ވީއޭއާރު: ޕްރިމިއާ ލީގުގެ ކްލަބްތަކަށް މުސީބާތަކަށް ވަނީ؟

“އޭގެ ސަބަބުން ފުޓްބޯޅަ އަބަދުގެ އަބަދަށް ހަލާކުވެގެން ހިނގައިދާނެ” މިއީ ފުޓްބޯޅައިގެ ލެޖެންޑަކު ބުނި އެއް ވާހަކަ އެވެ. ހަމަ އެކަހަލަ ދެ ވަނަ މީހަކު ބުނެފައިވަނީ އެއިން ނިންމި ނިންމުމަކީ “ގަބޫލުކުރަންވެސް ދަތި” ނިންމުމެއް ކަމަށެވެ. އެ ދެމީހުންވެސް އެ އިޝާރާތްކުރީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އަށެވެ. އިއްޔެ އަކީ އަނެއްކާވެސް އިނގިރޭސި ޕްރިމިއާ ލީގުގައި ވީއޭއާރުއާ ގުޅޭ ގޮތުން ހޫނު ބަހުސްތަކެއް އުފަން ކުރުވި ދުވަހެކެވެ. ދެ ލެޖެންޑުންގެ ވާހަކަވެސް ގުޅިފައިވަނީ އިއްޔެ ޕްރިމިއާ ލީގުގައި ފެނިގެންދިޔަ ވީއޭއާރުގެ ބައެއް ނިންމުންތަކާ އެވެ.
ވީއޭއާރާ ގުޅޭ ގޮތުން އިއްޔެ އެންމެ ފުރަތަމަ ވާހަކަދެއްކި އެކަކީ ޗެލްސީގެ ކޯޗް ފްރޭންކް ލަމްޕާޑެވެ. ޕްރިމިއާ ލީގުގައި އިއްޔެ ޓޮޓެންހަމް ހޮޓްސްޕާސްއާ ވާދަކޮށް ޗެލްސީ އިން ކުރި ހޯދި މެޗަށް ފަހު ވާހަކަދައްކަމުން ޗެލްސީގެ ކުރީގެ ކުޅުންތެރިޔާ ލަމްޕާޑް ބުނީ ވީއޭއާރުގެ ޓެކްނޮލޮޖީއާ ގުޅޭ ގޮތުން ބޮޑެތި ސުވާލު މާކްތަކެއް އެބަހުރި ކަމަށެވެ. ލަމްޕާޑް އެ ސުވާލު އެންމެ ބޮޑަށް އުފެއްދި ސަބަބެއް ކަމަށް ބެލެވެނީ އިއްޔެ އެންމެ ފުރަތަމަ ކުޅުނު ޕްރިމިއާ ލީގު މެޗްގައި ޓޮޓެންހަމްގެ މިޑްފީލްޑަރު ޖިއޮވާނީ ލޮ ސެލްސޯ ކުރި ނުރައްކާތެރި ފައުލާ ގުޅިގެން އޭނާ އަށް އެއްވެސް އަދަބެއް ނުލިބި ސަލާމަތްވުމުންނެވެ.
“އަހަރެން ބޭނުން އޭތި ރަގަޅަށް މަސައްކަތްކުރަން. ރެފްރީންނަށް އެއިން އެހީތެރިކަން ލިބެން. އަދި އޭގެ ސަބަބުން މެޗް ރަގަޅަށް ގެންދެވޭނެ ގޮތް ވާން. އެކަމަކު މިއަދު އެކަން ވީ ވަރަށް ގޯސްކޮށް. ރެފްރީން ކުރަމުން އައީ ވަރަށް އުނދަގޫ މަސައްކަތެއް. ވީއޭއާރު ތައާރަފްކުރީ އެމީހުންނަށް އެހީވާން. އަހަރެން ބޭނުމެއް ނޫން ކުޅުންތެރިޔަކަށް ރަތް ކާޑެއް ލިބޭކަށް. އެކަމަކު އެއީ ކުޅުންތެރިއެއްގެ ފައި ބިންދައިލަފާނެ ވަރުގެ ފައުލެއް” ލޮ ސެލްސޯ ކުރި ފައުލަށް އިޝާރަތްކޮށް ލަމްޕާޑް ބުންޏެވެ.
ވީއޭއާރުއާ ގުޅޭ ގޮތުން މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ތަރި އަދި ގޯލްކީޕަރު ޑެންމާކްގެ ޕީޓަރ ޝްމައިކަލް ބުނެފައިވަނީ ވީއޭއާރު ބޭނުންކުރުން ހުއްޓާ ނުލައިފިނަމަ ފުޓްބޯޅަ ހަލާކުވެގެން ހިނގައިދާނެ ކަމަށެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ މެޗްތަކުގައި ވީއޭއާރު ބޭނުންކުރަން ފެށީ މި ސީޒަނުގަ އެވެ. އެކަމަކު މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ވެސް ޕްރިމިއާ ލީގުގެ މެޗްތައް ބަލާ ސަޕޯޓަރުންގެ ނުރުހުން ވަރަށް ބޮޑަށް ވީއޭއާރަށް ވަނީ އަމާޒުވެފަ އެވެ. ބައެއް ސަޕޯޓަރުން ބުނާ ގޮތުގައި ވީއޭއާރުގެ ނިންމުތަކަށް ބައެއް ފަހަރު ދިގު ވަގުތު ތަކެއް ހޭދަވުމުން ފުޓްބޯޅައަށް އޮތް ޝައުގުވެރިކަމާއި ފޯރި މިހާރު ކެނޑެމުން އަންނަ ކަމަށެވެ.
ޕްރިމިއާ ލީގުގެ ވީއޭއާރުގެ ކަންކަން ބަލަހައްޓަމުން އަންނަ އެންމެ އިސް ފަރާތް ކަމަށްވާ ނީލް ސްވާބްރިކް ވަނީ ފުރަތަމަ ދުވަސްކޮޅުގެ ތަޖްރިބާއަށް ބަލައި ވީއޭއާރަށް 10 އިން 07 މާކްސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ދީފަ އެވެ. އަދި ވީއޭއާރުގެ ކަންކަން ރަގަޅަށް ހަމައަކަށް އެޅެންދެން ސަޕޯޓަރުން ކެތްތެރިވުމަށް ނީލް ވަނީ އޭރު އެދިފަ އެވެ.
ޗެލްސީ މެޗުގައި ވީ ކިހިނެއް؟
ޓޮޓެންހަމް އަތުން 1-2 އިން ޗެލްސީ މޮޅުވި މެޗްގެ 52 ވަނަ މިނެޓްގައި ޗެލްސީގެ ޑިފެންޑަރު ސެޒާ އަޒްޕިލިކުއެޓާ އަށް ޓޮޓެންހަމްގެ މިޑްފީލްޑަރު ލޮ ސެލްސޯ ޓެކުލް ކުރުމާއެކު ލޮ ސެލްސޯ އެރީ އަޒްޕިލިކުއެޓާގެ ފައިމައްޗަށް ކޮޅަށެވެ. އެކަމާ ގުޅިގެން މެޗުގައި ރެފްރީކަންކުރި މައިކެލް އޮލިވާ، ލޮ ސެލްސޯއާ މެދު އެއްވެސް ފިޔަވަޅެއް ނާޅައި ދޫކޮށްލުމުން ވީއޭއާރު ބަލަހައްޓަން ހުރި ޑޭވިޑް ކޫޓޭ އެ ހާދިސާ ރިވިއު ކުރަން ނިންމި އެވެ. ވީއޭއާރުގެ އެހީގައި ހާދިސާ ރިވިއު ކުރުމަށްފަހު އޭނާ ވެސް ނިންމީ އެއީ ރަތް ކާޑެއް ދައްކަންޖެހޭ ވަރުގެ ކަމެއް ނޫންކަމަށެވެ.
އެ ހާދިސާއާ ގުޅޭގޮތުން ބީބީސީ ރޭޑިއޯ އިން މެޗްގެ ކޮމެންޓްރީ ގެނެސްދިން މާކް ޗެޕްމަން އަށް ޕްރިމިއާ ލީގުގެ ރެފްރީންގެ ކަންކަން ބަލަހައްޓާ ބޯޑުން ފޮނުވި ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ އެއީ އެހާ ފާޅުކަން ބޮޑު ގޯހެއް ނޫން ކަމަށާއި ވީއޭއާރަށް ގަބޫލުކުރެވުނު ގޮތުގައި އެވަގުތު ލޮ ސެލްސޯ ފައި އެޅޭނެ އިތުރު އެހެން ތަނެއް ނެތް ކަމަށެވެ.

ލޮ ސެލްސޯ ޗެލްސީގެ އަޒްޕިލިކިއުޓާ ފަޔަށް އަރަނީ. ލޮ ސެލްސޯ އަށް ރަތެއް ނުދެއްކުމުން ގިނަ ބަޔަކަށް ލިބުނީ ހައިރާންކަން
ޕްރިމިއާ ލީގުގައި މިދިޔަ ހަފްތާގައި ޗެލްސީ އިން މެންޗެސްޓާ ޔުނައިޓެޑާ ވާދަކުރި މެޗުގައި ވެސް ވީއޭއާރުގެ ސަބަބުން އިންސާފު ނުލިބުނު ކަމަށް ޗެލްސީ އިން ގަބޫލުކުރުމުގެ ފުރުސަތު އެބައޮތެވެ. ޔުނައިޓެޑް އަތުން ބަލިވި މެޗްގައި ޗެލްސީގެ މިޗީ ބަޓްޝުއާޔީ އަށް ޔުނައިޓެޑްގެ ޑިފެންޑަރު ހެރީ މެގުއާ ކުރި ފައުލަކަށް މެގުއާ އަށް ރަތް ކާޑު ނުދެއްކުމުގެ ސަބަބުން ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.
ޗެލްސީ އާއި ޓޮޓެންހަމް ބައްދަލުކުރި މެޗްގެ ފަހުން ކުޅުނު ބާންލީ އާއި އޭއެފްސީ ބޯންމައުތު ބައްދަލުކުރި މެޗާއި އެންމެ ފަހުން ރޭ ކުޅުނު މެންޗެސްޓާ ސިޓީ އާއި ލެސްޓާ ސިޓީ ވާދަކުރި މެޗްގައި ވީއޭއާރުގެ އެހީގައި ނިންމި ބައެއް ނިންމުންތަކަކީވެސް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި ނިންމުންތަކަކަށްވި އެވެ.
ބާންލީ މެޗުގައި ވީ ކިހިނެއް؟
ބާންލީ އަތުން 0-3 އިން ބޯންމައުތު ބަލިވި މެޗްގައި ބޯންމައުތާއި ދެކޮޅަށް ވަރަށް ބޭއިންސާފް ނިންމުންތަކެއް ވީއޭއާރުގެ އެހީގައި ނިންމާފައިވާ ކަމަށް ބޯންމައުތުގެ ކޯޗް އެޑީ ހޯވް ގަބޫލުކުރެ އެވެ. މެޗްގައި ބާންލީ އިން 0-1 ގެ ލީޑެއްގައި ވަނިކޮށް ބޯންމައުތުގެ ހެރީ ވިލްސަން ބާންލީގެ ގޯލަށް ބޯޅަ ވައްދާލި ނަމަވެސް އެ ގޯލަށް ފަހު ވީއޭއާރުން ރިވިއުކުރުމަށް ފަހު ނިންމީ ބޯޅަ ގޯލަށް ފޮނުވާލުމުގެ ކުރިން ބާންލީގެ ކުޅުންތެރިއަކު ބޯންމައުތުގެ ޕެނަލްޓީ އޭރިޔާގެ ތެރެއަށް ހުރަސް ކޮށްލި ބޯޅައެއް ސާފުކޮށްލުމުގެ ގޮތުން އެޓީމްގެ އެޑަމް ސްމިތު ގަސްތުގައި ބޯޅައިގައި އަތުން ޖެހި ކަމަށާއި، އެހެން ކަމަށްވުމާއެކު އެއީ ގޯލެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި ބާންލީ އަށް ޕެނަލްޓީ އެއް ލިބެންޖެހޭ ކަމަށެވެ.

ވީއޭއާރުގެ އެހީގައި ބާންލީ އަށް ޕެނަލްޓީ ދިނުމުން ބޯންމައުތުގެ ކޯޗު ހިތްހަމަނުޖެހުން ފާޅުކުރަނީ. ވީއޭއާރުގެ ގިނަ ނިންމުންތަކެއް ރޭ ފެނިގެންދިޔަ
މެންޗެސްޓާ ސިޓީ އާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗްގައި ވީ ކިހިނެއް؟
މި މެޗްގައި ވީއޭއާރުގެ ސަބަބުން އެންމެ ބޮޑު ބޭއިންސާފެއް ލިބުނު ކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ ލެސްޓާ ސިޓީ އަށެވެ. މެޗްގައި ލެސްޓާގެ ކިލެޗީ އީނާޗޯ ސިޓީގެ ޕެނަލްޓީ އޭރިޔާގެ ތެރެއިން ބޯޅަ ހޯދަން މަސައްކަތްކުރި ވަގުތު ސިޓީގެ ގޯލް ކީޕަރު އެޑަސަން ބޯޅަ ހޯދަން ފުންމައިގެން އަރައި ލެސްޓާގެ ކުޅުންތެރިއާ ފައުލްކުރި ކަމަށް ބަލައި ލެސްޓާ އަށް ޕެނަލްޓީއެއް ދޭން ޖެހޭނެ ކަމަށް އެޓީމުން ގަބޫލުކުރެ އެވެ. އެކަމަކު އެ ހާދިސާ ވީއޭއާރުން ރަގަޅަށް ބަލައިފައި ވެސް ނުވެ އެވެ.
އެ ހާދިސާ އަށްވުރެ ވެސް ބޮޑަށް ލެސްޓާގެ ނުތަނަވަސްކަން އިތުރުވީ އެޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި ޖޭމްސް މަޑިސަން ފޮނުވާލި ބޯޅަ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރި ސިޓީގެ ކެވިން ޑި ބްރޭނާގެ އަތުގައި ޖެހުމުން ވެސް ލެސްޓާ އަށް ޕެނަލްޓީ އެއް ނުދިނުމުންނެވެ.

ސިޓީގެ ކީޕަރު އެޑަސަން އީނާޗޯ އަށް ފައުލް ކުރަނީ. ލެސްޓާ އިން ޕެނަލްޓީއަކަށް އެޕީލްކުރި ނަމަވެސް ވީއޭއާރުން ބަލާފައެއްނުވޭ
“އަހަރެމެން މިތިބީ ވަރަށް ހިތްހަމަނުޖެހިފަ. އަހަރެމެންނަށް ޕެނަލްޓީއެއް ނުލިބުނީމަ. އެއީ ވަރަށް ސާފުކޮށް ފެންނަން އޮތް ކަމެއް. ލެސްޓާ ސިޓީގެ ކޯޗް ބްރެންޑަން ރޮޖާސް މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ބުންޏެވެ.
“އަހަރެން ގަބޫލުކުރާ ގޮތުގައި އެ ސަބަބަށްޓަކައި ވީއޭއާރު ގެނެވުނީ. އެ ބޯޅަ ދިޔައީ ގޯލާ ދިމާލަށް. ގޯލްގެ ކަނަށް. ދެން ކެވިން ޑި ބްރޭނާ އެ ބޯޅަ ހުއްޓުވީ. އަތް މައްޗަށް ހިއްލައިގެން. އެއީ ޕެނަލްޓީ އެއް.” ރޮޖާސް ބުނެފައިވެ އެވެ.
ކޮންމެއަކަސް ވީއޭއާރުގެ ސަބަބުން އެކި ފަހަރު ލަނޑު ލިބެނީ އެކި ކުލަބަށެވެ. މިރޭ އަނެއްކާ ވާނީ ކިހިނެއްކަން ހިޔާލަށްވެސް ގެންނަން މިހާރު ފަސޭހައެއް ނޫނެވެ.
Advertisement


Leave a Reply