މާޒިޔާ އާއި އަބަހާނީ ވާދަކުރި ފުރަތަމަ ލެގް އެއްވަރު
އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގައި މިއަދު ހަވީރު ރަށުން ބޭރުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް ކްލަބުން ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ވާދަކުރި މެޗު އެއްވަރުވެއްޖެ އެވެ. ޑާކާގެ ބަންގުބަންދު ގައުމީ ސްޓޭޑިއަމްގައި ކުޅުނު މެޗު އެއްވަރުވީ 2-2 އިންނެވެ.
މި ދެޓީމުގެ ތެރެއިން އެގްރިގޭޓުން ކުރި ހޯދާ ޓީމެއް ޔަގީންވާނީ އަންނަ ބުދަ ދުވަހު މާލޭގައި ކުޅޭ ދެ ވަނަ ލެގްގެ މެޗަށް ފަހު އެވެ. އެ މެޗު 0-0 ނުވަތަ 1-1 އިން އެއްވަރުކޮށްލައިގެން ވެސް މާޒިޔާއަށް ކޮލިފައިންގެ އަނެއް ބުރުން ފުރުސަތު ލިބޭނެ އެވެ.
މާޒިޔާއިން މެޗަށް ނުކުތް ޓީމުގައި އަނިޔާގެ ސަބަބުން އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) ހިމަނާފައެއްނުވެ އެވެ. ޓީމުގެ ކުރި ބެލެހެއްޓީ ކޮނޭލިއަސް ސްޓެވާޓާއި އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަދި ނާއިޒް ހަސަން (ދާދު) އެވެ. ކެޕްޓަން އަސަދުﷲ އަބްދުﷲ ބެންޗުގައި އިންއިރު މިދިޔަ މަހު އެޓީމާ ގުޅުނު ދެ ޑިފެންޑަރުން ކަމަށްވާ ސާބިއާގެ ޕީޓާ ކަލިނިޗާއި އަފްގާނިސްތާނުގެ މުހައްމަދު ޝާރިފް ވަނީ ފުރަތަމަ އެގާރައިގައި ހިމަނާފަ އެވެ.
ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ފޭދޫ އިއްބެގެ ގޯލުން މާޒިޔާ ލީޑުގައި އޮއްވައި މިހާފުގެ އިތުރު ވަގުތުގައި އަބަހާނީގެ ޑިފެންޑަރު މައިލްސަން އަލްވޭސް ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ.
ދެ ވަނަ ހާފު ފަށައިގެން މާޒިޔާއިން ވަނީ ރަނގަޅަށް ކުޅެ 65 ވަނަ މިނެޓުގައި ދެ ވަނަ ފަހަރަށް ލީޑު ނަގައިފަ އެވެ. މާޒިޔާގެ ކުޅުންތެރިއަކު އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ އަބަހާނީގެ ގޯލްކީޕަރު ސާހިދުލް އާލަމްގެ އަތުގައި ޖެހިފައި ނުކުތް ވަގުތު ބޯޅަ ކޮނޭލިއަސް ސްޓެވާޓް ވަނީ ހުށިޔާރުވެ ހުރެ އެބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މާޒިޔާއިން ދެ ވަނަ ފަހަރަށް ލީޑު ނެގުމުން މިހާފުގެ ބާކީ ބައިގައި އަބަހާނީން ވަނީ ކުރިއަށް ޖެހި މާޒިޔާގެ ގޯލަށް ނުރައްކާކޮށްފަ އެވެ. އަބަހާނީން މެޗުގެ ނަތީޖާ ހަމަހަމަކުރި ގޯލު 80 ވަނަ މިނެޓުގައި ޖެހީ ސަންޑޭ ޗިޒޯބާ އެވެ. އޭގެ ފަހުން ވެސް އަބަހާނީން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މެޗުން މޮޅުވާން މަސައްކަތްކޮށްފަ އެވެ.
މާޒިޔާ އިން ވަނީ އޭއެފްސީ ކަޕްގައި 2017 ވަނަ އަހަރު އަބަހާނީއާ ދެކޮޅަށް ކުޅުނު ދެ މެޗު ވެސް 2-0 އިން ކާމިޔާބުކޮށްފަ އެވެ. މިފަހަރު ދެ ލެގުގެ އެގްރިގޭޓުން މާޒިޔާއަށް ކުރި ލިބިއްޖެ ނަމަ ކޮލިފައިންގެ އަނެއް ބުރުގައި ވާދަކުރަން ޖެހުމުގެ ފުރުސަތު ބޮޑީ އިންޑިއާގެ ގަދަބާރު ބެންގަލޫރު އެފްސީއާ އެވެ. ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގްގައި ބެންގަލޫރު އެފްސީ މިއަދު ވަނީ ރަށުން ބޭރުގައި ބޫޓާންގެ ޕަރޯ އެފްސީ 1-0 އިން ބަލިކޮށްފަ އެވެ.
ޕްރިލިމިނަރީ ބުރުން ކުރި ހޯދައިފި ނަމަ ކޮލިފައިންގެ އަނެއް ބުރުގެ މެޗުތައް މާޒިޔާއިން ކުޅޭނީ މި މަހުގެ 19 އަދި 26 ވަނަ ދުވަހު އެވެ.
މިއަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވުމަށް މާޒިޔާއިން ވަނީ މިދިޔަ ޖެނުއަރީ ޓްރާންސްފާގައި ޓީމު އިތުރަށް ވަރުގަދަކޮށްފަ އެވެ. މާޒިޔާ އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ލިބިއްޖެ ނަމަ ވާދަކުރަން ޖެހޭނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި އެއް ގްރޫޕެއްގަ އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ބަންގްލަދޭޝްގެ ބަޝުންދަރަ ކިންގްސް އާއި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ.
Advertisement