އެފްއޭ ކަޕުން ލެގޫންސް ވަކިވެއްޖެ

މެދުކެނޑުމަކަށް ފަހު މިއަހަރު ބާއްވަން ތާވަލްކުރި އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރަން ނިންމި ލެގޫން ސްޕޯޓްސް ކްލަބުން ނަން އަނބުރާ ގެންދިއުމުން ވާދަކުރާ ޓީމުތަކުގެ އަދަދު އަށް ޓީމަށް ވެއްޖެ އެވެ. އެކިސަބަބުތަކާހެދި މިދިޔަ ދެ އަހަރު ނުބޭއްވުނު އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތް ފަށަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިހާރު ނިންމާފައިވަނީ އަންނަ މާޗް މަހުގެ ކުރީކޮޅު އެވެ.
އެފްއޭ ކަޕް އެންމެފަހުން ބޭއްވީ 2017 ވަނަ އަހަރު އެވެ. 2018 ވަނަ އަހަރުގެ ސީޒަނުގެ އެފްއޭ ކަޕް ކެންސަލް ކުރީ ސީޒަން މާބޮޑަށް ދިގުލައިގެންދިއުމާ ގުޅިގެން ކްލަބްތަކާއެކު އެފްއޭއެމުން މަޝްވަރާކުރުމަށް ފަހު އެވެ. އެ އަހަރު ސީޒަން ދިގުލައިގެން ދިޔައީ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތަށް 70 ދުވަހަށް ލީގު މެދުކަނޑާލުމުންނެވެ. މިދިޔަ އަހަރު އެފްއޭ ކަޕް ނެތީ ޖޫން މަހު ސީޒަން ފެށުމުންނެވެ. އެހެންވެ އަލުން މި މުބާރާތް މި ފަށަނީ އެއް ސީޒަނުގެ މެދުކެނޑުމަކަށް ފަހު އެވެ.
2018 ވަނަ އަހަރުގެ ސީޒަނުގެ އެފްއޭ ކަޕް ނުކުޅޭއިރު މިނިވަން ދުވަހުގެ ހަރަކާތްތައް ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިއުމުން، ވިނަގަނޑަށް ލިބުނު ގެއްލުމާއެކު 2015 ވަނަ އަހަރުގެ އެފްއޭ ކަޕް ވެސް ކެންސަލްކުރި އެވެ. އެ އަހަރު ފުޓްބޯޅަ ކަލަންޑަރަށް ގެނައި ބަދަލާއެކު ޕްރެޒިޑެންޓްސް ކަޕް ކުޅުނީ ހދ. ކުޅުދުއްފުއްޓާއި ސ. ހިތަދޫގަ އެވެ.
https://www.facebook.com/fahuminet/posts/2854146737940755
ފުރަތަމަ ޑިވިޝަނުގައި މިހާރު ވާދަކުރާ އަށް ޓީމުގެ ތެރެއިން ހަ ޓީމުން އެފްއޭ ކަޕްގައި ބައިވެރިވިއިރު ދެން ބައިވެރިވީ ކްލަބް އޭދަފުށި އަދި ވިލިމާލެ ޔުނައިޓެޑެވެ. ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ ތެރެއިން ބައިވެރިނުވަނީ ފ. ނިލަންދޫ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓްރީ އަދި މިހާރު ސަސްޕެންޑް ކޮށްފައިވާ ވިކްޓްރީ ސްޕޯޓްސް ކްލަބެވެ. މުބާރާތުގައި ބައިވެރިވި ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަކީ ލީގު ޗެމްޕިއަން މާޒިޔާ، ކްލަބް އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ށ. ފޯކައިދޫ ފުޓްބޯޅަ ޓީމެވެ.
އެފްއޭ ކަޕް ފަށަން މިހާރު ތާވަލްކޮށްފައިވަނީ މާޗް ފަސް ވަނަ ދުވަހު އެވެ. ލެގޫންސް ވަކިވުމުން މުބާރާތުގެ ފުރަތަމަ ބުރުގެ މެޗު ވަނީ ކެންސަލްކޮށްފަ އެވެ. މުބާރާތުގައި ދެން ކުޅޭނީ އަށް ޓީމުގެ މެދުގައި ނޮކްއައުޓް ބުރެކެވެ. މި ހަތަރު ކުޅޭނީ މާޗް ފަހެއް އަދި ހަ ވަނަ ދުވަހު އެވެ. މި ބުރުން އެންމެ ކުރި ހޯދާ ހަތަރު ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗުތައް އޮންނާނީ މާޗް 16 ވަނަ ދުވަހު އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާޗް 19 ވަނަ ދުވަހު އެވެ. މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތު ބާއްވަން އެފްއޭއެމުން ނިންމާފައިވަނީ ވަނީ އަންނަ ހޯމަ ދުވަހު އެވެ.
އެފްއޭ ކަޕްގެ ޗެމްޕިއަން ޓީމަށް އަންނަ އަހަރު އޮންނަ އޭއެފްސީ ކަޕްގެ ކޮލިފައިން އިން ފުރުސަތު ލިބޭނެ އެވެ. އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ހޯދާފައިވަނީ ލީގު ޗެމްޕިއަން މާޒިޔާ އެވެ. މާޒިޔާއިން އެއްފޭ ކަޕް ކާމިޔާބުކޮށްފި ނަމަ އޭއެފްސީ ކަޕްގެ ކޮލިފައިން ފުރުސަތު ލިބޭނީ ލީގުގެ ދެ ވަނަ ހޯދި އީގަލްސް އަށެވެ.
އެންމެ ފަހުގެ އެފްއޭ ކަޕްގެ ޗެމްޕިއަންކަން ފައިނަލުގައި ޓީސީ ބަލިކޮށް ހޯދީ ނިއު ރޭޑިއަންޓެވެ. އެޓީމުން 12 ވަނަ ފަހަރަށް އެފްއޭ ކަޕް ތަށި އުފުލާލީ ޓީސީން ދެ ގޯލު ޖަހާފައިވަނިކޮށް ފަހަތުން އަރައި 2-2 އިން އެއްވަރުކޮށް ޕެނަލްޓީ ޖަހައިގެން 6-4 އިން މޮޅުވެގެންނެވެ. އެކަމަކު ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިވާތީ މި ސީޒަނުގައި ނިއު ރޭޑިއަންޓުން ފުރަތަމަ ޑިވިޝަނުގައި ވާދައެއްނުކުރެ އެވެ.
Advertisement

