އަހަރެން ހީކުރީ 35 އަހަރުގައި އަހަރެން ދާނީ މަހަށް ކަމަށް: ރޮނާލްޑޯ
އުމުރުން 35 އަހަރުވާއިރު ހަ ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދަން މަސައްކަތްކުރުމުގެ ބަދަލުގައި އުޅޭނެ ކަމަށް ކުރިން ހީކުރީ އަމިއްލަ ރަށުގައި މަސްވެރިކަމުގައި ކަމަށް ޕޯޗްގަލްގެ ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ރޮނާލްޑޯ އަށް 35 އަހަރު ފުރުން މިދިޔަ ބުދަ ދުވަހު ފާހަގަކޮށްފައިވާއިރު އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ ފޯވާޑް ހިމެނިފައިވަނީ މިހާތަނަށް ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގަ އެވެ. ކުރިން އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ސްޕެއިންގެ ރެއާލް މެޑްރިޑަށް ވެސް ކުޅެފައިވާ ރޮނާލްޑޯ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ފަސް ފަހަރު ހޯދައިފަ އެވެ.
ކްލަބް ފެންވަރުގައި ރޮނާލްޑޯ ހޯދައިފައިވާ ކާމިޔާބީތަކަށް ބަލާއިރު އޭނާ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ އިތުރުން ސްޕެނިސް ލަލީގާ އާއި އިޓާލިއަން ސީރީއޭ ޓައިޓްލް ކާމިޔާބުކުރުމުގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑާއި އަދި ރެއާލް މެޑްރިޑަށް ވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ. ގައުމީ ޓީމަށް ރޮނާލްޑޯ ހޯދައިދީފައިވާ ކާމިޔާބީތައްވެސް ފަނޑެއް ނޫނެވެ. އޭނާވަނީ އެންމެ ފަހުން 2016 ވަނަ އަހަރު ބޭއްވި ޔޫރޯ ޗެމްޕިއަންޝިޕްގެ އިތުރުން ޔޫއެފާ އިން އަލަށް ފެށި ޔޫއެފާ ނޭޝަންސް ލީގުގެ ތަށިވެސް ޕޯޗްގަލް އަށް ކާމިޔާބުކޮށްދީފަ އެވެ.
ރޮނާލްޑޯ ބުނާގޮތުގައި މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށްވުމުގެ ހުވަފެން އޭނާ ދުށް އިރު އެވަރުގެ ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރެވޭނެ ކަމަށް އުއްމީދުކުރެވިފައި ނެތެވެ.
“އުމުރުން 35 އަހަރުގައިތަ؟ އަހަރެން ހީކުރީ އަހަރެން އުޅޭނީ މެޑީރާ ގައި މަސްވެރިކަން ކުރަންކަމަށް. މިވަރުގެ ބޮޑު ކާމިޔާބެއް ފުޓްބޯޅައިގައި އަހެރެންނަށް ހޯދިދާނެކަމަށް އޭރު ހިތަށް އަރާފައެއް ނެތް. އޭރުވެސް އަހަރެން ބޭނުންވި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއަކަށް ވާން. އެކަމަކު އަހަރެން މި ހޯދި ހުރިހާ ކާމިޔާބެއް ހޯދިދާނެ ކަމަކަށް ކުރިން ހީވެސް ކުރެވިފައެއް ނެތް.” އިޓަލީގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނެފައިވެ އެވެ.
ކްލަބް ފެންވަރުގައި ކުޅުންތެރިޔަކަށް ހޯދޭނެ އެންމެ މަތީ އެއް ޝަރަފް ކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި އެންމެ ފުރަތަމަ ރޮނާލްޑޯ އުފުލާލީ މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރެ 2008 ވަނަ އަހަރު އެވެ. އޭގެ ފަހުން 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް ހޭދަވި ފަސް ސީޒަންގެ ތެރެއިން ހަތަރު ސީޒަންގައި ރެއާލް މެޑްރިޑާއެކު އެ ތަށި އުފުލާލުމުގެ ޝަރަފް ރޮނާލްޑޯ ވަނީ ހޯދައިފަ އެވެ.
ރޮނާލްޑޯ މިހާރު ކުޅެމުން އަންނަ ޔުވެންޓަސް އަށް ބަދަލުވީ 2018 ވަނަ އަހަރުގެ ހޫނު މޫސުމުގަ އެވެ. އޭގެ ފަހުން ޔުވެންޓަސް އަށް އިޓާލިއަން ލީގު ކާމިޔާބުކުރުމުގައި މުހިއްމު ހިއްސާއެއް މިދިޔަ ސީޒަންގައި ރޮނާލްޑޯ އަދާކޮށްފައިވީ ނަމަވެސް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި މިދިޔަ އަހަރު ނެދަލެންޑްސްގެ އަޔަކްސް އެމްސްޓަޑަމް އަތުން ބަލިވެ މުބާރާތުން ކަޓައިފައިވުމާއެކު އެ މުބާރާތް ކާމިޔާބުކުރުމުގެ އަޒުމް ރޮނާލްޑޯގެ ހިތުގައި މިހާރު ވަނީ އަނެއްކާވެސް ވަރުގަދަވެފަ އެވެ.
“ޔުވެންޓަސް އަށް ކުޅުމުކީ އެ ތަށި އަނެއްކާވެސް ހޯދަން އަހަރެންނަށް ލިބޭ ފުރުސަތެއް. އަހަރެމެންނަށް އެނގޭ އެއީ އުނދަގޫ ކަމެއް ކަން. އެކަން ހާސިލްވުން ވަނީ އެތައް އެހެން ކަމެއްގެ މައްޗަށްވެސް ބިނާވެފަ. އެކަމަކު އަހަރެމެންގެ ރަގަޅު ޓީމެއް އޮތުމާއެކު އެއީ އަހަރެމެންނަށް ކުރެވިދާނެ ކަމެއްގެ ގޮތުގަ ދެކެނީ. ކުރިއަށްދާން އަހަރެމެން ނަގަން ޖެހޭނީ ފަހަރަކު ފިޔަވަޅެއް.” މިސީޒަންގައި ލީގުގައި ޔުވެންޓަސްއަށް 19 ގޯލް ކާމިޔާބުކޮށްދީފައިވާ ރޮނާލްޑޯ ބުންޏެވެ.
Advertisement