އަޔަކްސްގެ ޒިޔެޗް ޗެލްސީ އަށް ބަދަލުވަނީ

Advertisement

އަޔަކްސްގެ ޒިޔެޗް ޗެލްސީ އަށް ބަދަލުވަނީ

ޢަލީ ޝަހީމް
ޒިޔެޗް ޗެމްޕިއަންސް ލީގުގެ މެޗެއްގައި ގޯލު ޖެހުމަށް ފަހު. ޗެލްސީން އަންނަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން

ނެދަލެންޑްސްގެ އަޔަކްސް އަށް ކުޅޭ މޮރޮކޯގެ ފޯވާޑް ހަކީމް ޒިޔެޗް ގެނައުމާ ގާތަށް އިނގިރޭސި ކްލަބް ޗެލްސީ ޖެހިލައިފި އެވެ. އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރު ހުޅުވުމުގެ ކުރިން ޗެލްސީން އަންނަނީ ޒިޔެޗް ގެނައުމަށް އަޔަކްސްއާ އެކު އެއްބަސްވުމަކަށް އަންނަން މަސައްކަތްކުރަމުންނެވެ.

ރިޕޯޓުތައް ބުނާގޮތުން 38 މިލިއަން ޕައުންޑަށް ޒިޔެޗް ގެންނަން އެއްބަސްވެ ވަރަށް އަވަހަށް ޗެލްސީން އެކަން އިއުލާންކުރާނެ އެވެ. 26 އަހަރުގެ ހުނަރުވެރި ފޯވާޑް ހޯދަން ޖެނުއަރީ މަހު ވެސް ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ވަނީ މަސައްކަތްކޮށްފަ އެވެ. އެކަމަކު ނެދަލެންޑްސްގެ ލީގު ދިފާއުކުރަން އަމާޒުހިފާފައިވާ އަޔަކަސް އިން ޖެނުއަރީ މަހު ޒިޔެޗް ދޫކޮށްލާކަށް ބޭނުމެއްނުވި އެވެ. ޒިޔެޗް ޗެލްސީ އަށް ބަދަލުވެއްޖެ ނަމަ އޭނާ ވެގެންދާނީ ފީފާގެ ޓްރާންސްފާ ބޭން އަށް ފަހު އެ ކްލަބަށް ގެންނަ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

ޗެލްސީ އަށް ކުޅުންތެރިން ނުގެނެވޭ ގޮތަށް ފީފާއިން ދީފައިވާ ސަސްޕެންޝަން އުވާލުމުން މިދިޔަ ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގައި އެ ކްލަބުން ވަނީ ގިނަ ކުޅުންތެރިންތަކަކަށް ފާރަލާފަ އެވެ. އެކަމަކު ޖެނުއަރީ މަސް ނިމުނު އިރު ވެސް ކުޅުންތެރިއެއްގެ ސޮއި ނުހޯދުމުން ކޯޗު ލަމްޕާޑް ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ޖެނުއަރީ މަހު ޗެލްސީން ވަނީ ޕީއެސްޖީގެ އުރުގުއޭ ފޯވާޑް އެޑިންސަން ކަވާނީ އާއި ނަޕޯލީގެ ބެލްޖިއަމް ފޯވާޑް ޑްރިސް މާޓެންސް ހޯދުމަށް މަސައްކަތްކޮށްފަ އެވެ.

ޒިޔެޗް ވަނީ އަނިޔާއިން އެނބުރި އައިސް އެންމެ ފަހުން ޑަޗް ކަޕްގައި އަޔަކްސް އިން 3-0 އިން ވިޓެސީ ބަލިކުރި މެޗުގެ ފަހު 10 މިނެޓުގައި ކުޅެފަ އެވެ. އެ މެޗަށް ފަހު އަޔަކްސްގެ ކޯޗު އެރިކް ޓެން ހާގް ބުނީ ޒިޔެޗް ހޯދަން ބޮޑެތި ކްލަބްތަކުން ޝައުގުވެރިކަން ފާޅުކުރުމަކީ އޭނާ ހައިރާންވާ ކަމެއް ނޫން ކަމަށެވެ.

“އަހަރެން ހައިރާނެއް ނުވޭ ޒިޔެޗްއާ ގުޅޭގޮތުން ދެކެވޭ ވާހަކައަކުން. އަހަރެމެންގެ ކުޅުންތެރިނަށް ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން ޝައުގުވެރިވާކަން އަހަރެންނަށް އެނގޭ. އެއީ ބޮޑު އުފަލެއް. ޗެލްސީ އަކީ މޮޅު ޓީމެއް. އެކަން ފައިނަލް ވީމަ އެއީ ހަކީމަށް ލިބޭނެ އުފާވެރިކަމެއް. އަދި އަހަރެން އެކަމާ ފަހުރުވެރިވާނެ” ކޯޗު ޓެން ހާގް ބުންޏެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ މި ސީޒަނުގެ ގްރޫޕް ސްޓޭޖުގައި އަޔަކްސް އާއި ޗެލްސީ ހިމެނުނީ އެއް ގްރޫޕެއްގަ އެވެ. ނޮވެމްބަރު މަހު ޗެލްސީ ދަނޑުގައި އަޔަކްސްއާ 4-4 އިން އެއްވަރުވި މެޗުގައި ޒިޔެޗް ވަނީ ޗެލްސީ ކޮޅަށް ގޯލު ޖަހައިފަ އެވެ. 2012 ވަނަ އަހަރު ނެދަލެންޑްސް ލީގަށް ބަދަލުވެ މިހާތަނަށް ޒިޔެޗް ވަނީ 79 ގޯލު ޖަހައި 87 ގޯލު ޖަހަން އެހީތެރިވެދީފަ އެވެ. ނެދަލެންޑްސްގެ ޓްވެންޓޭ އިން ފަސް އަހަރުގެ އެއްބަސްވުމެއްގައި ޒިޔެޗް އަޔަކްސް އަށް ބަދަލުވީ 2016 ވަނަ އަހަރު އެވެ.

މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލާ ހަމައަށް އަޔަކްސް ގެންގޮސްދިނުމުގައި ޒިޔެޗް ވަނީ މޮޅު ކުޅުމެއް ދައްކައި ގިނަ ގޯލުތަކެއް ޖަހައިފަ އެވެ. އެކަމަކު މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކަޓައި އެޓީމު ދެން ކުޅޭނީ ޔޫއެފާ ޔޫރޮޕާ ލީގުގަ އެވެ.

ޗެލްސީން އާ ކުޅުންތެރިންނަށް ފާރަލަނީ ފަހަކަށް އައިސް އެޓީމުގެ ފޯމު ދަށްވެ ގޯލު ޖެހުމުގައި މައްސަލަތައް ދިމާވުމުންނެވެ. ސީޒަނުގެ ކުރީކޮޅު ރަނގަޅު ފޯމެއްގައި އޮތް ނަމަވެސް ޗެލްސީ އަށް މިހާރު ވަނީ ގަދަ ހަތަރެއްގައި ހިފަހައްޓާލުމުގެ ބިރު ބޮޑުވެފަ އެވެ. ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ޖަރުމަނުގެ ބަޔާން މިއުނިކާ ދެކޮޅަށް ނުކުންނައިރު އެފްއޭ ކަޕްގައި އަންނަ މަހުގެ ކުރީކޮޅު ޗެލްސީ އަމިއްލަ ދަނޑުގައި ކުޅޭނީ ލިވަޕޫލާ އެވެ. ލީގު ކަޕުން ޗެލްސީ މި ސީޒަނުގައި ކެޓީ އަމިއްލަ ދަނޑުގައި މެންޗެސްޓަރ ޔުނައިޓެޑާ ވާދަކޮށް ބަލިވުމުންނެވެ. ލީގުގައި 25 މެޗުން ލިބުނު 41 ޕޮއިންޓާއެކު ޗެލްސީ މިހާރު އޮތީ ހަތަރު ވަނައިގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *