ރެއާލް މެޑްރިޑަށް މުހިއްމު ވަގުތެއްގައި ހަޒާޑަށް އަނެއްކާވެސް ބޮޑު އަނިޔާއެއް!

ރެއާލް މެޑްރިޑަށް ސީޒަނުގެ މުހިއްމު މެޗުތަކެއް ކުޅެން ޖެހިފައިވާ ދަނޑިވަޅެއްގައި އެޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެޑެން ހަޒާޑަށް އަނެއްކާ ވެސް ބޮޑު އަނިޔާއެއްވެ ކުޅުމާ ދުރަށްދާން ޖެހިއްޖެ އެވެ.
ހަޒާޑުގެ ފައިގެ ކުޑަހުޅަށް އަނިޔާވީ ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ލެވަންޓޭ އަތުން 1-0 އިން ރެއާލް ބަލިވި މެޗުގަ އެވެ. އަނިޔާގެ ސަބަބުން 29 އަހަރުގެ ހަޒާޑް ކުޅުމާ ދުރަށްދާންޖެހޭނެ ސީދާ މުއްދަތު ނޭނގުނު ނަމަވެސް މި ހަފްތާ މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅޭ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގްގެ މެޗާއި އަންނަ މަހުގެ އެއް ވަނަ ދުވަހު ސްޕެނިޝް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ ވާދަވެރި އެލް ކްލަސިކޯ މެޗުގައި ހަޒާޑަށް ނުކުޅެވޭނެ އެވެ.
އަނިޔާވެގެން ހަޒާޑް އަނެއްކާވެސް ކުޅުމާ ދުރަށްދިޔައިރު ތިން މަސް ދުވަހު ކުޅުމާއި ދުރުގައި ހުރުމަށް ފަހު ހަޒާޑް ކުޅުމުގެ ތެރެއަށް އައިތާ އަދި މިވީ ހަފްތާއެކެވެ.

ލެވަންޓޭ މެޗުގައި ހަޒާޑަށް އަނިޔާވުމުން ކޯޗު ޒިދާން މަޑުކޮށްލައިގެން. ހަޒާޑަށް އަނިޔާވުމަކީ ރެއާލަށް ބޮޑު ގެއްލުމެއް
ރެއާލުން ބުނީ ހަޒާޑަށް އަނިޔާވެ އޭނާގެ ރިކަވަރީގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. ޗެލްސީގައި ތަފާތު މޮޅު ކުޅުމެއް ދެއްކުމަށް ފަހު ބޮޑު އަގުގައި ރެއާލަށް ބަދަލުވުމަށް ފަހު ހަޒާޑުގެ އަސްލު ކުޅުމަށް މިސީޒަނުގައި ހިޔަނި އެޅެމުންދަނީ އަނިޔާގެ ސަބަބުންނެވެ. ރެއާލްގެ ކޯޗު ޒިނެދިން ޒިދާނުގެ ގޭމްޕްލޭންގައި ހިމެނޭ މުހިއްމު މި ކުޅުންތެރިޔާ މި ސީޒަނުގައި ރެއާލަށް ކުޅެފައިވަނީ އެންމެ 15 މެޗެވެ.
ހަޒާޑުގެ ކަކުޅު ހުޅަށް މިފަހަރު ލިބުނު އަނިޔާ އަކީ އޭނާ ޗެލްސީގައި ހޭދަކުރި ދުވަސްވަރު 2017 ވަނަ އަހަރު ވެސް ފަރުވާ ހޯދަންޖެހުނު އަނިޔާ އެކެވެ. ޗެލްސީން ރެއާލަށް ބަދަލުވުމަށް ފަހު ވެސް ސީޒަނުގެ ކުރީކޮޅު އަނިޔާގެ ސަބަބުން ހަޒާޑަށް ނުކުޅެވުނެވެ.
ލެވަންޓޭއާ ދެކޮޅަށް ކުޅެ ބަލިވި މެޗުގެ ދެ ވަނަ ހާފުގައި ހަޒާޑް ބަދަލުކުރަން ޖެހުމުން ޒިދާން ބުނީ އަނިޔާ ރަނގަޅު ނޫން ކަމަށާއި، އިތުރަށް ގޯސްވުމުގެ ފުރުސަތު ވެސް ބޮޑު ކަމަށެވެ.
މި ސީޒަނުގެ ކޮޕަ ޑެލް ރޭ އިން ރެއާލް މިހާރު ކަޓާފައިވާއިރު އެޓީމުން މިހާރު މަސައްކަތްކުރަނީ ލީގު ޗެމްޕިއަންކަމާއި ޗެމްޕިއަންސް ލީގުގެ ތަށްޓަށެވެ. އެކަމަކު ލެވަންޓޭ އަތުން ބަލިވެ ރެއާލް މިހާރު ވަނީ ލީގުގެ ދެ ވަނަ އަށް ވެއްޓިފަ އެވެ. ޗެމްޕިއަންސް ލީގުގައި ޕެޕް ގާޑިއޯލާގެ ސިޓީއާ ދެކޮޅަށް ކުޅެންޖެހުމަކީ އެޓީމަށް އޮތް ވަރުގަދަ ޗެލެންޖެކެވެ.
Advertisement


Leave a Reply