ބާސެލޯނާ އަށް ނޫނެކޭ ބުނި އިގާލޯ މެންޗެސްޓާ ޔުނައިޓެޑަށް

Advertisement

ބާސެލޯނާ އަށް ނޫނެކޭ ބުނި އިގާލޯ މެންޗެސްޓާ ޔުނައިޓެޑަށް

ޢަބްދުﷲ އަޝްރަފް

މިދިޔަ އަހަރު އޮތް އެފްރިކާ ކަޕް އޮފް ނޭޝަންސްގައި އެންމެ ގިނަ ގޯލް ޖެހި ނައިޖީރިއާގެ ފޯވާޑް އޮޑިއޮން އިގާލޯ ލޯނު އެއްބަސްވުމެއްގެ ދަށުން އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް ގެނެސްފިއެވެ. މިވަގުތު ޗައިނާގެ ކްލަބެއް ކަމަށްވާ ޝަންހާއީ ޝެންހުއާ އަށް ކުޅެމުން އަންނަ 30 އަހަރުގެ ފޯވާޑްގެ ސޮއި ޔުނައިޓެޑުން ހޯދިއިރު ޝަންހާއީ އާއެކު އެކްލަބުން ހެދި ލޯން އެއްބަސްވުމުގައި އޭނާ ފަހުން ގަނެވޭނެ ފުރުސަތު ލިބޭ ގޮތަށް އެއްވެސް މާއްދާއެއް ހިމަނާފައެއް ނުވެއެވެ.

މީޑިއާ ރިފިޕޯޓްތައް ބުނާ ގޮތުގައި މީގެ އަހަރެއްހާ ދުވަސްކުރިން ބާސެލޯނާއިންވެސް އިގާލޯ ގެންދަން މަސައްކަތްކުރިއެވެ. އެކަމަކު އެކަން ބާސެލޯނާއަށް ކާމިޔާބު ނުވީ އިގާލޯ އެ ކްލަބަށް ދާން ބޭނުން ނުވުމުން ކަމަށް ވެއެވެ. މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޕްރިމިއާ ލީގުގެ ބައެއް އެހެން ކްލަބްތަކުންވެސް އިގާލޯ ގެންދަން މަސައްކަތްކުރި ނަމަވެސް އިގާލޯގެ ޗޮއިސް އަކަށްވީ ޔުނައިޓެޑެވެ. އޭނާ ވަނީ މީގެ ކުރިންވެސް ޔުނައިޓެޑަކީ އޭނާ އެންމެ ކުޅެން ބޭނުންވާ އިނގިރޭސި ކްލަބްކަން ހާމަކޮށްފައެވެ.

Advertisement

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ވަޓްފޯޑް އަށްވެސް ކުރިން ކުޅެފައިވާ އިގާލޯ ވަނީ އެންމެ ފަހުން އޮތް އެފްރިކާ ކަޕްގައި ފަސް ގޯލް ޖަހައިފައެވެ. 2014 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް ވަޓްފޯޑްގައި އިގާލޯ ހޭދަކުރި މުއްދަތުގައި ކުޅުނު 99 މެޗް އެޓީމަށް ކުޅެދިން އިރު އޭނާ ވަނީ 39 ގޯލް ކާމިޔާބުކޮށްދީފައެވެ.
ޗައިނީޒް ސުޕަ ލީގަށް 2017 ވަނަ އަހަރު އިގާލޯ ބަދަލުވުމަށްފަހު އެންމެ ފުރަތަމަ ކުޅެފައިވަނީ ޗަންޗުން ޔަޓާއީ އަށެވެ. އެ ކްލަބްގައި ދެ ސީޒަން ފުރިހަމަ ކުރުމަށްފަހު މިހާރު ކުޅެމުން އަންނަ ޝަންހާއީ އަށް ބަދަލުވިފަހުން މިހާތަނަށް 19 މެޗް ކުޅެފައިވާއިރު އޭނާ ވަނީ 10 ގޯލް އެޓީމަށް ކާމިޔާބުކޮށްދީފައެވެ.

އިނގިރޭސި ކްލަބްތަކަށް ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރު މިހާރު ބަންދުވެފައިވާއިރު މެންޗެސްޓާ ޔުނައިޓެޑުން ރޭ ވަނީ އިތުރު އެހެން ކުޅުންތެރިއަކުވެސް އެޓީމަށް ރޭ ގެނެސްފައެވެ. ލީގް ވަން ގެ ކްލަބެއް ކަމަށްވާ ސައުތުއެންޑް ޔުނައިޓެޑަށް ކުޅެމުން އައި 20 އަހަރު ގޯލްކީޕަރު ނަތަން ބިޝޮޕްގެ ސޮއި ޔުނައިޓެޑުން ރޭ ހޯދައިފައިވާއިރު އޭނާ ޔުނައިޓެޑަށް ގެނެސްފައިވަނީ ކިހާވަރެއްގެ ފީ އަކަށް ކަމެއް މީޑިއާ އަށް ހާމަކޮށްފައެއް ނުވެއެވެ. އިގާލޯ އާއި ބިޝޮޕްގެ އިތުރުން މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި މެންޗެސްޓާ ޔުނައިޓެޑަށް ދެން ގެނެސްފައިވަނީ ޕޯޗްގަލްގެ ސްޕޯޓިންގް ލިސްބަން އަށް ކުޅެމުން އައި 25 އަހަރުގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑެސް އެވެ. 55 މިލިއަން ޔޫރޯ އަށް ޔުނައިޓެޑުން ގަތް މި ކުޅުންތެރިޔާގެ ޓްރާންސްފާ އަކީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޕްރިމިއާ ލީގުގެ ކްލަބަކުން ހެދި އެންމެ އަގުބޮޑު ޓްރާންސްފާ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *