ސިޓީ ސަސްޕެންޑް ކުރިޔަސް ގާޑިއޯލާ މަޑުކުރަނީ!؟

Advertisement

ސިޓީ ސަސްޕެންޑް ކުރިޔަސް ގާޑިއޯލާ މަޑުކުރަނީ!؟

ޢަބްދުﷲ އަޝްރަފް

ކުރިއަށް އޮތް ދެ ސީޒަންގައި ކުޅޭ ޔޫއެފާ ޗެމްޕިއަންސް ލީގުން މެންޗެސްޓާ ސިޓީ ސަސްޕެންޑް ކުރަން ޔޫއެފާއިން ނިންމައިފައިވީ ނަމަވެސް ކްލަބްގައި މަޑުކުރަން ގަސްދުކުރާ ކަމަށް ކޯޗް ޕެޕް ގާޑިއޯލާ އޭނާގެ ބައެއް ރަހްމަތްތެރިން ގާތު ބުނެފައިވާ ކަމަށް ބީބީސީ އިން ރިޕޯޓްކޮށްފި އެވެ.

ފީފާގެ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވައިދާ ސިޓީން ހިލާފްވެފައިވާ ކަމަށް ބަލައި އެ ކްލަބާ ދެކޮޅަށް ޔޫއެފާއިން މިދިޔަ ހުކުރު ދުވަހު ނިންމި ނިންމުމާއެކު  ސިޓީއަށް 2022 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށް  ޗެމްޕިއަންސް ލީގުން ފުރުސަތު ގެއްލުމުން އެންމެ ގިނަ ބަޔަކު ސުވާލު އުފައްދައިފައިވަނީ 49 އަހަރުގެ ގާޑިއޯލާގެ ކުރިމަގާއި މެދު އެވެ.  މިކަމާ ގުޅޭގޮތުން ސްޕެއިން އަށް އުފަން ގާޑިއޯލާ އަދި މިހާތަނަށް މީޑިއާގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ލަފާކުރެވޭ ގޮތުގައި މިކަމާ ގުޅޭގޮތުން ގާޑިއޯލާ ރަސްމީ ސިފައެއްގައި އެއްޗެއް ބުނާނީ އަންނަ ބުދަ ދުވަހުގެ ރޭ މެންޗެސްޓާ ސިޓީ އާއި ވެސްޓް ހޭމް ވާދަކުރާ ޕްރިމިއާ ލީގުގެ މެޗުގެ ކުރިން އޮންނަ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

Advertisement

ސިޓީއާއެކު ގާޑިއޯލާ މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރު އެވެ. ކަން އެހެން އޮތަސް އެ އެއްބަސްވުމުގައި ވާގޮތުން މިއަހަރުގެ ސީޒަން ނިމުމުން އެއްބަސްވުން އުވާލުމުގެ އިހްތިޔާރު ގާޑިއޯލާ އަށް ލިބެ އެވެ. ސިޓީއާ ދެކޮޅަށް ޔޫއެފާއިން ނިންމި ނިންމުމާއެކު ގިނަ ބަޔަކު ގަބޫލުކޮށްގެން ތިބީ މި ސީޒަނަށްފަހު ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން ގާޑިއޯލާ އުވާލާނެ ކަމަށެވެ. އެކަމަކު ބީބީސީގައި ވާގޮތުން އެކަން އެގޮތަށް ނުކުރާނެ ކަމަށާއި ކްލަބަށް ފުރިހަމައަށް އެއްބާރުލުންދީގެން އަންނަ ސީޒަން ނިމެންދެން ވެސް ސިޓީގައި މަޑުކުރާނެ ކަމަށް ގާޑިއޯލާ އޭނާގެ ބައެއް ރަހުމަތްތެރިން ގާތު ބުނިކަމަށް އެނގިފައިވެ އެވެ.

[contentcards url=”https://fahuminet.com/12653″]

މިފަހަކަށް އައިސް ފާއިތުވެގެންދިޔަ ހަފްތާތަކުގެ ތެރޭގައި ގާޑިއޯލާ އާ ނޫސްވެރިން ކުރިމަތިކުރަމުން އައި އެއް ސުވާލަކީ ސިޓީގައި ގާޑިއޯލާގެ މުސްތަގްބަލް އޮތް ގޮތާ ގުޅޭ ގޮތުން ކުރި ސުވާލެވެ. އެ ސުވާލަށް ޖަވާބު ދެމުން ގާޑިއޯލާ އޭރު ބުނެފައިވަނީ ސިޓީ ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް އަދި ނެތްކަމަށާއި އަންނަ ސީޒަނަށް ފަހު ވެސް ސިޓީގައި މަޑުކުރުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި، ސިޓީގެ ވެރިންނަށް ފުރިހަމައަށް އިތުބާރުކުރާ ކަމަށް ވެސް މީގެ ކުރިން ތަކުރާރުކޮށް ގާޑިއޯލާ އައީ ބުނަމުންނެވެ.

ސިޓީގެ ކޯޗްކަމާ 2016 ވަނަ އަހަރު ގާޑިއޯލާ ހަވާލުވިފަހުން މިހާތަނަށް އޭނާ ވަނީ އެންމެ ފަހުން ވޭތުވެގެންދިޔަ ދެ ސީޒަންގައި ވެސްި އިނގިރޭސި ޕްރިމިއާ ލީގް މިއިން ޒަމާނަކުވެސް ލީގުގައި ކްލަބަކަށް ހޯދިފައި ނުވާ މިންވަރަށް ޕޮއިންޓް ހޯދައިގެން  ސިޓީ އަށް ކާމިޔާބުކޮށްދީފަ އެވެ. މީގެ އިތުރުން ލީގާއި އެފްއޭ ކަޕްގެ އިތުރުން ލީގް ކަޕް އެއް ސީޒަނެއްގައި ހޯދި ފުރަތަމަ ޓީމަށް ސިޓީ ހަދައިދީފައިވަނީ ވެސް ގާޑިއޯލާ އެވެ. އެހެން ނަމަވެސް މިހުރިހާ ކާމިޔާބަކާއެކުވެސް ސިޓީއަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ނުދެވި އޮތުމަކީ ގާޑިއޯލާއަށް މިވަގުތު އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ. އެހެން ކަމަށްވުމާއެކު ޔޫއެފާއިން ސިޓީއާ ދެކޮޅަށް ނިންމި ނިންމުމަކީ ގާޑިއޯލާގެ މޯޓިވޭޝަން އަށް އަސަރުކޮށްފާނެ ކަމެއް ކަމަށް ބެލެވެ އެވެ.

ޔޫއެފާއިން ސިޓީ ސަސްޕެންޑް ކުރުމާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް ގާޑިއޯލާ އަށް ލިބޭނެ އެންމެ ފަހު ފުރުސަތަކީ މިހާރު ކުރިއަށްދާ މުބާރަތް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ސިޓީ އަށް މިފަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިއްޖެ ނަމަ ކްލަބްގައި އިތުރަށް ގާޑިއޯލާ މަޑު ކުރާނެ ކަމަކަށް ގިނަ ބަޔަކު ނުދެކެ އެވެ. އަދި، މިފަހަރުގެ  ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވުނު ނަމަވެސް މިހާރު ކުރިމަތިވެފައި އޮތް ހާލަތުގެ ސަބަބުން ސިޓީ އަށް ކުރިމަތިވާނެ ގޮންޖެހުންތަކަށް ރިއާޔަތްކުރާއިރު މި ސީޒަނަށް ފަހު ގާޑިއޯލާ ސިޓީގައި މަޑުކުރުން ވަރަށް ބޮޑަށް ބިނާވެފައި އޮންނާނީ މައްސަލަ އިސްތިއުނާފްކޮށްގެން ސިޓީއަށް ލިބޭ ކާމިޔާބެއްގެ މައްޗަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *