ބޮޑު މޮޅަކާ އެކު ޓީސީން ލީގު ނިންމާލައިފި

Advertisement

ބޮޑު މޮޅަކާ އެކު ޓީސީން ލީގު ނިންމާލައިފި

ޢަލީ ޝަހީމް
ޓިސީއާ ގްރީން ސްޓްރީޓްސް މިއަދު ކުޅުނު މެޗުގެ ތެރެއިން. - ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އަތުން ޓީސީ ސްޕޯޓްސް ކްލަބް ބޮޑު މޮޅެއް ހޯދައިފި އެވެ. މިއަދުގެ މެޗުން ޓީސީ މޮޅުވީ 5-1 އިންނެވެ. މެޗާއެކު ދެޓީމަށް ވެސް ވަނީ ލީގު ނިމިފަ އެވެ.

މެޗުގައި ޓީސީން ޖެހި ފަސް ގޯލުގެ ތެރެއިން މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަލީ އަޝްފާގް (ދަގަނޑޭ) ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެޓީމުގެ އަނެއް ގޯލުތައް ޖަހައިދިނީ މަލްކޯމް ކަސިއުސް ސްޓެވާޓާއި އިޝާން އިބްރާހީމް (ސައްޓު) އަދި އިސްމާއީލް އީސާ (މެސީ) އެވެ.

Advertisement

މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ ކުރީކޮޅު ސައްޓު ޖެހީ ދަގަނޑޭ ދިން ބޯޅަ ހޯދުމަށް ފަހު ކައިރީގައި ހުރި ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު ކައިރިން ނައްޓާލާފައި ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ. ޓީސީގެ ދެ ވަނަ ގޯލު ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ޖެހީ ދަގަނޑޭ އެވެ. އެޓީމުގެ ތިން ވަނަ ގޯލު ސްޓެވާޓް ޖެހީ ލިބުނު ބޯޅަ ގޯލުގެ އަރިމަތީ ދާގަނޑަށް ފޮނުވާލައިގެންނެވެ. ޓީސީގެ ހަތަރު ވަނަ ގޯލަކީ ދަގަނޑޭ ދިން ބޯޅައަކުން އީސަ ކާމިޔާބުކުރި ގޯލެކެވެ. އެޓީމުގެ ފަހު ގޯލަކީ ޓީސީ ކުޅުންތެރިއަކު ނަގައިދިން ހުރަހެއް ގްރީން ސްޓްރީޓްސްގެ ކީޕަރު ހިފަހައްޓަން އުޅުނު ވަގުތު ދަގަނޑޭގެ ގައިގައި ޖެހިފައި ވަން ގޯލެކެވެ. މެޗުގައި ގްރީން ސްޓްރީޓްސްގެ ހަމައެކަނި ގޯލު ލިބުނު ޕެނަލްޓީއަކުން ޖެހީ މުހައްމަދު އާރިފް (ބަކާ) އެވެ.

މިއަދުގެ މެޗަށް ނުކުތްއިރު ޓީސީގެ އަކްރަމް އަބްދުލްގަނީ ހުރީ ސަސްޕެންޝަނުގަ އެވެ. ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ވަނީ ފުރަތަމަ އެގާރައިގައި ޒުވާން ގޯލްކީޕަރު އާދަމް އިމްއާން އަށް ފުރުސަތުދީފަ އެވެ. މެޗުގައި އިމްއާން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ގްރީން ސްޓްރީޓްސް އިން ނެރުނު ފުރަތަމަ އެގާރައިގައި އާއްމުކޮށް ކުޅޭ ބައެއް ކުޅުންތެރިން ވަނީ ބެންޗުކޮށްފަ އެވެ.

މި މޮޅާއެކު ޓީސީ ލީގު ނިންމާލީ 21 މެޗުން 41 ޕޮއިންޓާއެކު ތިން ވަނައިގަ އެވެ. ދެ ވަނައިގައި އޮތީ ބާކީ މެޗެއް އޮތް ކްލަބް އީގަލްސް އެވެ. އެޓީމުން މިހާރު ވެސް ވަނީ 20 މެޗުން 42 ޕޮއިންޓް ހަމަކޮށްފަ އެވެ. ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ މާޒިޔާ ވަނީ 20 މެޗުން 51 ޕޮއިންޓް ހޯދައިފަ އެވެ. ލީގު ނިންމާލާ މެޗުގައި މާޒިޔާ ނުކުންނާނީ އީގަލްސްއާ ދެކޮޅަށެވެ. މެޗުން ބަލިވި ގްރީން ސްޓްރީޓްސް އަށް 21 މެޗުން ލިބުނު 29 ޕޮއިންޓާއެކު ނިންމާލީ ހަތަރު ވަނައިގަ އެވެ.

މި ސީޒަނަށް ގްރީން ސްޓްރީޓްސް ނުކުތީ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ޓީމުގައި ހިމަނައިގެންނެވެ. އެކަމަކު ސީޒަނުގެ ވަކި ހިސާބަކުން ހުރިހާ ޓީމަކަށް ވެސް ދިމާވި މާލީ މައްސަލަތައް އެޓީމަށް ވެސް ކުރިމަތިވި އެވެ. އަދި، ޖެނުއަރީ މަހުގެ ޓްރާންސްފާ ބާޒާރުގައި މުހިއްމު ބައެއް ކުޅުންތެރިން ކްލަބް ބަދަލުކުރި އެވެ.

2018 ވަނަ އަހަރުގެ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބުން ވަނީ ލީގުގެ ތިން ވަނަ ބުރުގައި އިތުރު ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަކޮށްފަ އެވެ. އެޓީމުން ގެނައި މުހިއްމު ކުޅުންތެރިންގެ ތެރޭގައި ދަގަނޑޭ އާއި އަލީ ޝާމިސް (ތޮއްޕޭ) އަދި ޕާކިސްތާން ކީޕަރު ހަނީފް ސާގިބް ހިމެނެ އެވެ. އަލަށް ގެނައި ކުޅުންތެރިންނާއެކު ޓީސީން ވަނީ ލީގުގެ ނަތީޖާތައް ވެސް ރަނގަޅުކޮށްފަ އެވެ. އެކަމަކު އެޓީމުން ލީގުގައި ބޭނުންވި ދެ ވަނަ މަގާމާ ހަމައަށް ދެވޭގޮތެއްނުވި އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ލީގުގެ ފަސް ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ހަ ވަނައިގައި އޮތް ށ. ފޯކައިދޫ ފުޓްބޯޅަ ޓީމެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު