ފުރިހަމަ މޮޅަކާއެކު ޔުނައިޓެޑް ގަދަ ހަތަރެއްގެ އުއްމީދު އާކޮށްފި

Advertisement

ފުރިހަމަ މޮޅަކާއެކު ޔުނައިޓެޑް ގަދަ ހަތަރެއްގެ އުއްމީދު އާކޮށްފި

ޢަލީ ޝަހީމް

އަމިއްލަ ދަނޑުގައި 3-0 އިން ވެޓްފޯޑް ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް އެރުމުގެ އުއްމީދު މެންޗެސްޓަރ ޔުނައިޓެޑުން އާކޮށްފި އެވެ.

މިރޭ ހޯދި މުހިއްމު މޮޅާއެކު ޔުނައިޓެޑް ވަނީ 41 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. އެޓީމުގެ ކުރިން ހަތަރު ވަނައިގައި އޮތީ 44 ޕޮއިންޓް ހޯދާފައިވާ ޗެލްސީ އެވެ. މި ދެޓީމުގެ އިތުރުން ހަތަރު ވަނަ ޖާގަ އަށް ވާދަކުރާ ޓޮޓެންހަމް ހޮޓްސްޕާސް އާއި ޝެފީލްޑް ޔުނައިޓެޑަށް ވަނީ 40 ޕޮއިންޓް ލިބިފަ އެވެ. ތާވަލުގެ ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ އަށް 50 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް ވަނީ 57 ޕޮއިންޓް ލިބިފަ އެވެ. 76 ޕޮއިންޓާއެކު އެއް ވަނައިގައި އޮތީ ލީގު ގާތްގަނޑަކަށް ކަށަވަރުކޮށްފައިވާ ލިވަޕޫލެވެ. މެޗުން ބަލިވި ވެޓްފޯޑް އޮތީ 24 ޕޮއިންޓާއެކު ތާވަލުގެ ފަހަތުން ދެ ވަނައިގަ އެވެ.

Advertisement

ޔުނައިޓެޑުން މެޗުގައި ޖެހި ތިން ގޯލުގެ ތެރެއިން ފުރަތަމަ ގޯލަކީ ލިބުނު ޕެނަލްޓީއަކުން ޖެނުއަރީ މަހު އެޓީމަށް 47 މިލިއަން ޕައުންޑަށް ބަދަލުވި ބްރޫނޯ ފެނާންޑޭސް ޖެހި ގޯލެކެވެ. މި ޕެނަލްޓީ ލިބުނީ ވެޓްފޯޑުގެ ގޯލްކީޕަރު ބެން ފޯސްޓާ ފެނާންޑޭސް އަށް ކުރި ފައުލަކަށެވެ. ފެނާންޑޭސް ވަނީ ސީނިއާ ކެރިއަރުގައި އެންމެ ފަހުން ޖެހި 13 ޕެނަލްޓީ ވެސް ވައްދާލައިފަ އެވެ. އެންމެ ފަހުން ފެނާންޑޭސަށް ޕެނަލްޓީއެއް ވައްދާނުލެވުނީ 2016 އޭޕްރީލްގައި އިޓަލީގެ ޔުދިނޭސީ އަށް ކުޅުނު ދުވަސްވަރު އެވެ.

ދެ ވަނަ ހާފުގައި ވެޓްފޯޑުގެ ޓްރޮއި ޑީނޭ ޔުނައިޓެޑްގެ ގޯލަށް ބޯޅައެއް ވައްދާލިނަމަވެސް އޭގެ ކުރިން އެޓީމުގެ ޑިފެންޑަރު ކްރެއިގް ޑޯސަން އަތުގައި ޖެހުމުން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ އެއީ ގޯލެއް ނޫން ކަމަށް ނިންމައިފަ އެވެ. ޔުނައިޓެޑްގެ ދެ ވަނަ ގޯލު ދެ ވަނަ ހާފުގައި ޖެހީ އެންތަނީ މާޝިއަލް އެވެ. ތިން ވަނަ ގޯލު ފެނާންޑޭސް ދިން ބޯޅައަކުން ކާމިޔާބުކުރީ 18 އަހަރުގެ ފޯވާޑް މޭސަން ގްރީންވުޑް އެވެ. ތިން ގޯލުގެ ލީޑެއް ލިބުމުން ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ ޖެނުއަރީ މަހު އެޓީމަށް ބަދަލުވި ނައިޖީރިއާގެ ފޯވާޑް އޮޑިއޮން އިގާލޯ ފަހު 10 މިނެޓަށް އަރުވައިފަ އެވެ. މެޗުގައި އިގާލޯ އަށް ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ބޯޅަ ވެޓްފޯޑުގެ ޑިފެންޑަރަކު ވަނީ މަތަކޮށްފަ އެވެ.

ޔުނައިޓެޑުން ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ބައިކޮޅަށް ގޯލެއް ނުވަދެ އެވެ. އަނެއްކޮޅުން އަމިއްލަ ދަނޑުގައި އެންމެ ފަހުން އެޓީމުން ލީގުގައި ކުޅުނު 236 މިނެޓުގައި ގޯލެއް ޖެހިފައެއްނުވެ އެވެ. އެއީ ބާންލީ އަތުން ބަލިވި މެޗާއި ވުލްވްސްއާ ވާދަކޮށް 0-0 އިން އެއްވަރުވި މެޗެވެ. އެކަމަކު މިރޭ އެޓީމުގެ އެޓޭކުގައި ތިބި ކުޅުންތެރިންގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފަ އެވެ.

ލީގުގައި މިރޭ ކުޅޭނީ އާސެނާލާއި އެވަޓަން އެވެ. ގަދަ ހަތަރަކުން ފުރުސަތު ހޯދުމަށް މިރޭގެ މެޗުން އާސެނަލް މޮޅުވުން މަޖުބޫރެވެ. ލީގުގައި މި ހަފްތާ ކުޅޭ ފަހު މެޗުގައި މާދަމާ ރޭ ލިވަޕޫލުން އަމިއްލަ ދަނޑުގައި ނުކުންނާނީ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *