ތައިލެންޑް މުބާރާތުން ދީމާ ރިހި މެޑަލް ހޯދައިފި

Advertisement

ތައިލެންޑް މުބާރާތުން ދީމާ ރިހި މެޑަލް ހޯދައިފި

ޢަލީ ޝަހީމް
މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ދީމާ މިއަދު ތައްޓާ ހަވާލުވެގެން. ދީމާ ވަނީ ރިހި މެޑަލް ހޯދައި ގައުމު ފަހުރުވެރިކޮށްދީފައި

ތައިލެންޑުގައި މިއަދު ހެނދުނު ނިމުނު ޗޮމްބޫރީ ޕީއޭއޯ އޯޕަން 2020 ޓޭބަލް ޓެނިސް މުބާރާތުގެ 15 އަހަރުން ދަށުގެ ސިންގަލްސް ބައިން ރާއްޖޭގެ އުއްމީދީ އަންހެން ޓީޓީ ކުޅުންތެރިޔާ 12 އަހަރުގެ ފާތިމަތު ދީމާ އަލީ ރިހި މެޑަލް ހޯދައިފި އެވެ. ދީމާ އަށް ރިހި މެޑަލް ލިބުނީ މީގެ ކުޑައިރުކޮޅެއް ކުރިން ނިމުނު ފައިނަލުގައި 15 އަހަރުން ދަށުގެ އުމުރުފުރާގައި ތައިލެންޑުގެ އެއް ވަނަ ކުޅުންތެރިޔާއާ ވާދަކޮށް ބަލިވުމުންނެވެ.

ކާމިޔާބީ ހޯދި ކުޅުންތެރިންގެ ތެރޭގައި ދީމާ. އެންމެ 12 އަހަރުގައި މިހާރު ވެސް ދީމާ ވަނީ ބައިނަލްއަގްވާމީ އެތައް މުބާރާތަކުން ރާއްޖެ އަށް ރަން ވަނަތައް ހޯދައިދީފައި

ތައިލެންޑުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާއާ ވާދަކޮށް ދީމާ ބަލިވީ 11-04، 11-06 އަދި 11-03 އިންނެވެ. ފައިނަލުން ބަލިވި ނަމަވެސް ދީމާ ވަނީ މުޅި މުބާރާތުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މުބާރާތުން ދީމާ ފުރުސަތު ހޯދީ ކޮލިފައިންގެ ހުރިހާ މެޗެއް ވެސް ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ. ކުއާޓާ ފައިނަލުން މެޗުން 3-1 އިން ދީމާ މޮޅުވިއިރު ސެމީ ފައިނަލުގައި ދީމާ ވަނީ ތައިލެންޑުގެ ކުޅުންތެރިޔާއާ ދެކޮޅަށް ކުޅެ 3-2 އިން މޮޅުވެފަ އެވެ. ސެމީ ފައިނަލުގައި މިއަދު ހެނދުނު ދީމާ ވަނީ ތައިލެންޑުގެ 15 އަހަރުން ދަށުން ދެ ވަނަ އަށް ރޭންކުކޮށްފައިވާ ކުޅުންތެރިޔާ ފަހަތުން އަރައި 3-2 އިން ބަލިކޮށްފަ އެވެ. ތައިލެންޑް ކުޅުންތެރިޔާ ފުރަތަމަ ދެ ސެޓު ގެންދިޔައީ 14-12 އަދި 12-10 އިންނެވެ. އެކަމަކު ހިތްވަރު އެލުވާނުލައި ދީމާ ވަނީ ފަހަތުން އަރައި ތިން ސެޓު ގެންގޮސް ތައިލެންޑުގެ ކުޅުންތެރިޔާ ސިއްސުވާލައިފަ އެވެ. ދީމާ މެޗުގެ ސެޓުތައް ގެންދިޔައީ 08-11، 06-11 އަދި 09-11 އިންނެވެ. ފުރަތަމަ ދެ ސެޓުން ބަލިވި ނަމަވެސް ފަހަތުން އަރައި ދީމާ ތިން ސެޓު ހޯދައި ފައިނަލަށް ދަތުރުކުރީ އިތުބާރާއި ޔަގީންކަމާއެކު ކުޅެ އެވެ.

މި މުބާރާތުގައި ދީމާ ވަނީ 18 އަހަރުން ދަށުގެ ބައިގައި ވެސް ވާދަކޮށްފަ އެވެ. އެބައިން ދީމާ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފައިވާއިރު ކުއާޓާ ފައިނަލުން ދީމާ ބަލިވީ ތައިލެންޑްގެ އެ އުމުރުފުރާގެ އެއް ނަންބަރު ކުޅުންތެރިޔާ އަތުންނެވެ.

ކާމިޔާބީއަށް ފަހު ދިމާގެ ކޯޗު، ތައިލެންޑުގެ ކޯޗު ޕިން ނޮންސަގޭޓްއާ އެކު ނަގާފައިވާ ފޮޓޯއެއް.

ގައުމީ ޗެމްޕިއަން ދީމާ އަކީ މިފަހަކަށް އައިސް ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތަކުގެ ޓީޓީ އިވެންޓުން ރާއްޖެއަށް އެންމެ ގިނަ ކާމިޔާބީތައް ހޯދައިދިން ކުޅުންތެރިޔާ އެވެ. ދީމާ ވަނީ މިދިޔަ އަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރާއްޖެއަށް ތިން ރަން މެޑަލް ހޯދައިދިނުމުގެ އިތުރުން ނޭޕާލްގައި އޮތް ސައުތު އޭޝިއަން ގޭމްސްގެ ޓީމު އިވެންޓުން ރާއްޖެއަށް ލޯ މެޑަލް ހޯދައިދީފަ އެވެ. މީގެ އިތުރުން ދީމާ ވަނީ ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހާސިލްކޮށް އޭޝިއާ ހޯޕްސް މުބާރާތުގެ ރިހި މެޑަލް ހޯދައި ވޯލްޑް ހޯޕްސް ސްކޮޑުން ފުރުސަތު ހޯދައިފަ އެވެ. މިއީ އަދި މިހާތަނަށް ދިވެހި އެއްވެސް ޓީޓީ ކުޅުންތެރިއަކަށް ހޯދިފައި ނުވާ ވަރުގެ ބޮޑު ކާމިޔާބީ އެކެވެ.

ދީމާ އަނެއްކާވެސް ރާއްޖެއަށް މި ހޯދައިދިން ބައިނަލްއަގްވާމީ ބޮޑު ކާމިޔާބީއަށް މަރުހަބާ ކިޔަމެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *