ޗެމްޕިއަންސް ލީގު ނުހޯދިއްޖެ ނަމަ އަހަރެން ވާނީ ފެއިލްވި މީހަކަށް: ގާޑިއޯލާ
މެންޗެސްޓާ ސިޓީގެ ކޯޗެއްގެ ގޮތުގައި ހުރެ އެ ކްލަބަށް ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ނުދެވިއްޖެ ނަމަ އެހެން މީހުން ގަބޫލުކުރާނީ އޭނާ އަކީ ފެއިލްވި މީހެއްގެ ގޮތުގައި ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗް ސްޕެއިންގް ޕެޕް ގާޑިއޯލާ ބުނެފިއެވެ. 2016 ވަނަ އަހަރު މެންޗެސްޓާ ސިޓީގެ ކޯޗްކަމުގެ މަގާމާ ގާޑިއޯލާ ހަވާލުވި ފަހުން އިގިރޭސި ފުޓްބޯޅައިގައި ބޮޑެތި ކާމިޔާބީތަކެއް އެ ކްލަބަށް ހޯދައިދީފައި ވީނަމަވެސް މިހާތަނަށް އަދި އޭނާ އަށް ޔޫރަޕްގެ މުބާރާތެއްގެ ސެމީ ފައިނަލާ ހަމައަށްވެސް ސިޓީ ގެންގޮސްދެވިފައެއް ނުވެއެވެ.
“މިދިޔަ އަހަރަކީ އަހަރެމެންނަށް ވަރަށް އާދަޔާ ހިލާފް އަހަރެއް. އެކަމަކު މީހުން ބުނާނީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައެއް ނެތެއްނޫންހޭ. މީހުން އަހަރެންނަކީ ފެއިލްވި މީހެއްގެ ގޮތުގައި ބަލާނީ އެ ސަބަބަށްޓަކައި. އަހަރެންނަށް އެނގޭ އަހަރެން މި ކްލަބާއެކު ހޭދަކުރާ ދުވަސްކޮޅުގެ ތެރޭގަ ޗެމްޕިއަންސް ލީގު ހާސިލް ނުވެއްޖެނަމަ މީހުން ދެކޭނީ އެހެންކަން.” މިދިޔަ ދެ ސީޒަންގައިވެސް އިނގިރޭސި ޕްރިމިއާ ލީގު ސިޓީއަށް ކާމިޔާބުކޮށްދިން ކޯޗް ބުންޏެވެ.
ގާޑިއޯލާގެ އިރުޝާދުގެ ދަށުން މިދިޔަ ތިން ސީޒަނުގައިވެސް މެންޗެސްޓާ ސިޓީން ޗެމްޕިއަންސް ލީގުގައި ވާދަކޮށްފައިވާއިރު އެއިން ކޮންމެ ފަހަރަކުވެސް އެޓީމަށް ދެވިފައިވަނީ ކުއާޓާ ފައިނަލާ ހިސާބަށެވެ. މިދިޔަ ސީޒަންގައި މެންޗެސްޓާ ސިޓީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ބަލިވީ ޓޮޓެންހަމް އާ ބައްދަލުކޮށް އާދަޔާ ހިލާފް ގޮތަކަށެވެ. ޓޮތެންހަމްގެ ދަނޑުގައި ކުޅުނު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި 0-1 އިން މެންޗެސްޓާ ސިޓީ ބަލިވެފައިވަނިކޮށް ދެވަނަ ލެގުގައި 3-4 އިން ސިޓީން ކުރި ހޯދި ނަމަވެސް އެޓީމް ކެޓީ އަވޭ ގޯލްގެ ތަފާތުންނެވެ. އެ މެޗްގެ 93 ވަނަ މިނެޓްގައި މެޗްގެ ނަތީޖާ ބަދަލުކޮށްލަން ސިޓީގެ ފޯވާޑް ރަހީމް ސްޓާލިންގް ޓޮޓެންހަމްގެ ގޯލަށް ބޯޅަ ވައްދާލި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ ފަހުން ރީޕްލޭ ބެލުމަށްފަހު ނިންމާފައިވަނީ އެއީ ލަނޑެއް ނޫން ކަމަށެވެ.
އިގިރޭސި ޕްރިމިއާ ލީގުގައި ދެން ސިޓީ ވާދަކުރަން ހަމަޖެހިފައި އޮތީވެސް ޓޮޓެންހަމް އާއެވެ. ޓޮޓެންހަމްގެ ދަނޑުގައި ކުޅެން ހަމަޖެހިފައިވާ މި މެޗް ފަށާނީ މިރޭ ރާއްޖޭގެ ގަޑިން 09:30 ގައެވެ.
Advertisement
Leave a Reply