އެގާ އައުމުން ލިވަޕޫލް ސަޕޯޓަރުންނާއެކު ރައީސް މައުމޫން ވެސް ސޯލްޓަށް!

Advertisement

އެގާ އައުމުން ލިވަޕޫލް ސަޕޯޓަރުންނާއެކު ރައީސް މައުމޫން ވެސް ސޯލްޓަށް!

ޢަބްދުﷲ އަޝްރަފް

އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބް ލިވަޕޫލުގެ އިތުރުން ރާއްޖޭގައިވެސް ރަޖިސްޓްރީކޮށްގެން ހިންގާ އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބްގެ ފަރާތުން ލިވަޕޫލްގެ ކުރީގެ ވައިސް ކެޕްޓަން ޑެނިއަލް އެގާ ރާއްޖެ ގެނެސް ސަޕޯޓަރުންނަށް ބައްދަލުކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ރޭ އެ ކުލަބުގެ ފަރާތުން ބޭއްވި ހާއްސަ އިވެންޓެއްގައި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމް ބައިވެރިވެ ވަޑައިގެންފިއެވެ.

ރޭ ސޯލްޓް ކެފޭގައި އޮތް މި ހަފްކާގައި ރައީސް މައުމޫންގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ބައިވެރިވެވެޑައިގެންފައިވާއިރު އެގާ އާ ބައްދަލުކުރުމަށްޓަކައި ލިވަޕޫލުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ސޯލްޓް ކެފޭ އަށް ޖަމާވިއެވެ. މި ހަފްލާގައި ލިވަޕޫލާއި ގުޅޭ ގޮތުންނާއި އެގާގެ ފުޓްބޯޅަ ހަޔާތާއި އަމިއްލަ ދިރިއުޅުމާއި ގުޅޭގޮތުން ސަޕޯޓަރުންނަށް އެގާ އާ ސުވާލުކުރުމަށް ދިން ފުރުސަތުގައި ރައީސް މައުމޫންގެ ފަރާތްޕުޅުންވެސް ގިނަ ސުވާލުތަކެއް އެގާ އާ ކޮށްފައިވެއެވެ.

ރޭގެ ހަފްލާގައި ލިވަޕޫލް ސަޕޯޓަރުންގެ ފަރާތުން އެގާ އަށް ހާއްސަ ހަދިޔާ އެއް ދީފައިވާއިރު އެގާ ވަނީ ލިވަޕޫލް ސަޕޯޓަރުންގެ ފަރާތުން އޭނާ އަށް ދިން މެހްމާންދާރީ އަށާއި ބެހެއްޓި ގާތްކަމަށް ޝުކުރު އަދާކޮށްފައެވެ.

“ލިވަޕޫލް އަހަރެންނަށް ކަމުދަނީ މިހެންވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައިވެސް ލިވަޕޫލް އޮންނަނީ އާއިލާއެއްގެ ގޮތަށް. އަހަރެމެނގެ ކުލަބަކީ މިގޮތަށް ބަދަހި ގުޅުމެއް ބާއްވާ ބައެއް. މިއީ އަހަރެންނަށް ވަރަށް ހާއްސަ ވަގުތެއް. މިވަގުތު ހާއްސަވަނީ އަހަރެންގެ ވަށައިގެން ދިވެހިރާއްޖޭގެ ލިވަޕޫލް ސަޕޯޓަރުން ތިބި ވަގުތަކަށް ވީތީ.” ރޭގެ އިވެންޓްގައި ވާހަކަދައްކަމުން އެގާ ބުނެފައިވެއެވެ.

2004 ވަނަ އަހަރު އުފަން ގައުމު ޑެންމާކުގެ ބްރޮންޑްބީ އިން ސީނިއާ ފުޓްބޯޅަ ކެރިއަރު ފެށި އެގާ ލިވަޕޫލަށް ބަދަލުވީ 2006 ވަނަ އަހަރު އެވެ. 2014 ވަނަ އަހަރުގެ އޮގަސްޓް މަހު ލިވަޕޫލް ދޫކޮށް އެގާ އަލުން ބަދަލުވީ ކުރީގެ ކްލަބް ބްރޮންޑްބީއަށެވެ. ލިވަޕޫލާ އެކު 2012 ވަނަ އަހަރުގެ އިނގިރޭސި ލީގު ކަޕް އަދި 2006 ވަނަ އަހަރުގެ އެފްއޭ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރި އެގާ އަކީ އޭނާ ކުޅުނު ދުވަސްވަރު ލިވަޕޫލްގެ ފަހަތް ބެލެހެއްޓުމުގައި މޮޅު ކުޅުމެއް ދައްކައި ވައިސް ކެޕްޓަން ކަން ވެސް ކުރި ކުޅުންތެރިއެކެވެ. ލިވަޕޫލްގައި ހޭދަކުރި ނުވަ ސީޒަނުގައި އެގާ ވަނީ އެ ކްލަބަށް 232 މެޗު ކުޅެދީ 14 ގޯލު ޖަހައިދީފަ އެވެ.

އެގާ ވަނީ ޑެންމާކުގެ ގައުމީ ޓީމުގައި 2005 އިން 2016 ވަނަ އަހަރާއި ހަމައަށް ކުޅެ 75 މެޗުގައި 11 ގޯލު ޖަހައިދީފަ އެވެ. ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރި އެގާ ވަނީ އެގައުމުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް 2007 ވަނަ އަހަރާއި 2012 ވަނަ އަހަރު ހޯދައިފަ އެވެ.

ފުޓްބޯޅަ ކުޅުން 2016 ވަނަ އަހަރު ހުއްޓާލުމަށް ފަހު މިހާރު އުމުރުން 35 އަހަރުގެ އެގާ ވަނީ އާއިލާއާ އެކު ސްޕެއިނަށް ބަދަލުވެފަ އެވެ. ފުޓްބޯޅަ ކުޅުންތެރިއެއްގެ އިތުރުން ޓެޓޫ އާޓިސްޓެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ އެގާ ސްޕެއިނަށް ބަދަލުވުމަށް ފަހު އޭނާގެ ބޭބެ އާއި ބޮޑުބޭބެ އަދި ކުރީގެ ގާތް ރައްޓެއްސަކާ އެކު ވިޔަފާރި ފެށި އެވެ. އަދި 2017 ވަނަ އަހަރު ގޯލްފް ޕްރޮޖެކްޓެއްގެ މަސައްކަތް ފަށައި ލިބޭ ފައިސާއިން ބައެއް އޭނާ އަންނަނީ އެގައުމުގެ ޗެރިޓީ ފަންޑަށް ހަދިޔާކުރަމުންނެވެ. ފަހުން އޭނާ ވަނީ “އެގާ ފޯ ޗެރިޓީ” ގެ ނަމުގައި ފައުންޑޭޝަނެއް އުފައްދައި ޗެރިޓީ އިވެންޓްތަކުގައި ލިވަޕޫލްގެ ކުރީގެ މަޝްހޫރު ކުޅުންތެރިން ކަމަށްވާ ސްޓީވެން ޖެރާޑާއި ޕެޕޭ ރެއިނާ ބައިވެރިކޮށްފަ އެވެ.

ލިވަޕޫލަށް ކުޅުން ހުއްޓާލުމަށް ފަހު އެގާ ވަނީ 2017 ވަނަ އަހަރުގެ މާޗް މަހު ޗެރިޓީ މެޗެއްގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެފަ އެވެ.

ލިވަޕޫލް ސަޕޯޓާސް ކްލަބް ރާއްޖޭގައި ރަޖިސްޓްރީ ކުރީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ސަޕޯޓަރުންގެ ކްލަބެއްގެ ގޮތުގައި ރަސްމީކޮށް ނުކުމެ މިހާތަނަށް ވަނީ ގިނަ ހަރަކާތްތަކެއް ހިންގައިފަ އެވެ. އޭގެތެރޭގައި ޔޫރަޕްގެ މަޝްހޫރު ކްލަބްތަކަށް ސަޕޯޓަރުންނަށް އަމާޒުކޮށްގެން މިދިޔަ އަހަރުގެ ކުރީކޮޅު ފުޓްސަލް މުބާރާތެއް ބޭއްވުމާއި އިޖުތިމާއީ ޒިންމާގެ ދަށުން މިދިޔަ މަހު ކެއާ ސޮސައިޓީ އޮފް މޯލްޑިވްސް އަށް 10،000 ރުފިޔާ ހަދިޔާކުރުން ހިމެނެ އެވެ. މީގެ އިތުރުން ސަޕޯޓާސް ކްލަބުން ވަނީ އޮފިޝަލް މެމްބަރޝިޕް އޮންނަ ސަޕޯޓަރުންނަށް މާލޭގެ “ކްލަބް 360” އިން ހާއްސަ ޑިސްކައުންޓެއް ލިބޭ ގޮތަށް ހަމަޖައްސައިފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *