ބައްސާމަށް ދެ ވަނަ ދައުރެއް ދޭން މާޒިޔާ އާއި ގްރީން އިން ތާއީދުކޮށްފި

Advertisement

ބައްސާމަށް ދެ ވަނަ ދައުރެއް ދޭން މާޒިޔާ އާއި ގްރީން އިން ތާއީދުކޮށްފި

ޢަބްދުﷲ އަޝްރަފް
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް. މާޒިޔާ އާއި ގްރީން ސްޓްރީޓްސް އިން ވަނީ ބައްސާމަށް ތާއީދުކޮށްފަ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިހާބު ކުރިއަށް އޮތް 45 ދުވަހުގެ ތެރޭގައި ބާއްވަން ނިންމިކަން އެ އެސޯސިއޭޝަނުން އިއުލާންކުރިތާ ގާތްގަނޑަކަށް 24 ގަޑިއިރުވެސް ހަމަ ނުވަނީސް ރާއްޖޭގެ އެއް ވަނަ ޑިވިޝަންގައި މިވަގުތު ކުޅެމުން އަންނަ ކްލަބްތަކުގެ ތެރެއިން ބޮޑު ދެ ކްލަބަކުން އެ އިންތިހާބުގައި މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެ ވަނަ ދައުރަކަށް ރައީސްކަމުގެ މަގާމަށް އިންތިހާބުކުރަން ތާއީދު ކުރާކަން ހާމަކޮށްފި އެވެ.

އެފްއޭއެމްގެ މިހާރުގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވާން ގާތްގަނޑަކަށް ނުވަ މަސްދުވަސް ބާކީ އޮއްވައި ކުއްލި ގޮތަކަށް އިއްޔެ އިންތިހާބު ބާއްވަން އެ އިދާރާއިން ނިންމައިފައިވާއިރު ދެ ވަނަ ދައުރަކަށް ރައީސް ކަމުގެ މަގާމަށް ބައްސާމް ގެންނަން ތާއީދުކުރާ ކަމަށް މިހާތަނަށް ހާމަކޮށްފައިވާ ދެ ކްލަބަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ.

އާ އިންތިހާބަކަށް އިއްޔެ އިއުލާންކުރުމާއެކު ބައްސާމްގެ ކެންޑިޑެސީ އަށް ތާއިދުކުރާނެކަން އެންމެ ފުރަތަމަ ހާމަކުރީ މިހާރު ގާތްގަނޑަކަށް ނިމިފައި އޮތް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މިފަހަރު ހޯދި މާޒިޔާ އިންނެވެ. މިކަން މާޒިޔާ އިން ހާމަކޮށްފައިވަނީ އިއްޔެ އެ ކްލަބުން ކުރި ޓްވީޓެއްގަ އެވެ. މާޒިޔާއިން ކުރި ޓްވީޓްގައި ބުނެފައިވަނީ ދެ ވަނަ ދައުރަކަށް ރައީސްކަމުގެ މަގާމަށް ބައްސާމް ގެންނަން އެ ކުލަބުން ތާއީދުކުރާ ކަމަށާއި އެގޮތަށް ނިންމީ ކްލަބްގެ އެގްޒެކްޓިވް ބޯޑުން ކަމަށެވެ.


2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރައީސްކަމުގެ މަގާމާއި ހަވާލުވި ބައްސާމް ދެ ވަނަ ދައުރަކަށް އިންތިހާބުކުރަން ގްރީން ސްޓްރީޓްސް އިން ތާއީދުކުރާކަން ހާމަކޮށްފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި އެ ކްލަބުން ސޯޝަލް މީޑިއާގައި އާއްމުކުރި ޕޯސްޓެއްގަ އެވެ. މި ޕޯސްޓްގައި އެ ކްލަބުން ބުނެފައިވަނީ ދެ ވަނަ ދައުރަކަށް ރައީސްކަމުގެ މަގާމަށް ބައްސާމް ގެންނަން ކްލަބްގެ މުޅި މެނޭޖްމަންޓް އިއްތިފާގުވާ ކަމަށާއި ރައީސް ކަމުގެ ދެވަނަ ދައުރެއް ބައްސާމަށް ހައްގުވާކަމަށް އެ ކްލަބުން ގަބޫލުކުރާ ކަމަށެވެ. މީގެ އިތުރުން އެ ޕޯސްޓުގައި ބުނެފައިވަނީ ދިވެހި ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި ރަގަޅު ލީޑަރޝިޕަކާއި ތަސައްވުރަކާއެކު ގެންގޮސްދެވޭނެ ހަމައެކަނި ކެންޑިޑޭޓަކީ ބައްސާމްކަން މިހާތަނަށް އޭނާ ކޮށްފައިވާ މަސައްކަތްތަކުން ސާބިތުކޮށްދީފައިވާ ކަމަށެވެ.


ދިވިހެ ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ހިމެނުނު ދެ ކްލަބަކުން އެފްއޭއެމްގެ ރައީސް ކަމަށް ދެވަނަ ދައުރަކަށް ބައްސާމް އިންތިހާބުކުރަން ތާއީދުކުރާކަން ހާމަކޮށްފައިވީ ނަމަވެސް މިއަހަރު ބާއްވާ އިންތިހާބުގައި ރައީސްކަމުގެ މަގާމަށް ވާދަކުރައްވާނެކަން ބައްސާމް އަދި އިއުލާން ކުރައްވާފައެއް ނުވެ އެވެ.

އެފްއޭއެމުން އަންނަ މަހުގެ ތެރޭގައި އިންތިހާބު ބާއްވަން އެކްސްކޯގެ ރުހުމާއެކު ނިންމިކަން އިއުލާންކުރައްވަމުން ބައްސާމް އިއްޔެ މެންދުރުފަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފުޓްބޯޅައަކީ ވަކި ފަރުދަކަށްވުރެ ބޮޑު ކުޅިވަރެއް ކަމަށާއި، އިންތިހާބުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިންތިހާބުގައި ބައިވެރިވުމަށް ގޮވާލާ ކަމަށެވެ.

“ހިނގާ ޑިމޮކްރެޓިކް އުސޫލުގެ ތެރެއިން މިކަން ކުރަމާ.” ބައްސާމް އިއްޔެ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު