އަސަދުﷲ ހަ މަހަށް ވުރެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް
އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގެ ފުރަތަމަ ލެގްގައި މިދިޔަ ބުދަ ދުވަހު ގަލޮޅު ދަނޑުގައި އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވި އަސަދުﷲ އަބްދުﷲ ހަ މަހަށް ވުރެ ދިގު މުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ކަމަށް އޭނާ ކުޅޭ ކްލަބް މާޒިޔާ އިން ބުނެފި އެވެ.
ބެންގަލޫރު އަތުން 2-1 އިން މާޒިޔާ މޮޅުވި މެޗުގައި އަނިޔާވުމުގެ ސަބަބުން އަސަދުﷲ ވަނީ 12 ވަނަ މިނެޓުގައި ބަދަލުކޮށްފަ އެވެ. އަސަދުﷲ އަށް އަނިޔާވީ ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ނަގައިދިން ހުރަހެއް އޭރިޔާ ތެރެއިން ގޯލަށް ޖަހަން އުޅުމުގެތެރޭގަ އެވެ. މާޒިޔާ އިން ބުނީ އަސަދުﷲ ގެ ކަނާތު ކަކުލުގެ ލިގަމެންޓަށް އަނިޔާވެ ގާތްގަނޑަކަށް ހަ މަހާއި ހަތް މަހުގެ މުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ.
މާޒިޔާގެ ކެޕްޓަން އަސަދުﷲ އަކީ މި ސީޒަނުގައި އެޓީމަށް 13 ގޯލު ޖަހައިދީފައިވާ ކުޅުންތެރިއެކެވެ. އަނިޔާގެ ސަބަބުން އަސަދުﷲ ވަނީ މީގެ ކުރިން ވެސް ދިގު މުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިފަ އެވެ. 2017 ވަނަ އަހަރުގެ އޮގަސްޓް 19 ވަނަ ދުވަހުގެ ރޭ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ށ. މިލަންދޫ ފުޓްބޯޅަ ޓީމާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވީ އަސަދުﷲ ވާތު ކަކުލަށެވެ. އެ އަހަރުގެ ސެޕްޓެމްބަރު އޮޕަރޭޝަނަށް ކުރުމަށް ފަހު އަސަދުﷲ ކުޅުމުގެ ތެރެއަށް އައީ 2018 ވަނަ އަހަރުގެ މެއި މަހުގެ ހަތް ވަނަ ދުވަހުގެ ރޭ މާލޭ ލީގުގައި ކްލަބް ވެލެންސިއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ނުވަ މަހަށް ފަހު ކުޅުމުގެ ތެރެއަށް އެނބުރި އައި މެޗުގައި އަސަދުﷲ ވަނީ ގޯލު ޖަހައިފަ އެވެ.
އަސަދުﷲގެ އަނިޔާއާ ގުޅިގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު އަލީ ސުޒޭން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އަސަދުﷲ އަކީ ފުޓްބޯޅައިގައި އޭނާ ހޭދަކުރި ދިގު ތާރީހުގައި ފެނުނު އެންމެ ބުރަކޮށް މަސައްކަތްކުރާ އެއް ކުޅުންތެރިޔާ ކަމަށެވެ. ސުޒޭން ވަނީ އަސަދުﷲ ވީއެންމެ އަވަހަކަށް ކުޅުމުގެ ތެރެއަށް އަނބުރާ އައުމަށް އެދޭކަމަށް ބުނެފަ އެވެ.
may Allaah SW bless you with a speedy recovery , be strong & comeback soon Asako, one of the hardworking player I have ever known #AsadullaAbdulla #GoldenShoeWinner2014n2015 #FootballerOfTheYear2014n2015 pic.twitter.com/12a2U6ct1k
— ALI SUZAIN???????? (@alisuzain) February 21, 2020
ގޯލާ ރައްޓެހި އަސަދުﷲ އަކީ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ދެ އަހަރު ހޯދާފައިވާ ކުޅުންތެރިއެކެވެ. އަސަދުﷲ އަށް އަނިޔާވިއިރު މާޒިޔާގެ ނާއިޒް ހަސަން (ދާދު) ވެސް މިވަގުތު ހުރީ އަނިޔާގަ އެވެ. މާޒިޔާ އަށް މި ސީޒަނުގައި ރާއްޖޭގެ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕްގެ އިތުރުން އޭއެފްސީ ކަޕްގެ ޕްލޭއޮފް ދެ ވަނަ ލެގްގެ މެޗު އެބައޮތެވެ. ބުދަ ދުވަހު ބެންގަލޫރާ ވާދަކުރާ ދެ ވަނަ ލެގްގެ މެޗު އެއްވަރުކޮށްލައިގެން ވެސް މިއަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން މާޒިޔާ އަށް ޖާގަ ލިބޭނެ އެވެ. އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން މާޒިޔާއަށް ފުރުސަތު ލިބިއްޖެ ނަމަ ކެޕްޓަން އަސަދުﷲ ނެތުމަކީ އެޓީމަށް ކުރިމަތިވާނެ ބޮޑު ގެއްލުމެކެވެ.
ގައުމީ ޓީމުގައި ވެސް ހިމެނޭ އަސަދުﷲ އަށް ލިބުނު އަނިޔާއާ ގުޅިގެން ފީފާ ވޯލްޑް ކަޕާއީ އޭއެފްސީ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ރާއްޖޭން ދެން ވާދަކުރާ ތިން މެޗުގައި ވެސް އަސަދުﷲ އަށް ނުކުޅެވޭނެ އެވެ. އަންނަ މަހުގެ 26 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ނުކުންނައިރު އޭގެ ފަސް ދުވަސް ފަހުން ގަލޮޅު ދަނޑުގައި ރާއްޖޭން ސީރިއާ ވާދަކުރާނެ އެވެ. ކޮލިފައިންގެ ފަހު މެޗުގައި ޖޫން މަހު ގައުމީ ޓީމު ކުޅޭނީ ރަށުން ބޭރުގައި ފިލިޕީންސާ ދެކޮޅަށެވެ.
Advertisement
Leave a Reply
ހިތްވަރު ކުރޭ އަސައްކޮ !