ހާލަންޑް ހިފަހައްޓާނުލެވި ޑޯޓްމަންޑް އަތުން ޕީއެސްޖީ ބަލިވެއްޖެ

Advertisement

ހާލަންޑް ހިފަހައްޓާނުލެވި ޑޯޓްމަންޑް އަތުން ޕީއެސްޖީ ބަލިވެއްޖެ

ޢަލީ ޝަހީމް
19 އަހަރުގެ ހާލަންޑް ގޯލު ޖެހުމަށް ފަހު. ސީޒަނުގައި ވަނީ 39 ގޯލު ޖަހާފައި

19 އަހަރުގެ ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ކާމިޔާބުކޮށްދިން ދެ ގޯލާއެކު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގްގެ މެޗުގައި ބޮރޫޝިއާ ޑޯޓްމަންޓުން 2-1 އިން ޕީއެސްޖީ ބަލިކޮށްފި އެވެ. އަމިއްލަ ދަނޑުގައި ހާލަންޑުގެ ގޯލުތަކުން މޮޅުވުމާއެކު އަންނަ މަހު 11 ވަނަ ދުވަހު ޕީއެސްޖީގެ ދަނޑުގައި ކުޅޭ ދެ ވަނަ ލެގްގެ މެޗު އެއްވަރުކޮށްލައިގެން ޑޯޓްމަންޑަށް ކުއާޓާ ފައިނަލުން ފުރުސަތު ލިބޭނެ އެވެ.

މެޗުން ބަލިވި ނަމަވެސް ޕީއެސްޖީ އަށް އޮތް ހިތްހަމަޖެހުމަކީ ރަށުން ބޭރުގައި ގޯލެއް ޖެހިފައި އޮތުމެވެ. އަމިއްލަ ދަނޑުގައި މި އަހަރު ކުޅުނު ހަތަރު މެޗުގައި 18 ގޯލު ޕީއެސްޖީން ޖަހާފައިވާއިރު ޑޯޓްމަންޑުގެ މައްޗަށް 1-0 އިން ކުރި ހޯދިޔަސް އަވޭ ގޯލު އުސޫލުން ޕީއެސްޖީ އަށް ކުއާޓާ ފައިނަލުން ފުރުސަތުލިބޭނެ އެވެ.

ޕީއެސްޖީ މެޗުން ބަލިވުމުގެ ސަބަބަކަށްވީ ފޯވާޑް ހާލަންޑް ހިފަހައްޓާނުލެވުމެވެ. އޮސްޓްރިއާގެ ރެޑްބުލް ސާލްޒްބާގުގައި ތަފާތު މޮޅު ކުޅުމެއް ދައްކަން ފެށުމާއެކު ޔޫރަޕްގެ ބޮޑުތި ކްލަބްތަކުން ފާރަލި ހާލަންޑް ޑޯޓްމަންޑަށް ބަދަލުވީ މިދިޔަ ޖެނުއަރީ ޓްރާންސްފާ ބާޒާރުގަ އެވެ. މި ސީޒަނުގައި ކުޅުނު 29 މެޗުން ހާލަންޑް 39 ގޯލު ޖަހާފައިވާއިރު ޑޯޓްމަންޑަށް ބަދަލުވުމަށް ފަހު ކުޅުނު ހަތް މެޗުގައި ހާލަންޑް ވަނީ 11 ގޯލު ޖަހައިފަ އެވެ. އަދި، ޗެމްޕިއަންސް ލީގުގައި ހާލަންޑް ވަނީ މިހާތަނަށް 10 ގޯލު ޖަހައިފަ އެވެ.

މެޗުގެ ތިން ގޯލު ވެސް ފެނުނީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ގޯލު ޑޯޓްމަންޑުގެ ޑިފެންޑަރު ރަފައެލް ގުރެއިރޯ ފޮނުވާލި ބޯޅަ ޕީއެސްޖީގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ވެއްޓުނު ވަގުތު ހާލަންޑް ވަނީ ހުށިޔާރުވެ ހުރެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އެކަމަކު މެޗުގެ 77 ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭ ޑޯޓްމަންޑުގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ހުސްކޮށްލާފައި ދިން ބޯޅައަކުން ނޭމާ ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ޕީއެސްޖީ އެއްވަރުކުރިތާ ދެ މިނެޓު ފަހުން ހާލަންޑް ވަނީ ޑޯޓްމަންޑް މޮޅުކޮށްދިން ގޯލު ޖަހައިފަ އެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅަ އުންޑައެއްހެން ހާލަންޑް ފޮނުވާލުމުން އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އާދަޔާހިލާފަށް ބާރަށް ފޮނުވާލި މި ބޯޅަ ހުއްޓުވަން ޕީއެސްޖީގެ ގޯލްކީޕަރު ކޭލޯ ނަވާސް އަށް އެއްވެސް ކަމެއް ނުކުރެވުނެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި މިރޭ ވެސް ދެ މެޗު ކުޅޭނެ އެވެ. އެއީ އިޓަލީގެ އެޓަލާންޓާ އިން އަމިއްލަ ދަނޑުގައި ސްޕެއިންގެ ވެލެންސިއާ ދެކޮޅަށް ކުޅޭ މެޗާއި ޓޮޓެންހަމުން އަމިއްލަ ދަނޑުގައި ޖަރުމަނުގެ އާރުބީ ލީޕްޒިގާ ދެކޮޅަށް ކުޅޭ މެޗެވެ. ދެ ވަނަ ބުރުގެ ފުރަތަމަ ލެގްގެ ބާކީ ހަތަރު މެޗު ކުޅޭނީ އަންނަ ހަފްތާ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *