ހާލަންޑް: 19 އަހަރުގައި މެސީ އާއި ރޮނާލްޑޯގެ ނަމަށް ހިޔަނި އަޅަނީ!

Advertisement

ހާލަންޑް: 19 އަހަރުގައި މެސީ އާއި ރޮނާލްޑޯގެ ނަމަށް ހިޔަނި އަޅަނީ!

ޢަބްދުﷲ އަޝްރަފް
ޑޯޓްމަންޑަށް ކުޅޭ 19 އަހަރުގެ ނޯވޭގެ ފޯވާޑް ހާލަންޑް.

މި ސީޒަނުގައި މިހާތަނަށް 39 ގޯލް ޖަހައިފި އެވެ. ހަ ހެޓްރިކް ހަދައިފި އެވެ. މިހާރު ކުޅެމުން އަންނަ ކްލަބަށް އެންމެ ހަތް މެޗް ކުޅުނަސް 11 ގޯލް ޖަހައިފި އެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވެސް މި ސީޒަނުގައި 10 ގޯލް ޖަހައިފި އެވެ. މިއީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް އުމުރުން އެންމެ 19 އަހަރުގައި ކުރިހާ ކަންކަމެވެ.

މި ސީޒަނުގައި ހާލަންޑް ދައްކަމުން އަންނަ އާދަޔާހިލާފް ކުޅުމާއެކު ޗެމްޕިއަންސް ލީގުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ފްރާންސްގެ ޕީއެސްޖީ އަތުން ބޮރޫޝިއާ ޑޯޓްމަންޑް 1-2 އިން މޮޅުވި މެޗްގައި ވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ހާލަންޑަށެވެ. ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބި ގޮތަށް އެރޭވެސް ހާލަންޑްގެ ފަރާތުން ފެނުނީ ތަފާތު ކުޅުމެކެވެ. މެޗްގައި ބޮރޫޝިއާ ޑޯޓްމަންޑުން ޕީއެސްޖީގެ ގޯލަށް ވައްދާލި ދެ ލަނޑުވެސް ކާމިޔާބުކުރީ ހާލަންޑެވެ. އެއާއެކު މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި ގޯލްގެ އަދަދު 10 އަށް އެރީ އެވެ. އެ ހިސާބުން އަދި ނިމުނީ އެއް ނޫނެވެ. އަންގާރަ ދުވަހުގެ ރޭ ހާލަންޑް ޖެހި ދެ ގޯލާ އެކު އޭނާ ހިމެނިފައިވަނީ ޗެމްޕިއަންސް ލީގުގެ މުޅި ތާރީހުގައިވެސް އެއް ސީޒަނެއްގައި އެންމެ އަވަހަށް ދިހަ ގޯލް ހަމަކުރި ކުޅުންތެރިޔާގެ ގޮތުގަ އެވެ. އޭނާގެ ފަހަތުން ދެން އެންމެ އަވަހަށް އެ ޓާގެޓް ހާސިލްކޮށްފައިވާ ކުޅުންތެރިންނަށްވެސް އެކަން ކުރެވިފައި އޮތީ ހަތަރު މެޗް އިތުރަށް ކުޅެގެންނެވެ.

މީގެ އިތުރުން ހާލަންޑް ވެފައިވަނީ ޗެމްޕިއަންސް ލީގުގައި އެއް ސީޒަނެއްގައި ދިހަ ގޯލް ޖެހި ހަމަ އެކަނި ޓީނޭޖް ކުޅުންތެރިޔާ އަށެވެ. މިއީ އަންގާރަ ދުވަހުގެ ރޭ ޑޯޓްމަންޑާ ދެކޮޅަށް ނުކުތް ޕީއެސްޖީ ގައި ހިމެނުނު ފްރާންސްގެ ޒުވާން ފޯވާޑް ކިލިއެން އެމްބާޕޭ އަށް ވެސް ނުވި ކަމެކެވެ. ދުނިޔޭގެ އެންމެ މޮޅު ދެ ފުޓްބޯޅަ ކުޅުންތެރިން ކަމަށް މިވަގުތު ގިނަ ބަޔަކު އިއްތިފާގުވާ އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ޕޯޗުގަލްގް ކްރިސްޓިއާނޯ ރޮނާލްޑޯ އަށްވެސް އެކަން އަމުދުން ކުރެވިފައެއް ނެތެވެ.

މިވަރުން ވެސް އަދި ނިމުނީ އެއް ނޫނެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި މުޅި ބާސެލޯނާގެ ޓީމުން ޖަހައިފައިވާ ގޯލްގެ އަދަދަށްވުރެ ހާލަންޑް އެކަނިމާއެކަނި ޖަހައިފައިވާ ގޯލްގެ އަދަދު ގިނަ އެވެ. މީގެ އިތުރުން ހާލަންޑް ހިމެނިފައިވަނީ ބޮރޫޝިއާ ޑޯޓްމުންޑްގެ ތާރީހުގައިވެސް ޖަރުމަނު ލީގާއި، ޖަރުމަނު ކަޕާއި އަދި ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗްގައި ގޯލް ޖެހި ހަމަ އެކަނި ކުޅުންތެރިޔާގެ ގޮތުގަ އެވެ.

