ކޮވިޑް-19ގެ ސަބަބުން ޗައިނާ-ރާއްޖެ މެޗު ތައިލެންޑަށް ބަދަލުކޮށްފި

Advertisement

ކޮވިޑް-19ގެ ސަބަބުން ޗައިނާ-ރާއްޖެ މެޗު ތައިލެންޑަށް ބަދަލުކޮށްފި

ޢަލީ ޝަހީމް
ޗައިނާ-ރާއްޖެ މެޗު ކުޅުމަށް ހަމަޖެހިފައިވާ ތައިލެންޑުގެ ޗޭންގް އެރީނާ ސްޓޭޑިއަމް.

ޗައިނާގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރާ (ކޮވިޑް-19) ގުޅިގެން 2022 ގެ ވޯލްޑް ކަޕާއި 2023 ގެ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަނުގައި ޗައިނާ އާއި ރާއްޖެ ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗު ތައިލެންޑުގެ ބުރިރަމް ޕްރޮވިންސްގެ ޗޭންގް އެރީނާ ސްޓޭޑިއަމަށް ބަދަލުކޮށްފި އެވެ.

އަންނަ މަހުގެ 26 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މި މެޗަކީ ރާއްޖެއާ ދެކޮޅަށް ޗައިނާ އިން ކުޅެން ހަމަޖެހިފައިވާ ހޯމް މެޗެވެ. އެކަމަކު ކޮވިޑް-19 ގެ ސަބަބުން ގިނަ ބަޔަކު ޗައިނާގައި މަރުވަމުންދާތީ މި މެޗު އެ ގައުމުގައި ނުކުޅޭނެކަން ކުރިން ވެސް އޮތީ ޔަގީންވެފަ އެވެ. އެކަމަކު ތައިލެންޑަށް މެޗު ބަދަލުކުރިކަން ރަސްމީކޮށް އިއުލާންކުރީ އޭއެފްސީން މިރޭ އާއްމުކުރި ބަޔާނެއްގަ އެވެ. މި މެޗުގެ އިތުރުން އަންނަ މަހުގެ 31 ވަނަ ދުވަހު ގުއާމްގެ ދަނޑުގައި އެގައުމުން ޗައިނާއާ ވާދަކުރަން އޮތް މެޗު ވެސް ވަނީ ތައިލެންޑުގެ ޗޭންގް އެރީނާ އަށް ބަދަލުކޮށްފަ އެވެ. އޭއެފްސީގެ ބަޔާނުގައި ބުނެފައިވަނީ އެ މެޗު ތައިލެންޑުގައި ކުޅެން ގުއާމުގެ ފުޓްބޯޅަ ފެޑެރޭޝަނުން އެއްބަސްވެފައިވާކަމަށެވެ.

“ތަންޑަރ ކާސްޓަލް” ގެ ނަމުން މަޝްހޫރުވެފައިވާ ޗޭންގް އެރީނާ ސެޓޭޑިއަމަށް 30،600 ސަޕޯޓަރުންނަށް ވަދެވޭނެ އެވެ. އެހެންނަމަވެސް ޗައިނާ-ރާއްޖެ މެޗަށް ސަޕޯޓަރުން ވައްދާނެކަމުގެ ޔަގީންކަމެއް އޭއެފްސީން އަދި ނުދެ އެވެ. ވައިރަހުގެ ސަބަބުން ޗައިނާގެ ކުޅިވަރުގެ ހުރިހާ ހަރަކާތެއް ހުއްޓިފައިވާއިރު އެގައުމުގެ ރައްޔިތުން އެހެން ގައުމުތަކަށް ދަތުރުކުރުމުގައި ވެސް ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ. ސަޕޯޓަރުން ދަނޑަށް ވެއްދުމާއި ގުޅޭގޮތުން ފަހުގެ ނިންމުން ނިންމާނީ އޭއެފްސީންނެވެ.

ޗޭންގް އެރީނާ ސްޓޭޑިއަމަކީ ތައިލެންޑުގެ ކްލަބަކަށް ނިސްބަތްވާ އެންމެ ބޮޑު ދަނޑެވެ. އެގައުމުގެ ބުރިރަމް ޔުނައިޓެޑަށް ނިސްބަތްވާ މި ދަނޑުގައި މީގެ ކުރިން ވެސް ވަނީ ތައިލެންޑް ނޫން ގައުމުތަކުގެ މެޗުތައް ކުޅެފަ އެވެ. އޭގެތެރޭގައި މިދިޔަ އަހަރު ޔޫއޭއީ ގައި އޮތް އޭޝިއަން ކަޕްގެ ކޮލިފިކޭޝަނުގައި އުތުރު ކޮރެއާ އާއި މެލޭޝިއާ 2017 ވަނަ އަހަރު ވާދަކުރި ދެ މެޗު ހިމެނެ އެވެ. އަދި މިދިޔަ އަހަރު ތައިލެންޑުގެ ކިންގްސް ކަޕް ބައިނަލްއަގްވާމީ މުބާރާތް ވެސް ކުޅުނީ މި ދަނޑުގަ އެވެ.

ކޮލިފައިންގައި ގަލޮޅު ދަނޑުގައި ޗައިނާ އިން ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފަ އެވެ. އޭޝިއާ ސަރަހައްދުގެ ކޮލިފައިންގެ ގްރޫޕް އޭގެ ކޮލިފައިންގައި ރާއްޖެ އަށް ބާކީ އޮތީ ޗައިނާއާ ވާދަކުރާ މެޗުގެ އިތުރުން ސީރިއާއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅޭ މެޗާއި ރަށުން ބޭރުގައި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗެވެ. ސީރިއާ ދެކޮޅަށް ރާއްޖެ ނުކުންނާނީ އަންނަ މަހުގެ 31 ވަނަ ދުވަހު އެވެ.

ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓް ހޯދާފައިވާ ސީރިއާ އެވެ. ދެ ވަނައިގައި އޮތް ޗައިނާ އާއި ތިން ވަނައިގައި އޮތް ފިލިޕީންސަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ހަ ޕޮއިންޓާއެކު ރާއްޖެ ހަތަރު ވަނައިގައި އޮތްއިރު ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. މި ގްރޫޕުގައި ޗައިނާ ނޫން ހުރިހާ ގައުމަކުން ވަނީ ފަސް މެޗު ކުޅެފަ އެވެ. ޗައިނާއިން ހަތަރު މެޗު ކުޅެފައިވާތީ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނުމުގެ އަމިއްލަ ބާރު އެގައުމަށް އެބައޮތެވެ.

ޗައިނާގެ ހުބޭއީ ޕްރޮވިންސުން ކޮރޯނާވައިރަހަށް ޕޮޒިޓިވްގެ މީހުންގެ އަދަދު 62 ހާހަށް ވަނީ އަރައިފަ އެވެ. އަދި ވައިރަހުގެ ސަބަބުން އެގައުމުން މަރުވި މީހުންގެ އަދަދު 2233 އަށް އަރާފައިވާއިރު އިތުރު ހަތް ގައުމަކުން 11 މީހުން ވަނީ މަރުވެފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *