ޗެލްސީ ގަދަ ހަތަރެއްގައި ހަމަޖެހިލިއިރު ސިޓީ އަށް ގުޑުމެއް ނޭރި
އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ ޗެލްސީން ޓޮޓެންހަމް ހޮޓްސްޕާސް 2-1 އިން ބަލިކުރިއިރު ރަށުން ބޭރުގައި މެންޗެސްޓަރ ސިޓީން 1-0 އިން ލެސްޓާ ސިޓީ ބަލިކޮށްފި އެވެ.
ޓޮޓެންހަމް އަތުން ހޯދި މުހިއްމު މޮޅާއެކު ޗެލްސީ ވަނީ ހަތަރު ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެޓީމަށް 44 ޕޮއިންޓް ލިބިފައިވާއިރު ފަސް ވަނައިގައި އޮތް ޓޮޓެންހަމަށް ލިބިފައިވަނީ 40 ޕޮއިންޓެވެ. ޗެލްސީއާ އެކު ގަދަ ހަތަރަކަށް ވާދަކުރަމުން އަންނަ ޝެފީލްޑް ޔުނައިޓެޑް ވަނީ ރޭ އަމިއްލަ ދަނޑުގައި ބްރައިޓަންއާ ވާދަކޮށް 1-1 އިން އެއްވަރުވެފަ އެވެ. ހަ ވަނައިގައި އޮތް ޝެފީލްޑަށް ވެސް ލިބިފައިވަނީ 40 ޕޮއިންޓެވެ.
އިއްޔެގެ މެޗުގައި ޗެލްސީން ވަނީ މޮޅަ ކުޅެ ޓޮޓެންހަމްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެޓީމުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގައި ޖެހީ އޮލިވިއޭ ޖިރޫޑް އެވެ. މި ސީޒަނުގެ ލީގުގައި ޖިރޫޑް ގޯލަށް ވައްދާލި ފުރަތަމަ ބޯޅައިގެ ފަހު ނިންމުން އައީ ވިޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގަ އެވެ. ލީގުގައި މިދިޔަ ހަފްތާ މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީން ޖެހި ދެ ގޯލު ވަނީ ވީއޭއާރުގެ އެހީގައި ކެންސަލްކޮށްފަ އެވެ.
ފުރަތަމަ ހާފުގައި އެންމެ ބޮޑު ބަހުސަކަށްވީ ޓޮޓެންހަމްގެ ޖިއޯވާނީ ލޮ ސޮލްސޯ ޗެލްސީގެ ސެޒާ އަޒްޕިލިކުއެޓާ އަށް ކުރި ނުރައްކާތެރި ފައުލަކަށް ވީއޭއާރުން އެއީ ރަތް ކާޑެއް ކަމަށް ނުނިންމުމެވެ. ވީޑިއޯ ރީޕްލޭ އިން ފެންނަ ގޮތުގައި ޖިއޮވާނީގެ ފައިން އަޒްޕިލިކުއެޓާފެ ފަޔަށް އެރި ނަމަވެސް ވީއޭއާރުން އެއީ ރަތް ކާޑު ދައްކަން ޖެހޭ ހާލަތެއް ކަމަށް ނުނިންމުމުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވި އެވެ. މެޗުގައި ޗެލްސީގެ ދެ ވަނަ ގޯލު ދެ ވަނަ ހާފުގެ ކުރީކޮޅު ޖެހީ މާކޮސް އަލޮންސޯ އެވެ. ޓޮޓެންހަމްގެ ހަމައެކަނި ގޯލަކީ މެޗު ނިމެން ގާތްވެފައިވަނިކޮށް ޗެލްސީގެ އެންޓޯނިއޯ ރުޑިގާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މެޗަށް ފަހު ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނީ ލޮ ސެލްސޯ އަށް ރަތް ކާޑު ނުދައްކަން ވީއޭއާރުން ނިންމުމުން ހައިރާންވާކަމަށެވެ. ލަމްޕާޑް ވަނީ އެންމެ ފަހުން ޔުނައިޓެޑް އަތުން ބަލިވި މެޗުގައި ޔުނައިޓެޑްގެ ހެރީ މެގުއާ ކުރި ފައުލަކަށް ރަތް ކާޑު ނުދެއްކުމުން ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ އޭނާއަށް ދެއްކެން އޮތީ ކުރިން ވެސް ދައްކާފައިވާ ވާހަކަތައް ކަމަށާއި، އެޓީމުގެ ކުރިއަށް ކުޅުވަން ޖެހޭ ކުޅުންތެރިންނަކީ ފޯވާޑުން ނޫންކަމަށެވެ. އަނިޔާގެ ސަބަބުން ކެޕްޓަން ހެރީ ކޭން އާއި ސޮން ހެއުން މިން އަށް އަނިޔާވެފައިވާތީ ޓޮޓެންހަމަށް ވަނީ ގޯލު ޖެހުމުގެ މައްސަލަތައް ކުރިމަތިވެފަ އެވެ.
“ބަލިވީމަ އެކަން ގަބޫލުކުރަން ޖެހޭނީ. އެކަމަކު ކުޅުންތެރިންގެ ފަރާތުން ފެނުނު ރަނގަޅު ކަމަކީ ފަހު ވަގުތާ ހަމައަށް ވެސް ނަތީޖާއެއް ނެރެން އެކުޅުންތެރިން މަސައްކަތްކުރުން. އެއީ އަހަރެންނަށް ޓީމުގެ ފަރާތުން ފެނުނު ވަރަށް މުހިއްމު ކަމެއް” މޮރީނިއޯ ބުންޏެވެ.
ރޭ ކުޅުނު ފަހު މެޗުގައި ލެސްޓަ ސިޓީ އަތުން ހޯދި އުނދަގޫ މޮޅުގައި ސިޓީގެ ހަމައެކަނި ގޯލު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ގެބްރިއަލް ޖީސުސް އެވެ. މި މެޗުގައި ވެސް ފެނުނީ ވީއޭއާރުގެ ނިންމުންތައް ބަހުސަކަށްވީތަނެވެ. މިގޮތުން ލެސްޓާ އިން ފޮނުވާލި ޖެހުމެއް އޭރިޔާ ތެރެއިން ކެވިން ޑި ބްރޭނާގެ އަތުގައި ޖެހުނު ނަމަވެސް ޕެނަލްޓީ ދީފައެއްނުވެ އެވެ. އަދި، ސިޓީގެ ގޯލްކީޕަރު އެޑަސަން ލެސްޓާގެ ފޯވާޑް ކިލެޗީ އީނާޗޯ އަށް ފައުލްކުރި ކަމަށް އެޕީލްކުރި ނަމަވެސް ވީއޭއާރުން ނިންމީ އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ. ލެސްޓާގެ ކުޅުންތެރިއެއްގެ އަތުގައި އޭރިޔާ ތެރެއިން ބޯޅަ ޖެހުމުން ރެފްރީ ވަނީ ސިޓީ އަށް ޕެނަލްޓީދީފަ އެވެ. އެކަމަކު ސާޖިއޯ އަގުއޭރޯ ފޮނުވާލި މި ޕެނަލްޓީ ލެސްޓާގެ ކީޕަރު ޖޯ ހާޓް ވަނީ ހުށިހާރުކަމާއެކު މަތަކޮށްފަ އެވެ.
ލެސްޓާ އަތުން ހޯދި މޮޅާއެކު ސިޓީ ވަނީ ދެ ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ސިޓީ އަށް 57 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް ލެސްޓާ އަށް ލިބިފައިވަނީ 50 ޕޮއިންޓެވެ. ލީގުގެ އެއް ވަނައިގައި އޮތީ 76 ޕޮއިންޓް ހޯދާފައިވާ ލިވަޕޫލެވެ.
ލީގުގެ ގަދަ ހަތަރަކަށް ވާދަކުރާ ޔުނައިޓެޑާއި އާސެނަލުން ކުޅޭ މެޗުތައް މިރޭ އޮންނާނެ އެވެ. ހަތެއް ޖަހާއިރު ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ވެޓްފޯޑާ ދެކޮޅަށް ނުކުންނައިރު ހަމަ އެގަޑީގައި ވުލްވްސް އިން އަމިއްލަ ދަނޑުގައި ނޯވިޗް ސިޓިއާ ވާދަކުރާނެ އެވެ. މިރޭގެ ފަހު މެޗުގައި 9:30 ގައި އާސެނަލް އަމިއްލަ ދަނޑުގައި ނުކުންނާނީ އެވަޓަންއާ ދެކޮޅަށެވެ.
Advertisement
Leave a Reply