ނިއު ރޭޑިއަންޓް އަލުން ގެންނަން ސަޕޯޓަރުން ކުރާ މަސައްކަތަށް މަހުލޫފް ހިތްވަރުދެއްވައިފި

Advertisement

ނިއު ރޭޑިއަންޓް އަލުން ގެންނަން ސަޕޯޓަރުން ކުރާ މަސައްކަތަށް މަހުލޫފް ހިތްވަރުދެއްވައިފި

ޢަލީ ޝަހީމް
ޔޫތު މިނިސްޓްރީގައި ނިއުގެ އިސް ސަޕޯޓަރުންނާ އެކު މަހްލޫފް ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން. - ފޮޓޯ: ޓްވިޓާ / ޔޫތު މިނިސްޓްރީ

މާލީ މައްސަލަތަކާ ހެދި ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަލުން ގެންނަން އެ ކްލަބުގެ ސަޕޯޓަރުން ކުރާ މަސައްކަތުގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ހެނދުނު ކްލަބުގެ އިސް ސަޕޯޓަރުންނާއި ބައްދަލުކުރައްވައި ހިތްވަރުދެއްވައިފި އެވެ.

ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި 3.8 މިލިއަން ރުފިޔާ ނުދީ އޮތްކަމަށް ބުނެ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީއަށް ލިބިދީފައިވާ ބާރުގެ ދަށުން އެ ކްލަބް އެފްއޭއެމުން ހިންގާ ހުރިހާ ކުޅިވަރު ހަރަކާތްތަކުން ސަސްޕެންޑް ކުރަން ނިންމީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އޭގެފަހުން އެފްއޭއެމްގެ ނިންމުމަށް ތާއިދުކޮށް މި އަހަރުގެ ކޮންގްރެސްގެ ނިޔަލަށް ނިއު ރޭޑިއަންޓުގެ ސަސްޕެންޝަން ދަމަހައްޓަން ގިނަ ކްލަބްތަކުގެ ވޯޓުން ވަނީ މިދިޔަ އޭޕްރީލް މަހު ވަނީ ނިންމައިފަ އެވެ. އެހެންވެ މިހާރު ކުރިއަށްދާ ފުޓްބޯޅަ ސީޒަނުގައި ވާދަކުރުމުގެ ފުރުސަތު އެޓީމަށް ގެއްލުނެވެ.

Advertisement


ރާއްޖޭގައި އެންމެ ސަޕޯޓަރުން ގިނަ ކްލަބް އަނބުރާ ގެންނަން މި ސީޒަން ފެށުމުގެ ކުރިން މަސައްކަތްތަކެއް ފެށި އެވެ. މިގޮތުން މިދިޔަ މެއި މަހު އެ ކްލަބުން ވަނީ ސީނިއާ ވައިސް ޕްރެޒިޑެންޓުގެ މަގާމުގައި ހުންނެވި ސައްޔިދު އަލީ އެކްޓިން ޗެއާމަންކަމަށް އައްޔަންކޮށްފަ އެވެ. އަދި، ސަޕޯޓަރުންގެ ކޮމިޓީއެއް އެކުލަވާލައި ޗެއާމަނަކަށް ހަމަޖެއްސީ މިހާރު ނޮޅިވަރަމް ދާއިރާގެ މަޖިލިސް މެމްބަރު އަދި އެ ކްލަބަށް ސަޕޯޓްކުރައްވާ މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ. ނިއު ރޭޑިއަންޓް ކުރިއަށް އޮތް ސީޒަނަށް އަލުން ގެނައުމަށް ކުރާ މަސައްކަތުގައި ސަޕޯޓަރުންނާއެކު މިހާރު އެންމެ އިސްކޮށް މަސައްކަތް ކުރައްވަނީ ވެސް މޮސްޓާ އެވެ.

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގައި މިއަދު މަހުލޫފާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މޮސްޓާގެ އިތުރުން ކްލަބުގެ ސީނިއާ ސަޕޯޓަރުން ވަނީ ބައިވެރިވެފަ އެވެ. އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި ވަނީ ނިއު އަލުން ފުޓްބޯޅަ ދަނޑަށް ގެނައުމަށް ސަޕޯޓަރުން ކުރާ މަސައްކަތް ފާހަގަކޮށް އެކަމަށް މިނިސްޓްރީގެ ފަރާތުން އެއްބާރުލުން ދޭނެކަމަށް ބުނެފަ އެވެ.

ނިއު އަށް އަންނަ ސީޒަނުގައި ފުރުސަތު ލިބޭނީ އަންނަ މަހު އޮންނަ އެފްއޭއެމްގެ ކޮންގްރެސްގައި އެޓީމުގެ ސަސްޕެންޝަން އުވާލަން ކްލަބްތަކުގެ މެޖޯރިޓީއާ އެކު ނިންމައިގެންނެވެ. ސަޕޯޓަރުން ނިއު އަލުން ގެންނަން މަސައްކަތް ފެށީވެސް އަންނަ ސީޒަނުން ފެށިގެން ޓީމަށް ކުޅެވޭގޮތް ހެދުމަށެވެ. ކްލަބުގެ ސަޕޯޓަރުން މިހާރު ވަނީ މާލީ ގޮތުން ކްލަބަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 500 ރުފިޔާ އަށް ކްލަބުގެ ޖާޒީ ވިއްކަން ފަށައިފަ އެވެ. މިކަމުގައި އެކްލަބުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އަންނަނީ ބައިވެރިވަމުންނެވެ.

ސަޕޯޓަރުން ނެތި ގަލޮޅު ދަނޑު އެއްކޮށް ފަޅުވުމުގެ ސަބަބަކަށްވީ ނިއު ރޭޑިއަންޓަށް ފުރަތަމަ ޑިވިޝަނުގައި ވާދަނުކުރެވުމެވެ. ފުޓްބޯޅައިގެ ފޯރި ކުޑަވަމުންދިޔަ ނަމަވެސް ނިއު ކުޅޭ ދުވަސްތަކުގައި އެ ކްލަބުގެ ރަސްމީ ސިޑިބަރިން އަބަދު ވެސް ސަޕޯޓަރުން ފެނެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *