ރާއްޖެ އިން ސްޕޮންސާ ކުރި ޓީމް ރެއާލް މެޑްރިޑަށް ހުރަސް އަޅައިފި

Advertisement

ރާއްޖެ އިން ސްޕޮންސާ ކުރި ޓީމް ރެއާލް މެޑްރިޑަށް ހުރަސް އަޅައިފި

ޢަލީ ޝަހީމް
ރޭގެ މެޗުގައި ސެލްޓަގެ ކުޅުންތެރިން ހަޒާޑަށް ފައުލް ކުރަނީ. އެޓީމުން ވަނީ އެއް ވަނައިގައި އޮތް ރެއާލް އަތުން ޕޮއިންޓެއް ހޯދާފަ

މިދިޔަ ނޮވެމްބަރު މަހު ރާއްޖޭން ސްޕޮންސާ ކުރި ސްޕެނިޝް ލީގުގެ ސެލްޓަ ވީގޯ އިން ލީގުގައި ރޭ ކުޅުނު މެޗުގައި އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާ 2-2 އިން އެއްވަރުކޮށްފި އެވެ.

“ވިސިޓް މޯލްޑިވްސް” ގެ އިޝްތިހާރު ޖާޒީގާއި ބޭނުންކުރާ ސެލްޓަ އިން ރޭ ރެއާލްގެ ދަނޑުގައި ހޯދި މުހިއްމު ޕޮއިންޓާއެކު ވަނީ ރެލިގޭޝަން ޒޯނުން ސަލާމަތްވެ ތާވަލުގެ 17 ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. އެޓީމުގެ ފަހަތުން ރެލިގޭޝަނުގައި މިވަގުތު އޮތީ ރެއާލް މަޔޯކާ އާއި ލެގަނޭސް އަދި އެސްޕަންޔޯލް އެވެ.

Advertisement

ރޭގެ މެޗުން މޮޅު ނުވެވުމުން ރެއާލަށް ވަނީ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. ހޮނިހިރު ދުވަހުގެ ރޭ ބާސެލޯނާއިން ކުޅުނު މެޗު ކާމިޔާބުކުރިއިރު ރޭ ރެއާލް އެއްވަރުވުމުން އެޓީމަށް އެއް ވަނަ ލިބެނީ 53 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 52 ޕޮއިންޓާ އެކު ބާސެލޯނާ އޮތްއިރު ތިން ވަނައިގައި އޮތް ގެޓާފޭ އަށް ލިބިފައިވވަނީ 42 ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތީ 40 ޕޮއިންޓް ހޯދާފައިވާ އެތުލެޓިކޯ މެޑްރިޑެވެ.

ރެއާލްގެ ދަނޑުގައި ރޭ ފުރަތަމަ ލީޑު ނެގީ ސެލްޓަ އިންނެވެ. ކުރިން ލިވަޕޫލަށް ކުޅުނު އިއާގޯ އަސްޕާސްގެ އެހީތެރިކަމާ އެކު ސެލްޓަ އަށް ލީޑު ނަގައިދިނީ ފެޑޯ ސްމޮލޯވް އެވެ. މިއީ ސްޕެނިޝް ފުޓްބޯޅައިގައި ސްމޮލޯވް ޖެހި ފުރަތަމަ ގޯލެވެ. ދެ ވަނަ ހާފުގައި ރެއާލުން ވަނީ ކުޅުން ރަނގަޅުކޮށް ޓޮނީ ކުރޫސް އާއި ސާޖިއޯ ރާމޯސްގެ ލަނޑުތަކުން ލީޑު ނަގައިފަ އެވެ. 16 ޔާޑު ދުރުން ކްރޫސް މެޗުގައި ގޯލު ޖެހިއިރު ރާމޯސްގެ ގޯލަކީ އަނިޔާގެ ސަބަބުން ތިން މަހަށް ފަހު އެނބުރި ކުޅުމުގެ ތެރެއަށް ނުކުތް އެޑެން ހަޒާޑަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ. ސެލްޓަ އިން މެޗުގެ ނަތީޖާ ހަމަހަމަކުރި ގޯލު މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ސަންތީ މިނާ އެވެ. މިއީ ކުރިން ބާސެލޯނާ އާއި އާސެނަލް އަދި ވިޔަރެއާލަށް ކުޅުނު ޑެނިސް ސުއަރޭޒް ދިން ޕާހަކުން މިނާ ޖެހި ގޯލެކެވެ.

މެޗުގައި ރެއާލަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބުނުއިރު އެނބުރި އައިސް ހަޒާޑް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ގަރެތު ބޭލް ގޯލު ޖެހުމާ ގާތަށް ޖެހިލިއިރު ރާމޯސް ގޯލަށް ވައްދާލި ބޯޅައެއް ރެފްރީ ވަނީ ކެންސަލްކޮށްފަ އެވެ.

2012 ވަނަ އަހަރުގެ ފަހުން ރެއާލަށް ސްޕެނިޝް ލީގު ލިބިފައިވަނީ އެންމެ ފަހަރަކު އެވެ. ލީގުގައި ބާކީ 14 މެޗު އޮތްއިރު އެޓީމުގެ ފަހަތުން ވާދަކުރަނީ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *