ވެލެންސިއާ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިފި

ފައިނަލުގައި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް 3-1 އިން ބަލިކޮށް މިއަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކްލަބް ވެލެންސިއާ އިން ހޯދައިފި އެވެ.
ފައިނަލް މެޗުގެ ކުރިން މި ދެޓީމަށް ވެސް ވަނީ އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބިފަ އެވެ. މިއަހަރުގެ ފައިނަލުގެ ޖާގަ ކަށަވަރު ކުރުމުން މި ދެޓީމަށް ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބުނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓްރީ ސްޕޯޓްސް ކްލަބް ފުޓްބޯޅައިން ސަސްޕެންޑްވެ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވުމުންނެވެ. ނިއު އާއި ވިކްޓްރީ ސަސްޕެންޝަނުގައި އޮތުމުން މިއަހަރުގެ ފުރަތަމަ ޑިވިޝަންގެ ކޮލިފައިން ބުރެއް ނޯންނާނެ އެވެ.
މިރޭގެ މެޗުގެ ފުރަތަމަ ގޯލު 27 ވަނަ މިނެޓުގައި ޖެހީ ސުޕަރ ޔުނައިޓެޑުންނެވެ. އެޓީމުގެ އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ) ދިން މޮޅު ޕާހަކުން ގޯލު ކާމިޔާބުކޮށްދިނީ އާދަމް ނިޒާމް (ކިތުނާ) އެވެ. ސޮބީ ދިން ބޯޅަ ހޯދުމަށް ފަހު ކިތުނާ ގޯލުގެ ތެރެއަށް ވައްދާލީ ތިރިތިރިން ޖަހަ އެވެ. މިއަހަރުގެ މުބާރާތުގައި ކިތުނާ ވަނީ ސުޕަރ ޔުނައިޓެޑަށް ހަތް ގޯލު ކާމިޔާބުކޮށްދީފަ އެވެ.
ވެލެންސިއާ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 38 ވަނަ މިނެޓުގަ އެވެ. ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ) ނަގައިދިން ހުރަހަކުން އޭރިޔާ ތެރޭ ހުސްކޮށް އޮވެ ބޮލުން މި ގޯލު ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ސަމުއެލް ޑެޑީ އެވެ. ވެލެންސިއާ އިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓުގައި މިރޭ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ޖަހައިދިން ގޯލުންނެވެ. ސުޕަރ ޔުނައިޓެޑުގެ ޑިފެންޑަރުގެ ތެރެއިން ދެމިގަނެ ބޯޅަ ހޯދުމަށް ފަހު ކުރިން ފުރަތަމަ ޑިވިޝަނުގައި މޮޅު ކުޅުމެއް ދެއްކި ބިޗަޑް ގޯލު ކާމިޔާބުކުރީ ގޯލްކީޕަރު އަބްދުﷲ ނާސިހު ކައިރިން ނައްޓާލާފައި ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ބިޗަޑް ދިން ޕާހަކުން ވެލެންސިއާގެ ފަހު ގޯލު މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ވެސް ފުރަތަމަ ގޯލު ޖެހި ސަމުއެލް އެވެ. އޭނާ އަށް ލިބުނު ބޯޅަ ކައިރީގައި ހުރި ޑިފެންޑަރު ކައިރިން ނައްޓާލުމަށް ފަހު ފޮނުވާލީ ގޯލުގެ ކައިރި ކަނަށެވެ. ސަމުއެލް ވެސް ވަނީ މުބާރާތުގައި ހަތް ގޯލު ކާމިޔާބުކޮށްފަ އެވެ.
ވެލެންސިއާ މުބާރާތުގެ ޗެމްޕިއަންކަން ހޯދި މެޗަކުން ބަލިނުވެ އެވެ. ގްރޫޕް ސްޓޭޖުގައި އެޓީމުން ވަނީ ދެ މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށްފަ އެވެ. ފުރަތަމަ މެޗުގައި 2-1 އިން ކްލަބް ޕީކޭ އަތުން މޮޅުވިއިރު ދެ ވަނަ މެޗުގައި އެޓީމުން ވަނީ 4-1 އިން ބީޖީ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. ވެލެންސިއާ އެއްވަރުވީ ގްރޫޕް ސްޓޭޖުގެ ފަހުގައި މެޗުގައި ކުޑަ ހެންވޭރު ޔުނައިޓެޑާ ވާދަކޮށް 1-1 އިންނެވެ. ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ކޮލިފައިވެ ސެމީގައި އެޓީމުން ވަނީ 3-2 އިން ޖޭޖޭ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ.
ފައިނަލުން ބަލިވި ސުޕަރ ޔުނައިޓެޑުން ވެސް ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ގްރޫޕް ސްޓޭޖުގެ ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް 10 ޕޮއިންޓާއެކު އެޓީމު ސެމީ އަށް ހޮވުނީ ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މަހިބަދޫ ސްޕޯޓްސް ކްލަބާ ވާދަކޮށް 2-2 އިން އެއްވަރުވި ނަމަވެސް އޭގެ ފަހުން ކުޅުނު ގްރޫޕްސް ސްޓޭޖުގެ ތިން މެޗުން އެޓީމު މޮޅުވި އެވެ. ދެ ވަނަ މެޗުގައި ދިވެހި ސިފައިންގެ ކްލަބް 3-1 އިން ބަލިކުރިއިރު ތިން ވަނަ މެޗުގައި 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު އަތުން މޮޅުވީ 2-0 އިންނެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެޓީމުން ވަނީ ޖޭޖޭ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށްފަ އެވެ. ފައިނަލުން ސުޕަރ ޔުނައިޓެޑް ޖާގަ ހޯދީ ސެމީގައި ކްލަބް ޕީކޭގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ.
ވެލެންސިއާ އަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ކްލަބެވެ. އެޓީމު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވީ 2018 ވަނަ އަހަރު ކުޅުނު ރެލިގޭޝަން ޕްލޭއޮފްގައި ޔުނައިޓެޑް ވިކްޓްރީ އަތުން ދެ ލެގުގެ އެގްރިގޭޓުން ބަލިވުމުންނެވެ. ފުރަތަމަ ޑިވިޝަނުގައި ވެލެންސިއާ ވަނީ 1979 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރު ރެލިގޭޓްވުމާ ހަމައަށް މެދުކެނޑުމެއްނެތި ވާދަކޮށްފަ އެވެ. އެކަމަކު ސީޒަނެއްގެ މެދުކެނޑުމަކަށް ފަހު ވެލެންސިއާ އަނެއްކާވެސް ފެންނާނީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ ފުޓްބޯޅައިންނެވެ.
Advertisement

Leave a Reply
-
-
ބިޗަޑު ނަގާފަ ކިޔަން ޖެހޭނީ

ބައްސާމު އިސްތިއުފާ