ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ސުޒޭން ހަމަޖައްސައި އިމްރާން ވެސް ގެނެސްފި

Advertisement

ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ސުޒޭން ހަމަޖައްސައި އިމްރާން ވެސް ގެނެސްފި

ޢަލީ ޝަހީމް
ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމަށް ހަމަޖެއްސި ސުޒޭން.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް އަލީ ސުޒޭން އަދި ގޯލްކީޕަރު ޓްރޭނަރުގެ އެސިސްޓެންޓަކަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހަމަޖައްސައިފި އެވެ.

ސުޒޭނާ އިމްރާން ގައުމީ ޓީމުގެ މަގާމްތަކަށް ހަމަޖެއްސިކަމުގެ މައުލޫމާތު ހާމަކުރީ މިރޭ އެފްއޭއެމް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ރާއްޖޭގައި ހުރި އެންމެ ތަޖުރިބާރާކު އެއް ކޯޗާއި މި ސަރަހައްދުގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު ގައުމީ ޓީމުގެ މަގާމްތަކާ ގުޅުމުން ކޯޗިން ޓީމު ވަނީ އިތުރަށް ވަރުގަދަވެފަ އެވެ. އެފްއޭއެމުން ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް ނެދަލެންޑްސްގެ މާޓިން ކޫޕްމަން ހަމަޖައްސައި އެސިސްޓެންޓް ކޯޗުގެ މަގާމަށް ކުރީގެ މަޝްހޫރު ކޯޗު ގޫސް ހިޑިންކްގެ ކޮއްކޮ ރެނޭ ހިޑިންކް ހަމަޖައްސައިފަ އެވެ.

ސުޒޭން މިދިޔަ ދެ އަހަރު ކޯޗުކޮށްދިން ކްލަބް ގްރީން ސްޓްރީޓްސް އިން ވަނީ އޭނާގެ އެއްބަސްވުން މިދިޔަ ބުރާސްފަތި ދުވަހު އުވާލައިފަ އެވެ. ސީޒަނުގައި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ބާކީ އޮއްވައި އެއްބަސްވުން އުވާލީ ސުޒޭނާ މަޝްވަރާ ކުރުމަށް ފަހު ކަމަށް ގްރީން ސްޓްރީޓްސް އިން ވަނީ ބުނެފަ އެވެ.

ގައުމީ ޓީމުގައި މީގެ ކުރިން ވެސް އެސިސްޓެންޓުންގެ ގޮތުގައި ދެ ކޯޗުން ވަނީ މަސައްކަތްކޮށްފަ އެވެ. ސުޒޭނަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކޯޗުންގެ ތެރޭގައި ހިމެނޭ އަދި އެންމެ ކާމިޔާބު އެއް ކޯޗެވެ. އޭނާ ވަނީ މީގެ ކުރިން ވެސް ގައުމީ ޓީމުތަކުގަޔާއި އެފްއޭއެމްގައި މަސައްކަތްކޮށްފަ އެވެ. ސުޒޭން ވަނީ 2005 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި ގައުމީ ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގެ އިތުރުން 2007 ވަނަ އަހަރު 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުކަންކޮށްފަ އެވެ. އޭގެ ފަހުން ސުޒޭން ވަނީ އެފްއޭއެމްގައި ވެސް މަސައްކަތްކޮށްފަ އެވެ.

ކޯޗިން ކެރިއަރުގެ ކުރީކޮޅު އަތޮޅުތެރޭގެ ޓީމުތަކުން ވެސް ފެނުނު ސުޒޭން ވަނީ ފުރަތަމަ ޑިވިޝަނުގައި ވިކްޓްރީ އާއި މާޒިޔާގައި ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. މި ދެޓީމުގައި ވެސް ސުޒޭން ވަނީ ދިވެހި ލީގާއި، އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި، މާޒިޔާއާ އެކު 2015 އަދި 2016 ވަނަ އަހަރު ޗެރިޓީ ޝީލްޑް ސުޒޭން ކާމިޔާބުކުރި އެވެ. 2017 ވަނަ އަހަރު ގދ. ތިނަދޫ ފުޓްބޯޅަ ޓީމަށް އިރުޝާދުދީ އެ ކްލަބަށް ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ސުޒޭން ފުރުސަތު ހޯދައިދިނެވެ.

ސުޒޭނަކީ ފުޓްބޯޅައިގެ ކަންކަމުގައި ޖެހިލުމެއް ނެތި އަބަދުވެސް ބިނާކުރަނިވި ފާޑުކިޔާ ކޯޗެކެވެ. އޭނާ އަބަދުވެސް ބުނަމުން ދަނީ ފާޑުކިޔަނީ ފުޓްބޯޅައަށް ރަނގަޅަކަށް ކަމަށާއި، ކޮންމެ މީހަކު ވެސް ފުޓްބޯޅައަށް ރަނގަޅަށް މަސައްކަތްކުރާނަމަ މަގްސަދު ހާސިލްވީ ކަމަށެވެ.

ކީޕަރުން ޓްރެއިން ކުރުމަށް ހަމަޖެއްސި އިމްރާނަކީ މެދުނުކެނޑި 17 އަހަރުން ވަންދެން ގައުމީ ޓީމުގެ ގޯލު ބެލަހައްޓައި ފުޓްބޯޅަ ސަޕޯޓަރުންގެ ލޯބި ހޯދި ކީޕަރެކެވެ. ގައުމީ ޓީމުން އިމްރާން ރަސްމީކޮށް ރިޓަޔާ ކުރުމަށް 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ވަނީ ހާއްސަ މެޗެއް ކުޅެފަ އެވެ. އޭގެ ފަހުން މިހާރު ކުރިއަށްދާ ސީޒަނުގެ ކުރީކޮޅު އިމްރާން ވަނީ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެފަ އެވެ. އެކަމަކު ޓީސީ ދޫކޮށްލުމަށް ފަހު އިމްރާން ހުރީ އެއްވެސް ކްލަބަކާ ނުގުޅި އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *