ހާލަންޑްގެ ވާހަކަ ހުއްޓޭކަށް ނެތް، 40 ހަމަކޮށްފި!

Advertisement

ހާލަންޑްގެ ވާހަކަ ހުއްޓޭކަށް ނެތް، 40 ހަމަކޮށްފި!

ޢަބްދުﷲ އަޝްރަފް

ޖަރުމަނު ލީގުގައި ރޭ ވާޑާ ބްރެމަންއާ ވާދަކޮށް ބޮރޫޝިއާ ޑޯޓްމަންޑުން ކުޅުނު މެޗްގައި އެޓީމްގެ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑް ޖެހި ގޯލާ އެކު 19 އަހަރުގެ ކުޅުންތެރިޔާ މި ސީޒަންގައި ޖެހި ގޯލްގެ އަދަދު 40 އަށް އަރައިފި އެވެ. ހާލަންޑްގެ ލަނޑާއެކު ރޭ ޑޯޓްމަންޑުން ރަށުން ބޭރުގައި ވާޑާ ބްރޭމަންގެ މައްޗަށް ކުރި ހޯދީ 0-2 އިންނެވެ.

ރޭ  ޑޯޓްމަންޑަށް ހާލަންޑް ޖަހައިދިން ލަނޑަކީ މިދިޔަ ޖެނުއަރީ މަހު އެ ކްލަބަށް ކުޅެންފެށި ފަހުން އޭނާ ޖެހި 12 ވަނަ ގޯލެވެ. އެކަމަކު މިހާތަނަށް ޑޯޓްމަންޑްގެ ޖޯޒީގައި ހާލަންޑް ކުޅެފައިވަނީ އަދި އެންމެ އަށް މެޗެވެ.

މެޗްގެ 66 ވަނަ މިނެޓްގައި އަޝްރަފް ހަކީމީ ދިން ބޯޅައަކުން ޑޯޓްމަންޑަށް ހާލަންޑް ގޯލް ޖަހައިދިން އިރުވެސް އެޓީމް އޮތީ 0-1 އިން ކުރީގަ އެވެ. އެޓީމްގެ ފުރަތަމަ ލަނޑު މެޗްގެ 52 ވަނަ މިނެޓްގައި ޑޯޓްމަންޑްގެ އަނެއް ޒުވާން ފޯވާޑް ޖޭޑޮން ސަންޗޯ ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ޑަން އަޒެލް ޒަގަޑޯ އެވެ.

މި މޮޅާއެކު ޑޯޑްމަންޓް މިވަގުތު އޮތީ ޓޭބަލްގެ އެއް ވަނައި ގައި އޮތް ބަޔާން މިޔުނިކަށްވުރެ ހަތަރު ޕޮއިންޓް ފަހަތުން ޓޭބަލްގެ ތިން ވަނައިގަ އެވެ. ބަޔާނުން ވަނީ ހުކުރު ދުވަހުގެ ރޭ ޓޭބަލްގެ ފުލުގައި އޮތް ޕެޑަބޯންއާ ވާދަކޮށް ކުޅުނު މެޗް ކާމިޔާބުކޮށްފަ އެވެ. ޓޭބަލްގެ ދެ ވަނައިގައި އޮތް ލައިޕްޒިގުން ވެސް ވަނީ ރޭ ޝާލްކޭ އާ ދެކޮޅަށް ކުޅުނު މެޗް 0-5 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ކާމިޔާބުކޮށް އެޓީމްގެ މަގާމް ވަރުގަދަކޮށްފަ އެވެ.

ޖަރުމަނުގެ ލީގު ކާމިޔާބުކުރުމަށް ޑޯޓްންޑުން ކުރަމުން އަންނަ މަސައްކަތުގައި އެންމެ ބޮޑު ހިއްސާއެއް މިހާރު އަދާކުރަމުން އަންނަ ހާލަންޑް މި ސީޒަންގައި މިހާތަނަށް 40 ގޯލް ޖަހައިފައިވާ އިރު މިހާތަނަށް މި ސީޒަންގައި އޭނާ ކުޅެފައިވަނީ އަދި 30 މެޗެވެ. އެންމެ 17.1 މިލިއަން ޕައުންޑަށް ނޯވޭގެ ރެޑްބުލް ސަލްސްބާގުން ޑޯޓްމަންޑަށް ބަދަލުވި ހާލަންޑް އަންނަނީ ޖަރުމަނު ލީގުގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގުގައިވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. މި ހާތަނަށް މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ދިހަ ގޯލް ހާލަންޑް ކާމިޔާބުކޮށްފައިވާއިރު އެ އަދަދަށް މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ގޯލް ޖަހައިފައިވަނީ ބަޔާންގެ ނުރައްކާތެރި ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އެކަންޏެވެ. މިހާތަނަށް ޗެމްޕިއަންސް ލީގުގެ މުޅި ތާރީހުގައިވެސް އެންމެ އަވަހަށް އެއް ސީޒަނެއްގައި ދިހަ ގޯލް ކާމިޔާބުކޮށްފައިވާ ކުޅުންތެރިޔަކީ ވެސް ހާލަންޑެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *