ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެންނާނެ ކަމަށް އުއްމީދުކުރަން: ސެކުލޮވްސްކީ

Advertisement

ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެންނާނެ ކަމަށް އުއްމީދުކުރަން: ސެކުލޮވްސްކީ

ޢަބްދުﷲ އަޝްރަފް
މާޒިޔާ ޓީމު. އެޓީމުން މިއަދު ބަންގްލަދޭޝްގެ އަބަހާނީއާ ދެކޮޅަށް ނުކުންނާނެ. - ފޮޓޯ: މާޒިޔާ

އޭއެފްސީ ކަޕްގް ޕްރިލިމިނަރީ ބުރުގައި މިއަދު ހަވީރު ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އާއި ދެކޮޅަށް ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އިން ނުކުންނައިރު ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެންނާނެ ކަމަށް އުއްމީދުކުރާ ކަމުގައި މާޒިޔާގެ ކޯޗް މެސެޑޯނިއާގެ މަރްޔާން ސެކުލޮވްސްކީ ބުނެފި އެވެ. މިއަދު ހަވީރު ރާއްޖޭގެ ގަޑިން ހަތަރެއް ޖަހާއިރު ފަށަން ހަމަޖެހިފައިވާ މެޗްގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސެކުލޮވްސްކީ ބުނީ ކޮންމެ މެޗަކަށްވެސް އެޓީމުން ނުކުންނަނީ މޮޅުވުމަށް އަމާޒު ހިފައިގެން ކަމަށާއި މިއަދުވެސް ނުކުންނާނީ އެ އަޒުމުގައި ކަމަށެވެ.

“އަބަދުވެސް އަހަރެމެންގެ އަމާޒަކަށް ހަދަނީ ރަގަޅު މެޗެއް ކުޅުން. ކުޅުންތެރިން އެންމެ ރަގަޅު ކުޅުން ދެއްކުން. އަދި އަހަރެމެން އަބަދުވެސް އަމާޒަކަށް ހަދަނީ ކުޅޭ ކޮންމެ މެޗެއް ކާމިޔާބުކުރުން. އެހެންވީމަ އަހަރެން އުއްމީދުކުރަނީ ޓީމުގެ ހުރިހާ ކުޅުންތެރިންގެ ފަރާތުންވެސް އެ ކުޅުންތެރިންގެ އެންމެ ރަގަޅު ކުޅުން މާދަމާ ފެންނާނެ ކަމަށް. އަދި މެޗުން މޮޅުވާން މަސައްކަތްކުރާނެ ކަމަށް.” ސެކުލޮވްސްކީ ބުންޏެވެ.

Advertisement

މާޒިޔާއިން ވަނީ މި ސީޒަނުގެ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށް އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދައިފަ އެވެ. ލީގުގައި ބާކީ ތިން މެޗު އޮއްވައި ޗެމްޕިއަންކަން ކަށަވަރުކޮށް މާޒިޔާއިން ވަނީ އެޓީމުން އޭގެ ފަހުން ކުޅުނު މެޗުގައި ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތުދީފަ އެވެ. އަދި، ބިދޭސީ އިތުރު ކުޅުންތެރިންނާއި ގައުމީ ޓީމުގެ މިޑްފީލްޑަރު އިބްރާހީމް އައިސަމް މިދިޔަ ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ގެނެސް އެޓީމު ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.

“ރާއްޖޭގެ ލީގުގައި އަދި އަހަރެމެން އެއް މެޗް ކުޅެން އެބައޮތް. އެކަމަކު މީގެ ދެ ހަފްތާ ކުރިން އަހަރެމެން ލީގު ކާމިޔާބުކޮށްފިން. އެހެންވުމާއެކު އެންމެ ފަހުން އަހަރެމެން ކުޅުނު ދެ މެޗް އަހަރެމެން ބޭނުންކުރީ މި މެޗަށް ތައްޔާރުވާން. އަހަރެމެންނާ އިދިކޮޅުން ބައްދަލުކުރާ ޓީމުން މިވަނީ ބަންގްލަދޭޝްގެ ފެޑެރޭޝަން ކަޕްގަ ދާދި ފަހުން ވާދަކޮށްފަ. އެހެންވީމަ ފައިދާ އޮތީ ކޮންބައަކަށް ކަން ބުނާކަށް ނޭނގެ. އަހަރެން ބުނާނީ ހަމަކުރިންވެސް ބުނިހެން. އަހަރެމެން މަސައްކަތްކުރާނީ އަހަރެމެންނަށް ކުޅެވުނު އެންމެ ރަގަޅަކަށް ކުޅެ ނެރެވެން އޮތް އެންމެ ރަގަޅު ނަތީޖާއެއް ނެރެން.” ކޯޗު ބުންޏެވެ.

ކޯޗު ސެކުލޮވްސްކީ ޔޫތު މިނިސްޓަރު މަހުލޫފްއާ ވާހަކަދައްކަނީ. ކުޅުންތެރިންނާ މެދު އިތުބާރު ބޮޑު ކަމަށް ވަނީ ބުނެފައި. – ފޮޓޯ: މާޒިޔާ

އަބަހާނީއާ ދެކޮޅަށް ކުޅެ އެގްރިގޭޓް ނަތީޖާއިން މޮޅުވެއްޖެ ނަމަ ކޮލިފައިންގެ ފަހު ބުރުގައި މާޒިޔާ ވާދަކުރަން ޖެހޭނެ ކަމަށް ބެލެވެނީ އިންޑިއާގެ ގަދަބާރު ބެންގަލޫރު އެފްސީއާ އެވެ. ބެންގަލޫރުން ޕްރިލިމިނަރީ ބުރުގައި ނުކުންނާނީ ބޫޓާންގެ ޓީމަކާ ދެކޮޅަށެވެ. އެހެންވެ އަބަހާނީ މެޗުން މޮޅުވެ މާޒިޔާގެ އަމާޒަކީ ގްރޫޕް ސްޓޭޖަށް ކޮލިފައިވުމުގައި އިތުބާރު ބޮޑުކުރުމެވެ.
“ކޮންމެ ކަމެއްގަވެސް އަބަދުވެސް ދެފަރާތް އޮންނާނެ. އެއްކޮޅުން ބަލަންޏާ ބުނެވިދާނެ އަހަރެމެންގެ ކުޅުންތެރިން ތިބޭނީ ވަރުބަލިވެފައޭ. އަނެއްކޮޅުން ބުނެވިދާނެ އެމީހުންގެ (އަބަހާނީގެ) މެޗް ފިޓްނަސް އެހާ ރަގަޅެއް ނުވާނެއޭ. އެކަމަކު އަހަރެން ބުނަން އޮތް ވާހަކައަކީ އަހަރެމެންނަށް ލީގު ޗެމްޕިއަންކަން ލިބުމަށްފަހު އަހަރެމެން މަސައްކަތްކުރަމުން މިއައީ ބައެއް ކުޅުންތެރިންނަށް ރެސްޓްދީގެން އެ މީހުން މި މެޗަށް ތާޒާ ކަންމަތީ ނެރެން. އެހެންވީމަ އަހަރެން ގަބޫލުކުރާ ގޮތުގަ މާދަމާ އަހަރެމެންގެ ކުޅުންތެރިން ތިބޭނީ މުޅިން ތާޒާކޮށް. އެމީހުންގެ ފަރާތުން އެމީހުންގެ އެންމެ ރަގަޅު ކުޅުން މެޗްގެ އެންމެ ފަހު ވަގުތާ ހަމައަށް ފެންނާނެ ކަމަށް އަހަރެން ގަބޫލުކުރަން.” މާޒިޔާއާ އެކު ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނަ ސެކުލޮވްސްކީ ބުންޏެވެ.

މާޒިޔާއިން ވަނީ މީގެ ކުރިން ފަސް ފަހަރު އޭއެފްސީ ކަޕްގައި ވާދަކޮށްފަ އެވެ. މިދިޔަ އަހަރުތަކުގައި އޭއެފްސީ ކަޕްގައި އެޓީމުން އެންމެ ރަނގަޅު ނަތީޖާ ނެރުނީ 2017 ވަނަ އަހަރު ސެކުލޮވްސްކީގެ ކޯޗުކަމުގަ އެވެ. އެ އަހަރު ބެންގަލޫރާ އެއްވަރަށް ޕޮއިންޓް ހޯދައި މާޒިޔާއަށް ފުރުސަތު ގެއްލުނީ ހެޑް ޓު ހެޑް އުސޫލުން ބަލިވުމުންނެވެ.

“ފުޓްބޯޅައިގަ އަހަރެން މާބޮޑަކަށް އޮންނަ އެޑްވާންޓޭޖަކަށް ނުވަތަ ޑިސްއެޑްވާންޓޭޖަކަށް ސަމާލުކަމެއް ނުދެން. އަހަރެން އަބަދުވެސް ސަމާލުކަން ދެނީ އެވަގުތެއްގަ އޮންނަ ހާލަތަށް. މިހާރު މިއޮތް ހާލަތަކީ މާދަމާ އަހަރެމެންނަށް މި ކުޅެންޖެހެނީ އަބަހާނީއާ ދެކޮޅަށް ފުރަތަމަ މެޗް. އޭގެ ހަފްތާއެއް ފަހުން އަހަރެމެން ދެވަނަ މެޗް ކުޅެންޖެހޭނީ އަހަރެމެންގެ އަމިއްލަ ދަނޑުގަ. އެހެންވީމަ އަހަރުމެންގެ ސަމާލުކަން މިވަގުތު ހުއްޓިފައި މިއޮތީ މިކަމަށް. ރަގަޅު. މީގެ ދެ އަހަރު ކުރިން އަހަރެމެން ގްރޫޕް ސްޓޭޖްގަ އަބަހާނީއާ ދެކޮޅަށް ދެ މެޗް ކުޅުނިން. އެފަހަރު އަހަރެމެން ޑާކާގަ 0-2 އިން މޮޅުވީ އަދި ރާއްޖޭގަ ކުޅުނު މެޗުންވެސް 0-2 އިން މޮޅުވީ. އެކަމަކު އަދިވެސް އެއްފަހަރު އަހަރެން ބުނަން. އެއީ މީގެ ދެ އަހަރު ކުރި. އޭގެ ފަހުން ވަރަށް ގިނަ ކަންކަން ބަދަލުވެފަ ހުރެދާނެ. އެހެންވީމަ އަހަރުމެންނަށް މިހާރު މުހިއްމީ މިހާރުގެ ހާލަތު.” ސެކުލޮވްސްކީ ބުންޏެވެ.

މެޗުގެ ކުރިން އަބަހާނީގެ ކޯޗު މާރިއޯ ލެމޯސް ބުނީ މާޒިޔާއަކީ ވަރުގަދަ ޓީމެއް ކަމަށާއި، އެކަމަކު އުއްމީދަކީ މާޒިޔާގެ މައްޗަށް ކުރި ހޯދައި މުބާރާތުގައި އިތުރަށް ކުރިއަށްދިއުން ކަމަށެވެ. ލެމޯސް އިތުރަށް ބުނީ އޭނާއަށް ނުތަނަވަސްކަމަކީ އޭނާގެ ޓީމުގެ ޑިފެންސް އެންމެ ރަނގަޅު ނޫންއިރު މާޒިޔާގެ އެޓޭކް ވަރުގަދަވުމެވެ. މާޒިޔާގެ އެޓޭކްގައި ތިބި ކުޅުންތެރިންނަކީ ގައުމީ ޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު