އިންޓަ ބަލިކޮށް ނަޕޯލީން އިޓާލިއަން ކަޕްގެ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި

Advertisement

އިންޓަ ބަލިކޮށް ނަޕޯލީން އިޓާލިއަން ކަޕްގެ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި

ޢަލީ ޝަހީމް
އިންޓަ އާއި ނަޕޯލީ ރޭ ކުޅުނު މެޗުގެ ތެރެއިން.

އިޓާލިއަން ކަޕްގެ ސެމީ ފައިނަލުގައި ރޭ ރަށުން ބޭރުގައި އިންޓަ މިލާން 1-0 އިން ބަލިކޮށް ނަޕޯލީން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި އެވެ. ސެމީގެ ފުރަތަމަ ލެގަށް މި ދެޓީމު ނުކުތްއިރު އިންޓަ އޮތީ އިޓަލީ ލީގުގެ އެއް ވަނައިގަ އެވެ. މި ސީޒަނުގެ ލީގުގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ނަޕޯލީ އޮތީ ލީގުގެ 11 ވަނައިގަ އެވެ.

ރޭގެ މެޗުގައި ނަޕޯލީގެ ހަމައެކަނި ގޯލު 57 ވަނަ މިނެޓުގައި ޖެހީ ފަބިއަން ރުއިޒް އެވެ. އިންޓަ އިން ރޭ ކުޅުނު މެޗުގައި އޭޝްލީ ޔަންގާއި ކްރިސްޓިއަން އެރިކްސެން އަދި އަލެކްސިސް ސަންޗޭޒަށް ފުރަތަމަ އެގާރައިން ކޯޗު އެންޓޯނިއޯ ކޮންޓޭ ފުރުސަތުދީފައެއްނުވެ އެވެ. މެޗުގެ ދެ ވަނަ ހާފުގައި އެރިކްސެން އާއި ސަންޗޭޒް ކުޅެން އެރުވި ނަމަވެސް ނަތީޖާ އަށް ބަދަލެއް ގެނެވޭ ގޮތެއްނުވި އެވެ.

Advertisement

އިންޓަގެ ދަނޑުގައި 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނަޕޯލީއާ ވާދަކުރަން އޮތް މެޗުގެ ކުރިން ހިނގާދިޔަ ހަމަނުޖެހުންތަކުގައި އަނިޔާވެ އިންޓަގެ ސަޕޯޓަރަކު މަރުވުމުން ރޭގެ މެޗު ކުޅުނީ އަދަބެއްގެ ގޮތުން ނަޕޯލީ ހިމެނޭ ސަރަހައްދުގެ ސަޕޯޓަރުން ދަނޑަށް ނުވައްދަ އެވެ. އެކަމަކު ނަޕޯލީން މެޗުގައި ލީޑު ނެގުމުން މިލާނަށް ނިސްބަތްވާ ނަޕޯލީގެ ސަޕޯޓަރުން ވަނީ އުފާފާޅުކޮށްފަ އެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އިންޓަ އިން ވަނީ އޭސީ މިލާނުން ދެ ގޯލު ޖަހާފައިވަނިކޮށް ފަހަތުން އަރައި ހަތަރު ގޯލު ޖަހައި މެޗު ކާމިޔާބުކޮށްފަ އެވެ. ރޭގެ މެޗަކީ އިޓަލީގެ ޑޮމެސްޓިކް މުބާރާތެއްގައި އިންޓަ މި ސީޒަނުގައި ބަލިވި ދެ ވަނަ ފަހަރެވެ. މެޗަށް ފަހު އިންޓަގެ ކޯޗު ކޮންޓޭ ބުނީ މިލާން މެޗުން އުނދަގުލުން ހޯދި މޮޅަށް ފަހު އެޓީމުގެ ކުޅުންތެރިން ވަރުބަލިވެފައިވާކަމަށެވެ.

މިދެޓީމު ވާދަކުރާ ސެމީގެ ދެ ވަނަ ލެގްގެ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު ނަޕޯލީގެ ދަނޑުގަ އެވެ. އެމެޗު އެއްވަރުކޮށްލައިގެން ވެސް ނަޕޯލީ އަށް ފައިނަލުގެ ފުރުސަތު ލިބޭއިރު ފައިނަލުގެ ޖާގައެއް ކަށަވަރުކުރަން އިންޓަ ޖެހޭނީ މެޗުން މޮޅުވާށެވެ.

އިޓާލިއަން ކަޕްގެ ދެ ވަނަ ސެމީގެ ފުރަތަމަ ލެގްގައި މިރޭ މިލާނުން އަމިއްލަ ދަނޑުގައި ޔުވެންޓަސްއާ ދެކޮޅަށް ނުކުންނާނެ އެވެ. މި ދެޓީމުގެ ކުޅޭ ދެ ވަނަ ލެގްގެ މެޗު ޔުވެންޓަސްގެ ދަނޑުގައި އޮންނާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

މިރޭގެ މެޗަށް މިލާނާއި ޔުވެންޓަސް ނުކުންނައިރު މެޗުގެ މަގުބޫލުކަން އިތުރުވެފައިވަނީ 38 އަހަރުގެ ޒަލަޓަން އިބްރަހިމޮވިޗާއި 35 އަހަރުގެ ކްރިސްޓިއާނޯގެ ވާދަވެރިކަން ފެންނާނެތީ އެވެ. މިލާނާ ޔުވެންޓަސް ވާދަކުރާ ސެމީ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން މެންދަމު 12:45 ގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *