ވީއޭއާރުގެ އެހީގައި ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ ބޮޑެތި ނިންމުންތަކާއެކު ޗެލްސީގެ ދަނޑުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑުން 2-0 އިން އެޓީމު ބަލިކޮށްފި އެވެ.
ރޭގެ މޮޅަކީ މި ސީޒަނުގައި ފްރޭންކް ލަމްޕާޑުގެ ޗެލްސީ އަތުން ޔުނައިޓެޑުން ހޯދި ތިން ވަނަ މޮޅެވެ. ސީޒަނުގައި ކުޅުނު ލީގުގެ ފުރަތަމަ މެޗުގައި 4-0 އިން ޗެލްސީ ބަލިކުރިއިރު އިނގިރޭސި ލީގު ކަޕްގައި ޗެލްސީގެ މައްޗަށް ޔުނައިޓެޑް ކުރި ހޯދީ 2-1 އިންނެވެ. އަނެއްކޮޅުން މިއީ ޕްރިމިއާ ތައާރަފްވި ފަހުން ލީގުގެ ތާރީހުގައި ޗެލްސީގެ މައްޗަށް ދެ މެޗުން ޔުނައިޓެޑަށް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ އިނގިރޭސި ލީގުގައި މީގެ ކުރިން ޗެލްސީގެ މައްޗަށް ޔުނައިޓެޑުން ދެ މެޗުން ކުރި ހޯދީ 88-1987 ސީޒަނުގަ އެވެ.
ޔުނައިޓެޑުން ހޯދި މޮޅުގައި ޝައުގުވެރިކަން ވީއޭއާރަށް ހުއްޓުނީ ޗެލްސީން ޖެހި ދެ ގޯލެއް ކެންސަލް ކުރުމާއި ޔުނައިޓެޑްގެ ޑިފެންޑަރު ހެރީ މެގުއާ ޗެލްސީގެ ފޯވާޑް މިޗީ ބަޓްޝުއާޔީ އަށް ކުރި ފައުލަކަށް ރަތް ކާޑެއް ނުދެއްކުމުންނެވެ. ފުރަތަމަ ހާފުގައި މެގުއާ ވަނީ އޭނާ ވެއްޓުނު ވަގުތު ބަޓްޝުޔާއީގެ ފައިގައި ދަށްފުށުން ޖަހައިފަ އެވެ. އެކަމަކު ވީއޭއާރުގެ އެހީ ހޯދުމަށް ފަހު ރެފްރީ ނިންމީ އެއީ ރަތް ކާޑެއް ދައްކާ ވަރުގެ ފައުލެއް ނޫން ކަމަށެވެ.
މެޗުގައި ޔުނައިޓެޑުން ލީޑު ނެގީ ފުރަތަމަ ހާފުގެ ފަހު މިނެޓުގަ އެވެ. އަރިމަތިން އާރޮން ވަން-ބިސާކާ ނަގައިދިން ހުރަސް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލީ އެންތަނީ މާޝިއަލް އެވެ. މިއީ ޗެލްސީއާ ދެކޮޅަށް މާޝިއަލް ޖެހިޖެހިގެން ގޯލު ޖެހި ތިން ވަނަ މެޗެވެ. ދެ ވަނަ ހާފު ފެށިގެން ޗެލްސީން ކުރިއަށް ޖެހިގެން ކުޅެ އެޓީމަށް ލިބުނު ކޯނަރެއްގައި ކާޓް ޒޫމާ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް ވީއޭއާރުގެ އެހީ ހޯދުމަށް ފަހު ރެފްރީ ނިންމުން ބަދަލުކުރި އެވެ. އެއީ ގޯލެއް ނޫން ކަމަށް ރެފްރީ ނިންމީ ޗެލްސީގެ ސެޒާ އަޒްޕިލިކުއެޓާ، އެބޯޅަ ބޮލުން ޖަހަން އެރި ބްރެންޑަން ވިލިއަމްސް ކޮށްޕާލިކަމަށް ވީޑިއޯ ރީޕްލޭ އިން ފެނުމުންނެވެ. ޔުނައިޓެޑުން މެޗުގެ ދެ ވަނަ ގޯލު ޖެހީ މެގުއާ އެވެ. މިއީ ބްރޫނޯ ފެނާންޑޭޒް ނަގައިދިން ހުރަހަކުން ބޮލުން މެގުއާ ޖެހި ގޯލެވެ. ރޭގެ ގޯލަކީ ޔުނައިޓެޑަށް ރެކޯޑް އަގަކަށް ބަދަލުވުމަށް ފަހު ލީގުގައި މެގުއާ ޖެހި ފުރަތަމަ ގޯލެވެ. ޔުނައިޓެޑުން ދެ ގޯލުގެ ލީޑެއްގައި އޮއްވައި މެޗުގެ ފަހުކޮޅު އޮލިވިއޭ ޖިރޫޑް ބޮލުން ގޯލަށް ވައްދާލި ބޯޅަ ވީއޭއާރުގެ އެހީގައި ނިންމުން ބަދަލުކުރީ އެވަގުތު ޖިރޫޑް އޮފްސައިޑް މަގާމެއްގައި ހުރުމުންނެވެ.
މެޗުގެ ފަހު މިނެޓާއި އިތުރު ވަގުތުގެ ފަސް މިނެޓަށް އޮލެ ގުނަ ސޯލްޝެއާ ވަނީ ޖެނުއަރީ މަހު އެޓީމާ ގުޅުނު ނައިޖީރިއާގެ ފޯވާޑް އޮޑިއޮން އިގާލޯ ކުޅެން އަރުވައިފަ އެވެ. އިތުރު ވަގުތުގައި އިގާލޯ އަށް ގޯލު ޖަހާނެ ހުސް ފުރުސަތެއް ލިބުނު ނަމަވެސް ޗެލްސީގެ ކީޕަރު ވަނީ އެ ބޯޅަ ހުއްޓުވައިފަ އެވެ.
މެޗަށް ފަހު ޗެލްސީގެ ކޯޗު ލަމްޕާޑް ބުނީ މެގުއާ ކުރި ފައުލަށް ރަތް ކާޑު ދައްކަން ޖެހޭނެ ކަމަށާއި ވީއޭއާރުގެ ހުންނަނީ އެފަދަ ހާލަތްތަކުގައި ގޮތްނިންމަން ކަމަށެވެ.
“އަހަރެން ރިޕީޓް ވެސް ބެލިން. ވީއޭއާރު ހުންނަނީ އެކަހަލަ ކަންކަން ރަނގަޅުކުރަން އެކަމަކު އެމީހުން ނިންމީ ރަނގަޅު ނިންމުމެއް ނޫން. މެގުއާ އަށް ރަތް ކާޑު ދައްކަން ޖެހޭނެކަން ވަރަށް ސާފު. އޭރުން މެޗު ވެސް ވަރަށް ބޮޑަށް ބަދަލުވާނެ” މެޗަށް ފަހު ލަމްޕާޑް ބުންޏެވެ.
އެކަމަކު ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ ބުނީ އެއީ ރަތް ކާޑު ދައްކަން ޖެހޭ ހާލަތެއް ނޫންކަމަށެވެ.
“މެގުއާގެ ނަސީބު ރަނގަޅީތަ؟ އަހަރެންނަށް ގަބޫލެއް ނުކުރެވޭ. އެންމެ ފުރަތަމަ ބަޓްޝުއާޔީ ފައުލް ކުރީ އަނެއްކާ އޭނަ ދިޔައީ މެގުއާގެ ގައިމައްޗަށް ވެއްޓެން އެހެންވެ އެއް ފައިން އެވަގުތު މެގުއާ ސަލާމަތް ހޯދި ގަޑީގަ ބަޓްޝުއާޔީ އަށް ތަދުވީ” ވީއޭއާރުގެ ނިންމުން ދިފާއުކުރަމުން ސޯލްޝެއާ ބުންޏެވެ.
މެގުއާ ވެސް ބުނީ ބަޓްޝުއާޔީ ވެއްޓެން ދިއުމުން ހުއްޓުވަން އެވަގުތު ފައި ލެވުނީ ކަމަށެވެ. އެއީ ގަސްތުގައި ކުރި ކަމަށް ނޫން ކަމަށާއި ރެފްރީގެ ނިންމުން ރަނގަޅު ކަމަށް މެގުއާ ބުންޏެވެ. އަދި، ފަހުން ބަޓްޝުއާޔީގެ ކިބައިން މާފަށް އެދުނު ކަމަށް މެގުއާ ބުނެފައިވެ އެވެ.
ރޭގެ މޮޅާއެކު ޔުނައިޓެޑަށް ވަނީ ގަދަ ހަތަރަކަށް އެރުމަށް އިތުރު ހިތްވަރެއް ލިބިފަ އެވެ. 41 ޕޮއިންޓާއެކު ޗެލްސީ ހަތަރު ވަނައިގައި އޮތްއިރު 40 ޕޮއިންޓާއެކު ފަސް ވަނައިގައި އޮތީ ޓޮޓެންހަމް ހޮޓްސްޕާސް އެވެ. ހަ ވަނައިގައި 39 ޕޮއިންޓާއެކު ޝެފީލްޑް ޔުނައިޓެޑް އޮތްއިރު ޔުނައިޓެޑް ހަތް ވަނައިގައި އޮތީ 38 ޕޮއިންޓާއެކު އެވެ. ލީގުގައި އަންނަ ހޮނިހިރު ދުވަހު ޗެލްސީން ޓޮޓެންހަމްއާ ދެކޮޅަށް ނުކުންނައިރު އާދީއްތަ ދުވަހު ޔުނައިޓެޑް އަމިއްލަ ދަނޑުގައި ނުކުންނާނީ ވެޓްފޯޑާ ދެކޮޅަށެވެ.
Advertisement
Leave a Reply
-
-
މެގުއާ ފައިން ސަލާމަތް ހޯދިހެން، ޔުނައިޓަޑް ކުޅުންތެރިއެއް ކޮށްޕާލި ވަގުތު ކުރިމަތީހުރި ކުޅުންތެރިއާ ގައިގަ ޖެހެންދިޔާމަ އަތްނެގީ، އެކަމު ޗެލްސީ ކުޅުން ތެރިއާ ކޮށްޕާލިކަމަށް ހަދާފަ ގޯލް ނުދިނީ. ވާރޗެސްޓަޑް ޔުނައިޓަޑް ހަމަ.
ޢަލީ ޝަމީމު ކޮން ކުލަބަކަށް ތޯ ސަޕޯޓު ކުރަށްވަނީކަން ބުނެލަ ދެވިދާނެ ތޯ؟ ހާދަ ޔުނެއިޓެޑް ދެކެ ރުޅި ދުރުވެފަ ހުރިހެން ހީވޭ.