މުހިއްމު ވައުދަކާއެކު ފެނާންޑެސް މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފި

މެންޗެސްޓާ ޔުނައިޓެޑަށް އިތުރު ކާމިޔާބީ އާއި ތަށިތައް ހޯދައިދޭން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށް ވައުދުވެ މިދިޔަ ދެ ސީޒަންގައި ޕޯޗްގީޒް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ބްރޫނޯ ފެނާންޑެސް މެންޗެސްޓާ ޔުނައިޓެއް ސޮއިކޮށްފިއެވެ. ޕޯޗްގަލްގެ ސްޕޯޓިންގް ލިސްބަން އަށް ކުޅެމުން އައި އުމުރުން 25 އަހަރުގެ މިޑްފީލްޑަރު ޔުނައިޓެޑަށް ބަދަލުވީ ފަސް އަހަރާއި ބައިގެ މުއްދަތަށެވެ.
55 މިލިއަން ޔޫރޯ ސްޕޯޓިންގް ލިސްބަން އަށް ދިނުމަށްފަހު މެންޗެސްޓާ ޔުނައިޓެޑުން ފެނާންޑެސް ގެނައި ނަމަވެސް ޔުނައިޓެޑުން އެއްބަސްވެފައިވަނީ ވަކި ޓާގެޓްތަކެއް ހާސިލްކުރެވިއްޖެނަމަ އިތުރު 25 މިލިއަން ޔޫރޯ ސްޕޯޓިންގް އަށް އެ ކްލަބުން ފަހުން ދޭގޮތަށެވެ. ސްޕޯޓިންގް އިން ފެނާންޑެސްގެ އަގަކަށް ކިޔަމުން އައީ 80 މިލިއަން ޔޫރޯ އެވެ.
“މި ކްލަބްގެ ކުޅުންތެރިއަކަށް ވާން އަހަރެން ވަރަށް ބުރަކޮށް މަސައްކަތްކޮށްފިން. އަހަރެން މި ކްލަބްގެ ސަޕޯޓަރުންނަށް ޔަގީންކޮށްދެން މި ކްލަބަށް އިތުރު ކާމިޔާބީއާއި ތަށި ހޯދައިދޭން އަހަރެންނަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެކަން. މިފުރުސަތުގަ އަހަރެން ބޭނުން ސްޕޯޓިންގް އިން އަހަރެންނަށް ކޮށްދިން ހުރިހާ ކަމަކަށް ޝުކުރު އަދާކުރަން.” މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ފެނާންޑެސް ބުންޏެވެ.
“މެންޗެސްޓާ ޔުނައިޓެޑުން ފުރުސަތު ލިބުމުން އަހަރެންނަށް ކުރެވެނީ އާދަޔާ ހިލާފް އިހްސާސެއް. މެންޗެސްޓާ ޔުނައިޓެޑަށް އަހަރެންގެ ހިތުގައި ލޯބި އުފެދެން ފެށީ ކްރިސްޓިއާނޯ ރޮނާލްޑޯ މި ކްލަބަށް ކުޅުނު ދުވަސްވަރު އެތަން ފެނިގެން. އޭރުން ފެށިގެން އަހަރެންނަކީ މި ކްލަބްގެ ވަރަށް ބޮޑު ފޭނެއް.” ފެނާންޑެސް ބުންޏެވެ.
ފެނާންޑޭސް އިޓަލީގެ ސަމްޕްޑޯރިއާ އިން އޭނާ މިހާރު ކުޅެމުން އަންނަ ކްލަބް ސްޕޯޓިންގް ލިސްބަންއަށް ބަދަލުވީ 2017 ވަނަ އަހަރު 7.2 މިލިއަން ޕައުންޑްގެ އަގަކަށެވެ. މިހާތަނަށް ސްޕޯޓިންގް ލިސްބަންގެ ޖޯޒީގައި 137 މެޗް ފެނާންޑެސް ކުޅެފައިވާއިރު އޭނާ ވަނީ 64 ގޯލް އެ ކްލަބަށް ކާމިޔާބުކޮށްދިނުމުގެ އިތުރުން އެ ކްލަބަށް މިދިޔަ ސީޒަންގައި ޕޯޗުގީޒް ކަޕް ކާމިޔާބުކޮށްދިނުމުގައި ބޮޑު ހިއްސާއެއް އަދާކޮށްފަ އެވެ.
ފެނާންޑޭސްގެ ގައުމީ ހިދުމަތަށް ބަލާއިރު އޭނާ ވަނީ ގައުމީ ޓީމަށް 19 މެޗް ކުޅެދީފަ އެވެ. ފެނާންޑޭސް އަކީ ޔޫއެފާ އިން އަލަށް ތައާރަފްކުރި ޔޫއެފާ ނޭޝަންސް ލީގު މިދިޔަ އަހަރު ކާމިޔާބުކުރި ޕޯޗުގަލް ޓީމުގައިވެސް ހިމެނުނު ކުޅުންތެރިއެކެވެ.
Advertisement


Leave a Reply