަހަރެމެން އެންމެން އުއްމީދުކޮށްގެން މިތިބީ މި ޓީމަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމަށް” މެޗުގެ ކުރިން ޗެތުރީ ބުންޏެވެ.
ބެންގަލޫރުން ވަނީ މިއަދުގެ މެޗުގެ ކުރިން އެޓީމުގެ މުހިއްމު ކުޅުންތެރިންނަށް އަރާމުކުރަން ފުރުސަތުދީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. މިދިޔަ ހަފްތާ މާލޭގައި މާޒިއާއާ ދެކޮޅަށް ބެންގަލޫރުން ނުކުތީ އެކަޑެމީގެ ބައެއް ކުޅުންތެރިން ވެސް ޓީމުގައި ހިމަނައިގެންކަމަށް އެޓީމުން ވަނީ ބުނެފަ އެވެ. އަނެއްކޮޅުން މިދިޔަ ހޮނިހިރު ދުވަހު އިންޑިއަން ސުޕަރ ލީގުގައި އޭޓީކޭއާ ދެކޮޅަށް ކުޅޭ ބެންގަލޫރު 1-1 އިން އެއްވަރުވި މެޗު އެޓީމުން ކުޅުނީ ފުރަތަމަ އެގާރައިގައި އާއްމުކޮށް ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ނުލަ އެވެ.
“އަހަރެމެން މި ކުޅެނީ އަމިއްލަ ދަނޑުގައި ސަޕޯޓަރުންގެ ކުރިމަތީ. މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށް މި ޓީމުން މަސައްކަތްކުރާނެ. އެކަމަކު މިއަދު އަހަރެމެންނަށް ވަރަށް އުނދަގޫވާނެ އެއީ މާޒިޔާ އަކީ ވަރަށް ރަނގަޅަށް ޑިފެންސްކުރާ ޓީމަކަށްވެފަ އެމީހުންގެ އަމާޒަކަށް ވާނީ އަހަރެމެން ގޯލު ޖެހިޔަ ނުދީ ހިފެހެއްޓުން. އެކަމަކު މި ޓީމުގެ ކުޅުންތެރިންގެ ކޮމްބިނޭޝަން ވަރަށް ރަނގަޅު އަނެއްކާ ވިނިން މެންޓަލިޓީއެއް އެބައިން” ބެންގަލުރު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް ކޮލިފައިކޮށްދިނުމުގެ އެންމެ ބޮޑު ޒިންމާ އެޅިފައިވާ ޗެތުރީ ބުންޏެވެ.
ބެންގަލޫރުގެ ކަންޓީރަވާ ސްޓޭޑިއަމްގައި އެޓީމުން މިއަދު މާޒިޔާއާ ދެކޮޅަށް ނުކުންނާނީ ރާއްޖެ ގަޑިން ރޭގަނޑު ހަތެއް ޖަހާއިރު އެވެ.
Advertisement


Leave a Reply