ފެޑެރާ ބަލިކޮށް ޖޮކޮވިޗް ފައިނަލަށް

Advertisement

ފެޑެރާ ބަލިކޮށް ޖޮކޮވިޗް ފައިނަލަށް

ޢަބްދުﷲ އަޝްރަފް

ދުނިޔޭގެ ރޭންކިންގެ ދެ ވަނައިގައި މިވަގުތު ހުރި ސާބިއާގެ ނޮވާކް ޖޮކޮވިޗާއި މިހާތަނަށް އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ސްވިޒަލެންޑްގެ ރޮޖާ ފެޑެރާ ވާދަކުރި އޮސްޓްރޭލިއަން އޯޕަންގެ ސެމީ ފައިނަލް މެޗް ޖޮކޮވިޗް ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. މިއަދު މެންދުރުފަހު އޮސްޓްރޭލިއާގެ މެލްބަންގައި ކުޅުނު މި މެޗް ޖޮކޮވިޗް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

އުމުރުން 38 އަހަރުގެ ފެޑެރާ އާއި 32 އަހަރުގެ ޖޮކޮވިޗް މިއަދު ބައްދުލުކުރި ސެމީ ފައިނަލް މެޗަކީ މި ދެކުޅުންތެރިންގެ މެދުގައި ކުޅެވުނު 50 ވަނަ މެޗެވެ. މި މެޗްގެ ސެޓްތައް ޖޮކޮވިޗް ގެންގޮސްފައިވަނީ 6-7، 4-6 އަދި 3-6 އިންނެވެ.

Advertisement

ޓެނިހަށް ލޯބިކުރާ ގިނަ ބައެއްގެ ސަމާލުކަން މި މެޗަށް ހުއްޓުނުއިރު ފާހަގަކޮށްލެވުނު އެއް ކަމަކީ 2012 ވަނަ އަހަރުގެ ފަހުން ގްރޭންޑް ސްލޭމް މުބާރާތެއްގައި ޖޮކޮވިޗްގެ މައްޗަށް ފެޑެރާ އަށް ކުރި ހޯދިފައި ނެތްކަމެވެ. މީގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަންގެ ގޮތުގައި މި މުބާރާތާ ކުރިމަތިލި ޖޮކޮވިޗް އޮސްޓްރޭލިއަން އޯޕަން މިހާތަނަށް ހަތް ފަހަރު ކާމިޔާބުކޮށްފައިވާއިރު މިއަދުގެ މޮޅަކީ މި މުބާރާތުގައި އޭނާ ހަދައިފައިވާ ރެކޯޑް އިތުރަށް ވަރުގަދަކުރުމަށް ލިބުނު ރަނުގެ ފުރުސަތެކެވެ. އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކުރި ކުޅުންތެރިޔާގެ ޝަރަފް ޖޮކޮވިޗް ހޯދައިފައިވާއިރު ފެޑެރާއަށް ޖޮކޮވިޗްގެ ރެކޯޑާއި އެއްވަރުކުރަން ލިބުނު ފުރުސަތު މިވަގުތަށް ގެއްލުނީއެވެ.

ދުނިޔޭގެ ރޭންކިންގެ ތިން ވަނައިގައި ހުރި ފެޑެރާ އާއި ޖޮކޮވިޗް މި މެޗްގެ ކުރިން ގްރޭންޑް ސްލޭމް މުބާރާތެއްގައި އެންމެ ފަހުން ވާދަކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އިނގިރޭސިވިލާތުގައި ކުޅުނު ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފައިނަލްގައި މިދެ ކުޅުންތެރިން އެ ފަހަރު ވާދަކުރި މެޗުން ފެޑެރާ ބަލިވީ ފަހު ސެޓް ޓައި ބްރޭކަކާ ހަމައަށްވެސް ގެންދިއުމަށް ފަހު އެވެ. އެ މެޗުން ފެޑެރާ ބަލިވި ނަމަވެސް ޖޮކޮވިޗާއި ދެކޮޅަށް އެންމެ ފަހުން މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ކުޅުނު އޭޓީޕީ މުބާރާތުގެ މެޗްގައި ސީދާ ތިން ސެޓުން ފެޑެރާ ވަނީ ކުރި ހޯދައިފަ އެވެ.

މިހާތަނަށް 16 ގްރޭންޑް ސްލޭމް މުބާރތާތް ކާމިޔާބުކޮށްފައިވާ ޖޮކޮވިޗް ފައިނަލްގައި ވާދަކުރަންޖެހޭނީ އޮސްޓްރިއާގެ ޑޮމިނިކް ތިއެމް އާއި ޖަރުމަނުގެ އެލެގްޒެންޑާ ޒްވެރޭވް މާދަމާ ބައްދަލުކުރާ ސެމީ ފައިނަލްގެ މެޗުން ކުރި ހޯދާ ކުޅުންތެރިއަކާއެވެ. ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *