ފެޑެރާ އާއި ޖޮކޮވިޗްގެ 50 ވަނަ ކުރިމަތިލުން، ހުރިހާ ގޮތަކުން ހާއްސަ!

Advertisement

ފެޑެރާ އާއި ޖޮކޮވިޗްގެ 50 ވަނަ ކުރިމަތިލުން، ހުރިހާ ގޮތަކުން ހާއްސަ!

ޢަބްދުﷲ އަޝްރަފް

ދުނިޔޭގެ ރޭންކިންގެ ދެ ވަނައިގައި މިވަގުތު ހުރި ސާބިއާގެ ނޮވާކް ޖޮކޮވިޗާއި މިހާތަނަށް އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ސްވިޒަލެންޑްގެ ރޮޖާ ފެޑެރާ ވާދަކުރާ އޮސްޓްރޭލިއަން އޯޕަންގެ ސެމީ ފައިނަލް މެޗަށް ދެ ކުޅުންތެރިން ނުކުންނަން ތައްޔާރުވެއްޖެ އެވެ. މިއަދު މެންދުރުފަހު އޮސްޓްރޭލިއާގެ މެލްބަންގައި ކުޅެން ހަމަޖެހިފައވާ މި މެޗަކީ މި ދެކުޅުންތެރިންގެ މެދުގައި މިހާތަނަށް ކުޅެވޭ 50 ވަނަ މެޗެވެ.

އުމުރުން 38 އަހަރުގެ ފެޑެރާ އާއި 32 އަހަރުގެ ޖޮކޮވިޗް ބައްދަލުކުރާ މެޗަށް ޓެނިހަށް ލޯބިކުރާ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާއިރު ފާހަގަކޮށްލެވޭ އެއް ކަމަކީ 2012 ވަނަ އަހަރުގެ ފަހުން ގްރޭންޑް ސްލޭމް މުބާރާތެއްގައި ޖޮކޮވިޗްގެ މައްޗަށް ފެޑެރާ އަށް ކުރި ހޯދިފައި ނެތްކަމެވެ. މީގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަންގެ ގޮތުގައި މި މުބާރާތާ ކުރިމަތިލި ޖޮކޮވިޗް ވަނީ އޮސްޓްރޭލިއަން އޯޕަން މިހާތަނަށް ހަތް ފަހަރު ކާމިޔާބުކޮށްފަ އެވެ. އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކުރި ކުޅުންތެރިޔާގެ ޝަރަފް ޖޮކޮވިޗް ހޯދައިފައިވާއިރު ފެޑެރާގެ އަމާޒަކީ މިފަހަރުގެ މުބާރާތް ކާމިޔާބުކޮށް ޖޮކޮވިޗްގެ ރެކޯޑާއި އެއްވަރުކުރުމެވެ.

ދުނިޔޭގެ ރޭންކިންގެ ތިން ވަނައިގައި ހުރި ފެޑެރާ އާއި ޖޮކޮވިޗް އެންމެ ފަހުން ގްރޭންޑް ސްލޭމް މުބާރާތެއްގައި ވާދަކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އިނގިރޭސިވިލާތުގައި ކުޅުނު ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފައިނަލްގައި މިދެ ކުޅުންތެރިން އެ ފަހަރު ވާދަކުރި މެޗުން ފެޑެރާ ބަލިވީ ފަހު ސެޓް ޓައި ބްރޭކަކާ ހަމައަށްވެސް ގެންދިއުމަށް ފަހު އެވެ. އެ މެޗުން ފެޑެރާ ބަލިވި ނަމަވެސް ޖޮކޮވިޗާއި ދެކޮޅަށް އެންމެ ފަހުން މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ކުޅުނު އޭޓީޕީ މުބާރާތުގެ މެޗްގައި ސީދާ ތިން ސެޓުން ފެޑެރާ ވަނީ ކުރި ހޯދައިފަ އެވެ.

ތާރީހީ މެޗަކަށް ފެޑެރާ އާއި ޖޮކޮވިޗް މިއަދު ނުކުންނައިރު އެންމެ ފާހަގަކޮށްލެވޭ މުހިއްމު އަނެއް ކަމަކީ މި ދެކުޅުންތެރިންގެ އިތުރުން ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސްޕެއިންގެ ރަފައެލް ނަޑާލްގެ މެދުގައި ގްރޭންޑް ސްލޭމް މުބާރާތްތައް ކާމިޔާބުކުރުމު ރެކޯޑް ހޯދުމުގައި އޮތް ވާދަވެރިކަމެވެ. ފެޑެރާ މިހާތަނަށް 20 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާއިރު މުބާރާތުގެ ކުއާޓާ ފައިނަލުން އިއްޔެ ބަލިވި ނަޑާލްއަށް ކާމިޔާބުކުރެވިފައިވަނީ 19 މުބާރާތެވެ. ޖޮކޮވިޗް ވަނީ މިހާތަނަށް 16 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *