ދީމާ ތައިލެންޑް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި، ސާބަސް!

Advertisement

ދީމާ ތައިލެންޑް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި، ސާބަސް!

ޢަލީ ޝަހީމް
ދީމާ މީގެ ކުރިން ކުޅުނު މުބާރާތެއްގެ މެޗެއްގެ ތެރެއިން. ތައިލެންޑުގައި ކުރިއަށްދާ މުބާރާތުގެ ފައިނަލަށް ވަނީ ދަތުރުކޮށްފައި

ތައިލެންޑުގައި ޗޮމްބޫރީގައި މިހާރު ކުރިއަށްދާ ޗޮމްބޫރީ ޕީއޭއޯ އޯޕަން 2020 ޓޭބަލް ޓެނިސް މުބާރާތުގެ 15 އަހަރުން ދަށުގެ ބައިގެ ފައިނަލުގެ ޖާގައެއް ރާއްޖޭގެ އުއްމީދީ ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ހޯދައިފި އެވެ. ސިންގަލްސް އިވެންޓުގެ ފައިނަލުން ދީމާ ޖާގަ ހޯދުމާއެކު މިހާރު ވަނީ މެޑަލް ޔަގީން ވެފަ އެވެ.

އެތައް ފަހަރަކު ރާއްޖެ ފަހުރުވެރި ކޮށްދީފައިވާ ދީމާ ފައިނަލުން ޖާގަ ހޯދީ މިއަދު ހެނދުނު ކުޅުނު ސެމީ ފައިނަލް މެޗުގައި ތައިލެންޑުގެ ދެ ވަނަ އަށް ރޭންކުކޮށްފައިވާ ކުޅުންތެރިޔާގެ މައްޗަށް ފަހަތުން އަރައި 3-2 އިން މޮޅުވެގެންނެވެ. ތައިލެންޑް ކުޅުންތެރިޔާ ފުރަތަމަ ދެ ސެޓު ގެންދިޔައީ 14-12 އަދި 12-10 އިންނެވެ. އެކަމަކު ހިތްވަރު އެލުވާނުލައި ދީމާ ވަނީ ފަހަތުން އަރައި ތިން ސެޓު ގެންގޮސް ތައިލެންޑުގެ ކުޅުންތެރިޔާ ސިއްސުވާލައިފަ އެވެ. ދީމާ މެޗުގެ ސެޓުތައް ގެންދިޔައީ 08-11، 06-11 އަދި 09-11 އިންނެވެ. ފުރަތަމަ ދެ ސެޓުން ބަލިވި ނަމަވެސް ފަހަތުން އަރައި ދީމާ ތިން ސެޓު ހޯދައި ފައިނަލަށް ދަތުރުކުރީ އިތުބާރާއި ޔަގީންކަމާއެކު ކުޅެ އެވެ.

ދިމާ ވާދަކުރާ ފައިނަލް މެޗު މިއަދު މެންދުރު ކުރި ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. ފައިނަލުގައި ދީމާ ނުކުންނާނީ ތައިލެންޑުގެ 15 އަހަރުން ދަށުން އެއް ވަނަ އަށް ރޭންކުކޮށްފައިވާ ކުޅުންތެރިޔާއާ ދެކޮޅަށެވެ.

15 އަހަރުން ދަށުގެ ބައިން ސެމީ ފައިނަލަށް ދީމާ ދަތުރުކުރީ އިއްޔެ ހަވީރު ކުޅުނު މި އުމުރު ފުރައިގެ ކުއާޓާ ފައިނަލް މެޗްގައި ތައިލެންޑްގެ ކުޅުންތެރިޔާ 3 ސެޓް 2 ސެޓުން ބަލިކުރުމަށް ފަހު އެވެ. ކުއާޓާ ފައިނަލްގެ ކުރިން ކުޅުނު މުބާރާތުގެ ފުރަތަމަ ބުރުގެ މެޗް ދީމާ ކާމިޔާބުކޮށްފައިވަނީ 1-3 އިންނެވެ. މި މުބާރާތުން ދީމާ ފުރުސަތު ހޯދީ މުބާރާތަށް ކޮލިފައިވުމަށް ކުޅުނު ހުރިހާ މެޗެއްވެސް ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ.

މި މުބާރާތުގައި ދީމާ ވަނީ 18 އަހަރުން ދަށުގެ ބައިގައި ވެސް ވާދަކޮށްފަ އެވެ. އެބައިން ދީމާ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފައިވާއިރު ކުއާޓާ ފައިނަލުން ދީމާ ބަލިވީ ތައިލެންޑްގެ އެ އުމުރުފުރާގެ އެއް ނަންބަރު ކުޅުންތެރިޔާ އަތުންނެވެ.

ގައުމީ ޗެމްޕިއަން ދީމާ އަކީ މިފަހަކަށް އައިސް ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތަކުގެ ޓީޓީ އިވެންޓުން ރާއްޖެއަށް އެންމެ ގިނަ ކާމިޔާބީތައް ހޯދައިދިން ކުޅުންތެރިޔާ އެވެ. ދީމާ ވަނީ މިދިޔަ އަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރާއްޖެއަށް ތިން ރަން މެޑަލް ހޯދައިދިނުމުގެ އިތުރުން ނޭޕާލްގައި އޮތް ސައުތު އޭޝިއަން ގޭމްސްގެ ޓީމު އިވެންޓުން ރާއްޖެއަށް ލޯ މެޑަލް ހޯދައިދީފަ އެވެ. މީގެ އިތުރުން ދީމާ ވަނީ ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހާސިލްކޮށް އޭޝިއާ ހޯޕްސް މުބާރާތުގެ ރިހި މެޑަލް ހޯދައި ވޯލްޑް ހޯޕްސް ސްކޮޑުން ފުރުސަތު ހޯދައިފަ އެވެ. މިއީ އަދި މިހާތަނަށް ދިވެހި އެއްވެސް ޓީޓީ ކުޅުންތެރިއަކަށް ހޯދިފައި ނުވާ ވަރުގެ ބޮޑު ކާމިޔާބީ އެކެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *