ސަސްޕެންޝަނާ އެކު މެންޗެސްޓާ ސިޓީއަށް ދެން ވާނީ ކިހިނެއް؟
ކުރިއަށް އޮތް ދެ ސީޒަންގައި ކުޅޭ ޗެމްޕިއަންސް ލީގުން މެންޗެސްޓާ ސިޓީ ސަސްޕެންޑް ކުރަން ޔޫއެފާއިން ނިންމި ނިންމުމަކީ މިސީޒަންގައި މިހާތަނަށް އަޑުއިވުނު އިނގިރޭސި ފުޓްބޯޅައާ ގުޅުން ހުރި އެންމެ ހޫނު ހަބަރުކަމަށް ގިނަ ބަޔަކު ގަބޫލުރާނެ އެވެ. ފީފާ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގެ އުސޫލުތަކާއި އެންމެ ފަހުގެ އިނގިރޭސި ޕްރިމިއާ ލީގު ޗެމްޕިއަން މެންޗެސްޓާ ސިޓީން ހިލާފުވި ކަމަށް ނިންމައި 2022 ވަނަ އަހަރާއި ހަމައަށް އެ ކްލަބް ޗެމްޕިއަންސް ލީގުން މިހާރު ސަސްޕެންޑް ކޮށްފައިވާއިރު ސިޓީން ބުނެފައިވަނީ އެއީ ވަރަށް ބޭއިންސާފް ނިންމުމެއް ކަމަށާއި އެ މައްސަލަ ލިބޭ އެންމެ އަވަސް ފުރުސަތެއްގައި އިސްތިއުނާފަށް ހުށަހަޅާނެ ކަމަށެވެ.
އެކަމަކު މިހާރު ޔޫއެފާއިން ނިންމާފައިވާ އެ ނިންމުން އެހެން ގޮތަކަށް ބަދަލުނުވާހާ ހިނދަކު ކުރިއަށް އޮތް ދެ ސީޒަންގައި ކުޅޭ ޔޫރަޕްގެ އެންމެ ޝަރަފްވެރި ކްލަބް ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ސިޓީ އަށް ގެއްލުނީ އެވެ. މިއާއެކު ދެން ކްލަބަށް ވާނެ ގޮތަކާ މެދު އުފެދޭ ސުވާލުތައް މިހާ ހިސާބުން މިވަނީ އިތުރުވެފަ އެވެ.
މިއީ ގާޑިއޯލާގެ ނިމުން ކަމަށް ވެދާނެތަ؟
މިފަހަކަށް އައިސް ފާއިތުވެގެންދިޔަ ހަފްތާތަކުގެ ތެރޭގައި މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާއާ ނޫސްވެރިން ކުރިމަތިކުރަމުން އައި އެއް ސުވާލަކީ ސިޓީގައި ގާޑިއޯލާގެ މުސްތަގްބަލް އޮތް ގޮތާ ގުޅޭ ގޮތުން ކުރި ސުވާލެވެ. އެ ސުވާލަށް ޖަވާބު ދެމުން ގާޑިއޯލާ އޭރު ބުނެފައިވަނީ ސިޓީ ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް އަދި ނެތްކަމަށާއި އަންނަ ސީޒަނަށް ފަހު ވެސް ސިޓީގައި މަޑުކުރުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި، ސިޓީގެ ވެރިންނަށް ފުރިހަމައަށް އިތުބާރުކުރާ ކަމަށްވެސް މީގެ ކުރިން ތަކުރާރުކޮށް ގާޑިއޯލާ އައީ ބުނަމުންނެވެ.
މެންޗެސްޓާ ސިޓީގެ ކޯޗްކަމާ 2016 ވަނަ އަހަރު ގާޑިއޯލާ ހަވާލުވިފަހުން މިހާތަނަށް އޭނާ ވަނީ އެންމެ ފަހުން ވޭތުވެގެންދިޔަ ދެ ސީޒަންގައިވެސްި އިނގިރޭސި ޕްރިމިއާ ލީގް މިއިން ޒަމާނަކުވެސް ލީގުގައި ކްލަބަކަށް ހޯދިފައި ނުވާ މިންވަރަށް ޕޮއިންޓް ހޯދައިގެން ސިޓީ އަށް ކާމިޔާބުކޮށްދީފަ އެވެ. މީގެ އިތުރުން އިނގިރޭސި ޕްރިމއާ ލީގާއި އެފްއޭ ކަޕްގެ އިތުރުން ލީގް ކަޕް އެއް ސީޒަނެއްގައި ހޯދި ފުރަތަމަ ޓީމަށް ސިޓީ ހަދައިދީފައިވަނީވެސް ގާޑިއޯލާ އެވެ. އެހެން ނަމަވެސް މިހުރިހާ ކާމިޔާބަކާއެކު ވެސް ސިޓީ އަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ނުދެވި އޮތުމަކީ ގާޑިއޯލާއަށް މިވަގުތު އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ. އެހެން ކަމަށްވުމާއެކު ޔޫއެފާއިން ސިޓީއާ ދެކޮޅަށް ނިންމި ނިންމުމަކީ ގާޑިއޯލާގެ މޯޓިވޭޝަނަށް އަސަރުކޮށްފާނެ ކަމެއް ކަމަށް ބެލެވެ އެވެ.
ޔޫއެފާއިން ސިޓީ ސަސްޕެންޑް ކުރުމާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް ގާޑިއޯލާ އަށް ލިބޭނެ އެންމެ ފަހު ފުރުސަތަކީ މިހާރު ކުރިއަށްދާ މުބާރަތް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ސިޓީ އަށް މިފަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިއްޖެ ނަމަ ކްލަބްގައި އިތުރަށް ގާޑިއޯލާ މަޑު ކުރާނެ ކަމަކަށް ގިނަ ބަޔަކު ނުދެކެ އެވެ. އަދި، މިފަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވުނު ނަމަވެސް މިހާރު ކުރިމަތިވެފައި އޮތް ހާލަތުގެ ސަބަބުން ސިޓީ އަށް ކުރިމަތިވާނެ ގޮންޖެހުންތަކަށް ރިއާޔަތްކުރާއިރު މި ސީޒަނަށް ފަހު ގާޑިއޯލާ ސިޓީގައި މަޑުކުރުން ވަރަށް ބޮޑަށް ބިނާވެފައި އޮންނާނީ މައްސަލަ އިސްތިއުނާފްކޮށްގެން ސިޓީއަށް ލިބޭ ކާމިޔާބެއްގެ މައްޗަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
ކުޅުންތެރިންނަށް ވާނީ ކިހިނެއް؟
ޔޫއެފާގެ ނިންމުން އައުމުގެ ކުރިންވެސް، ސިޓީގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ އިތުބާރު މިޑްފީލްޑަރު ސްޕެއިންގެ ޑޭވިޑް ސިލްވާ މި ސީޒަން ނިމުމުން ކްލަބް ދޫކޮށްލަން ނިންމާފައިވާ ކަން އެއީ އެންމެންނަށްވެސް އެނގޭ ކަމެކެވެ. އެކަމަކު 2022 ވަނަ އަހަރުގެ ސީޒަންގައި ސިޓީއަށް އަލުން އަނބުރާ ޗެމްޕިއަންސް ލީގަށް އައުމުގެ ފުރުސަތު މިވަގުތު އޮތް އިރު އޭގެ ކުރިން ކޮންޓްރެކްޓް ހަމަވާ ކުޅުންތެރިން އަމަލުކުރާނެ ގޮތް އަދި އޮތީ ސުވާލު މާކެއްގެ ތެރޭގަ އެވެ. މި ލިސްޓްގެ އެންމެ ކުރީގައި ހިމެނޭ ކުޅުންތެރިއަކީ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އެވެ. އަގުއޭރޯއާ އެކު ސިޓީން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އަންނަ ސީޒަން ނިމުމާއެކު ހަމަވާނެ އެވެ. ހަމަ އެ ހިސާބުގައި ސިޓީއަށް ކުޅެމުން އަންނަ ޖަރުމަނުގެ ފޯވާޑް ލިރޯއި ސާނޭގެ ކޮންޓްރެކްޓްގެ މުއްދަތު ވަސް ހަމަވާނެ އެވެ. ސިޓީގެ ޑިފެންސް ލައިންގެ ކުޅޭ ޖޯން ސްޓޯންސް އާއި ނިކޮލަސް އޮޓަމެންޑީގެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ އޭގެ އަހަރެއް ފަހުންނެވެ.
2022 ގެ ފަހުން އެއްބަސްވުމުގެ މުއްދަތު ހަމަވާ ކުޅުންތެރިންގެ ތެރޭގައި ސިޓީއަށް ކުޅެމުންއަންނަ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ އާއި ބެނާޑޯ ސިލްވާގެ އިތުރުން އިނގިރޭސި ފޯވާޑް ރަހީމް ސްޓާލިން އާއި ރިޔާދް މާރޭޒް ހިމެނެ އެވެ. މި ސީޒަނަށް ފަހު ގާޑިއޯލާ ޓީމް ދޫކޮށްލައިފިނަމަ މީގެ ތެރެއިން ބައެއް ކުޅުންތެރިން އެހެން ކްލަބްތަކަށް އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިންވެސް ބަދަލުވުމުގެ ފުރުސަތު އޮތް ކަމަށް ބެލެވެ އެވެ. އެހެން ކަމަށްވެއްޖެނަމަ ސިޓީއަށް އަލުން ރަގަޅު ޓީމެއް ބިނާކުރަން އުނދަގޫ މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށް ބެލެވެ އެވެ.
އެންމެ ބޮޑު ގެއްލުމަކަށް ވާނީ ކޮންކަމެއް؟
ޔޫއެފާގެ ނިންމުން ބަދަލު ނުވެއްޖެ ނަމަ ސިޓީއަށް ލިބޭނެ އެންމެ ބޮޑު ދެރައެއް ކަމުގައި ބެލެވެނީ މި ފަހުން އެ ކްލަބުން ކޮށްފައިވާ ރަގަޅު މަސައްކަތްތަކަށް ހިޔަނި އެޅުމެވެ. އޭގެ އެއް ސަބަބަކީ ސިޓީން ކާމިޔާބު ހޯދުމަށްޓަކައި މަކަރާއި ހީލަތް ހެދި ކަމުގެ ހުތުރު ނަން ޔޫއެފާގެ މި ނިންމުމާއެކު އެކްލަބަށް އަމާޒުވުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮތުމެވެ. މިގޮތަށް މިކަން ވާނަމަ މިއީ އެޓީގެ ވެރިޔާ ޝެއިހް މަންސޫރު އާއި ޗެއާމަން ހަލްދޫން އަލް މުބާރަކް ގެ އަބުރަށް ލިބޭނެ ހުތުރު ނަމަކަށް ވާނެ ކަމަށް ވެސް ބެލެވެ އެވެ.
މީގެ އިތުރުން ސިޓިއަށް ދެން ކުރިމަތިވާނެ އަނެއް ގޮންޖެހުމަކީ އަލުން ޗެމްޕިއަންސް ލީގަށް އަންނަން ދެ އަހަރު ފަހުން ފުރުސަތު ލިބުނު ނަމަވެސް މުބާރާތުގައި ޓީމްތައް ސީޑް ކުރާއިރު ސިޓީއަށް ލިބޭ ދަރަޖަ ފަހަރެއްގައި ދަށްވެފައި އޮތުމެވެ. އެހެން އެކަން ވެއްޖެނަމަ މުބާރާތުގައި އިތުރަށް ކުރިއަށްދިއުމުގައި އުނދަގޫ މަސައްކަތްތަކެއް ސިޓީއަށް ކުރަންޖެހޭނެ ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ.
ގަދަ ހަތަރަކަށް ވާދަކުރުމުގެ ރޭސް އެންމެ ފަހުން ވާނީ ގަދަ ފަހަކަށްތަ؟
މި ހަފްތާ ބަންދުގައި އޮންނަ އިނގިރޭސި ޕްރިމިއާ ލީގެގެ މެޗްތަކަށް ނުކުންނައިރު ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށްޓަކައި ބޭނުންވާ ލީގުގެ ހަތަރުވަނަ މަގާމަށް މިވަގުތު އެންމެ ގާތުން ވާދަކުރަމުން އަންނަ ޗެލްސީއަށް އެޓީމާއި ޖެހިގެން އޮތް ޝެފީލްޑް ޔުނައިޓެޑްގެ މައްޗަށް ދެ ޕޮއިންޓްގެ ލީޑެއް އޮތްއިރު އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ސިޓީއަށް ނުކުޅެވޭ ގޮތް ވެއްޖެނަނަމަ އިނގިރޭސި ވިލާތުގެ ޓީމްތަކަށް ޗެމްޕިއަންސް ލީގުން ޖާގަ ދޭން ނިންމާފައިވާ ގޮތެއް އަދި ޔޫއެފާއިން ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ސިޓީ އަށް މުބާރާތުން ޖާގަ ނުދިނަސް ލީގުގެ ގަދަ ހަތަރަކަށް ލިބޭ ޖާގަ ޔޫއެފާއިން މަދު ނުކުރާ ކަމަށް ވާނަމަ ލީގުގެ ފަސްވަނަ އަށް މިފަހަރު ޓީމްތަކުން ވާދަކުރާ ކުރުމަކީވެސް ޝައުގުވެރި ކަމަކަށް ވެގެންދާނެ އެވެ. މިވަގުތު ޕޮއިންޓް ޓޭބަލް އޮތް ގޮތަށް ބަލާއިރު ފަސް ވަނައިގައި އޮތް ޝެފީލްޑް ޔުނައިޓެޑާއި، 14 ވަނައިގައި އޮތް ކްރިސްޓަލް ޕެލަސް އާ ދެމެދު އޮތީ އެންމެ ނުވަ ޕޮއިންޓްގެ ފަރަގެވެ. އަނެއްކޮޅުން މިއީ މިވަގުތާ ހަމައަށް ޗެމްޕިއަންސް ލީގުގެ އުއްމީދު ދޫކޮށްލައިގެންތިބި ބައެއް ބޮޑެތި ކްލަބްތަކަށް ލިބުނު ބޮޑު ހިތްހަމަޖެހުމަކަށް ވާނެ ކަމަށްވެސް ބެލެވެ އެވެ.
Advertisement
Leave a Reply