ހާލަންޑް ޕީއެސްޖީ ކޮޅަށް ގޯލު ޖެހުމަށް ފަހު

ކަން އެހެން އޮތްކަމުގައި ވިޔަސް މިފަހަރުގެ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ގޯލް ޖަހައިގެން ޓޮޕް ސްކޯރާގެ ގެ ގޮތުގައި ބަޔާން މިޔުނިކްގެ ރޮބާޓް ލެވާންޑޯސްކީއާއެކު މިވަގުތު ހުރި ހާލަންޑްގެ ހިތް އޮތީ އާސްމާނުގައެއް ނޫނެވެ.

“މޭން އޮފް ދަ މެޗް އެވޯޑް ލިބުމުން އަހަރެން މިހުރީ ވަރަށް އުފާވެފަ. އެކަމަކު އަހަރެންނަށް އިހުސާސްކުރެވެނީ މިއަށްވުރެ އަދި މާ ރަގަޅަށް އަހަރެންނަށް ކުޅެވޭނެއޭ. މި ލެވަލްގަ އަހަރެން ޖެހެއޭ މޮޅަށް ކުޅެން. އަހަރެން އެބަޖެހެއޭ ކުޅުން އިތުރަށް ރަގަޅު ކުރުމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތްކުރަން” އަންގާރަ ދުވަހުގެ ރޭ ޕީއެސްޖީއާ ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގު މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ހާލަންޑް ބުނެފައިވެ އެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޑޯޓްމަންޑަށް ބަދަލުވިފަހުން 11 ގޯލް ހާލަންޑް ޖަހައިފައިވާއިރު އޭނާ ޑޯޓްމަންޑްގެ ޖޯޒީގައި މިހާތަނަށް ކުޅެފައިވަނީ 450 މިނެޓެވެ. އޭގެ މާނައަކީ ހާލާންޑް ޑޯޓްމަންޑްގައި މިހާތަނަށް ކުޅުނު ކޮންމެ 41 މިނެޓެއްގައި އޭނާ ވަނީ ގޯލް ޖަހައިފަ އެވެ. މިހާތަނަށް ބުންޑަސް ލީގާގައި އެންމެ ފަސް މެޗް ހާލާންޑް ކުޅުނު ނަމަވެސް އޭނާ އަށްވުރެ ގިނައިން ލީގުގައި މިފަހަރު އަދި ގޯލް ޖަހައިފައިވަނީ 11 ކުޅުންތެރިންނެވެ. މީގެ އިތުރުން މިދިޔަ ޖެނުއަރީ މަހު ބުންޑަސް ލީގާގައި އެންމެ 59 މިނެޓް ކުޅެގެން ހާލަންޑް ވަނީ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް އެ މަހު ހޯދައިފަ އެވެ.

ހާލަންޑް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އޮސްޓްރިއާގެ ރެޑްބުލް ސަލްސްބާގުން ޖަރުމަނުގެ ޑޯޓްމަންޑަށް ބަދަލުވީ އެންމެ 17.1 މިލިއަން ޕައުންޑަށެވެ. ޔޫރަޕްގެ އެންމެ ބޮޑެތި ކްލަބްތަކުގެ ތެރޭގައި ހިމެނޭ އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާއި، އިޓަލީގެ ޔުވެންޓަސް އިން ވެސް އޭރު އައީ ހާލަންޑަށް ފާރަލަމުންނެވެ. ޑޯޓްމަންޑަށް ބަދަލުވުމުގެ ކުރިން ޗެމްޕިއަންސް ލީގުގައި ހާލަންޑް އޭރު އޮތީ އޭނާގެ ކުރީގެ ކްލަބް ސަލްސްބާގަށް ގްރޫޕް ސްޓޭޖްގައި އަށް ގޯލް ކާމިޔާބުކޮށްދީފަ އެވެ.

ހާލަންޑާއި ގުޅޭގޮތުން އޭނާއާއެކު ޑޯޓްމަންޑްގައި ކުޅެމުން އަންނަ އެކްޒެލް ވިޓްޒެލް ބުނެފައިވަނީ ހާލަންޑަކީ އާދަޔާހިލާފް ކުޅުންތެރިއެއް ކަމަށާއި އޭނާގެ ކުރިމަގު ވަރަށް އުޖާލާ ކަމަށެވެ.

“ހާލަންޑަކީ ލަނޑުޖަހާ ކުޅުންތެރިއެއް. އޭނަ އަށް އަދި އެންމެ 19 އަހަރު. އެއީ ތަފާތު ހުނަރެއް. އޭނަ އަށް އިތުރަށް ކުޅުން ރަގަޅު ކުރެވޭނެ ގިނަ ފުރުސަތުތަކެއް އެބަހުރި. އެކަމަކު މިހާރުވެސް އޭނާ އެހުރީ ވަރަށް މޮޅު ކުޅުންތެރިޔަކަށް ވުމުގެ މަގުމަތީގަ.” ވިޓްޒެލް ބުންޏެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *