ކިއެލީނީ އެނބުރި އައި މެޗުން މޮޅުވެ ޔުވެންޓަސް އެއް ވަނަ އަށް

Advertisement

ކިއެލީނީ އެނބުރި އައި މެޗުން މޮޅުވެ ޔުވެންޓަސް އެއް ވަނަ އަށް

ޢަލީ ޝަހީމް
ބޮނުޗީގެ ބަދަލުގައި ކިއެލީނީ ރޭގެ މެޗުގައި ކުޅެން އަރަނީ.

އަނިޔާގެ ސަބަބުން ފަސް މަސް ވަންދެން ކުޅުމާއި ދުރުގައި ހުރި ތަޖުރިބާކާރު ޑިފެންޑަރު ޖިއޯޖިއޯ ކިލެލީނީ އެނބުރި އައި މެޗުން މޮޅުވެ ޔުވެންޓަސް އިޓަލީ ލީލުގެ ތާވަލުގެ އެއް ވަނަ އަށް އަރައިފި އެވެ. ލީގުގައި އިއްޔެ ބްރެޝިއާއާ ދެކޮޅަށް ކުޅުނު މެޗުން ޔުވެންޓަސް މޮޅުވީ 2-0 އިންނެވެ.

35 އަހަރުގެ އިޓަލީ ޑިފެންޑަރު ކިއެލީނީގެ ލިގަމެންޓަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރައްދާން ޖެހުނީ ސީޒަނުގެ ފުރަތަމަ މެޗުގަ އެވެ. ދިގު މުއްދަތަކަށް ފަހު އަލުން ކުޅުމުގެ ތެރެއަށް އައިސް އޭނާ ވަނީ ރޭގެ މެޗުގެ ފަހު 12 މިނެޓުގައި ކުޅެފަ އެވެ.

މެޗަށް ޔުވެންޓަސް ނުކުތީ ރަނގަޅު ފޯމެއްގައި ހުރި ކްރިސްޓިއާނޯ ރޮނާލްޑޯ ޓީމުގައި ނުހިމަނަ އެވެ. ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީ ރޭގެ މެޗުގައި ރޮނާލްޑޯ އަށް އަރާމުކުރަން ފުރުސަތު ދިންއިރު އޭނާ ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުގައި ގޯލު ޖަހައިފަ އެވެ. ޔުވެންޓަސް އަށް ރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ ޕައޮލޯ ޑިބާލާ އާއި ހުއާން ކުއަޑްރާޑޯ އެވެ.

ލީގުގައި ރޭ ލާޒިއޯ އިން ވަނީ އަމިއްލަ ދަނޑުގައި 2-1 އިން އިންޓަ މިލާން ބަލިކޮށްފަ އެވެ. ފުރަތަމަ ހާފު ނިމެން މިނެޓެކަށް ވެފައިވަނިކޮށް އިންޓަ އިން ވަނީ އޭޝްލީ ޔަންގް ޖެހި ގޯލުން ލީޑު ނަގައިފަ އެވެ. އެކަމަކު ދެ ވަނަ ހާފުގައި ލާޒިއޯ އިން ވަނީ މެޗުގެ ނަތީޖާ އަނބުރާލައިފަ އެވެ. އެޓީމުގެ ފުރަތަމަ ގޯލު ލިބުނު ޕެނަލްޓީއަކުން ޖެހީ ރަނގަޅު ފޯމެއްގައި ހުރީ ޗީރޯ އިމޮބިލޭ އެވެ. މިއީ ލީގުގައި އިމޮބިލޭ ޖެހި 26 ވަނަ ގޯލެވެ. އެޓީމު މެޗުން މޮޅުވި ގޯލު ޖަހައިދިނީ ސާގެއީ މިލަންކޮވިޗް – ސަވިޗް އެވެ.

ލާޒިއޯ އިން ލީޑުގައި އޮއްވައި އިންޓަގެ ލައުޓާރޯ މާޓިނޭޒް ޖެހި ގޯލު ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ރެފްރީ ވަނީ ކެންސަލްކޮށްފަ އެވެ. އެ ގޯލު ރެފްރީ ގަބޫލުނުކުރީ ޔަންގް ނަގައިދިން ހުރަސް މާޓިނޭޒް ބޮލުން ޖެހިއިރު އޮފްސައިޑުގައި ހުރުމުންނެވެ. ރޭގެ މެޗަކީ އެންޓޯނިއޯ ކޮންޓޭ އިންޓަގެ ކޯޗުކަމާ ހަވާލުވިފަހުން އެޓީމުން ލީގުގައި ބަލިވި ދެ ވަނަ ފަހަރެވެ.

ރޭ އިންޓަ ބަލިވުމުން އެޓީމު ވަނީ ޔުވެންޓަސް އާއި ލާޒިއޯގެ ފަހަތުން ލީގު ތާވަލުގެ ތިން ވަނަ އަށް ވެއްޓިފަ އެވެ. ޔުވެންޓަސް 57 ޕޮއިންޓާއެކު އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި އޮތް ލާޒިއޯ އަށް ލިބިފައިވަނީ 56 ޕޮއިންޓެވެ. އިންޓަ ތިން ވަނަ އަށް ވެއްޓުނު އިރު އެޓީމު އޮތީ 54 ޕޮއިންޓުގަ އެވެ. ހަތަރު ވަނައިގައި އޮތީ 45 ޕޮއިންޓު ހޯދާފައިވާ އެޓަލާންޓާ އެވެ.

މި ސީޒަނުގައި ޔުވެންޓަސްއާ އެންމެ ވާދަކުރާނެ ޓީމަކީ އިންޓަ ކަމުގައި ބެލެވުނު ނަމަވެސް މިހާރު ލާޒިއޯ އިން އަންނަނީ މޮޅު ކުޅުމެއް ދައްކައި ލީގަށް ވާދަކުރަމުންނެވެ. ލާޒިއޯ އަށް މީގެ ކުރިން އިޓަލީ ލީގުގެ ޗެމްޕިއަންކަން ލިބުނީ 1974 ވަނަ އަހަރާއި 2000 ވަނަ އަހަރު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *