ކޫޕްމަން ބެލި ފުރަތަމަ ލީގު މެޗުން ގޯލެއް ނުފެނުނު

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓިމާ މި ހަފްތާ ހަވާލުވި ނެދަލެންޑްސްގެ ކޯޗު މާޓިން ކޫޕްމަން އާއި އެސިސްޓެންޓް ކޯޗު ރެނޭ ހިޑިންކް ފުރަތަމަ ފަހަރަށް ގަލޮޅު ދަނޑުގައި ބެލި ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗު ގޯލެއް ނުޖެހި ނިމިއްޖެ އެވެ. ރޭ މާޒިޔާއާ ޓީސީ ސްޕޯޓްސް ކްލަބް ވާދަކުރި މެޗު 0-0 އިން އެއްވަރުވިއިރު މެޗުގެ ޝަރަފްވެރިކޮށްދެއްވީ ގައުމީ ކޯޗު ކޫޕްމަން އެވެ. ލީގުގެ ފުރަތަމަ މެޗު ކޫޕްމަން ބެލިއިރު މީގެ ކުރިން އޭނާ ވަނީ މިހާރު ކުރިއަށްދާ ދެ ވަނަ ޑިވިޝަނުގެ ބައެއް މެޗުތައް ބަލަން ދަނޑަށް ވަދެފަ އެވެ.
ގޯލެއް ނުފެނި މެޗު ނިމުނު ނަމަވެސް ރޭގެ މެޗަކީ ފަހަކަށް އައިސް ލީގުގައި އެންމެ ވާދަވެރި ކުޅުމެއް ފެނުނު އެއް މެޗެވެ. ދެޓީމުގެ ފަރާތުން ވެސް ގިނަ ފައުލްތަކެއް ފެނުނު މެޗުގައި ރެފްރީ އަބްދުﷲ ޝާތިރުގެ ނިންމުންތަކާ މެދު މާޒިޔާއިން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
މިއީ ލީގުގައި 0-0 އިން އެއްވަރުވި ތިން ވަނަ މެޗެވެ. މީގެ ކުރިން މި ނަތީޖާއިން ނިމުނީ ފުރަތަމަ ބުރުގައި މާޒިޔާ އާއި ފޯކައިދޫ ވާދަކުރި މެޗާއި ދެ ވަނަ ބުރުގައި ފޯކައިދޫ އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ވާދަކުރި މެޗެވެ.
ލީގު ކަށަވަރުވެފައި އޮތް ނަމަވެސް ރޭގެ މެޗަށް މާޒިޔާއިން ނެރުނީ ވަރުގަދަ ޓީމެކެވެ. ރޭގެ މެޗުގެ ކުރިން ލީގުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް މާޒިޔާއިން ނެރުނު ޓީމުން ގިނަ ބަދަލުތަކެއް ފެނުނެވެ. މެޗަށް ނުކުތް މާޒިޔާގެ ޓީމުގެ އަބްދުﷲ ޖުނައިދު ރޭ ހުރީ ސަސްޕެންޝަނުގަ އެވެ. ޓީސީ ސްޕޯޓްސް ކްލަބުން ސަސްޕެންޝަނުގައި ހުރީ ޒުވާން މިޑްފީލްޑަރު މުހައްމަދު ޔަޒްދާން ހުސައިން އެވެ.

ރޭގެ މެޗުގައި ދަގަނޑޭ އަތުން ބޯޅަ ހޯދަން ސަމުއްޓޭ މަސައްކަތް ކުރަނީ. – ފޮޓޯ: އިބްރާހީމް ފާިއދު / އެފްއޭއެމް
މެޗު ފަށައިގެން މާޒިޔާގެ އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) ފޮނުވާލި ދެ ބޯޅަ ގޯލާ ސީދާ ނުވިއިރު އޭގެފަހުން ޓީސީން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފަ އެވެ. މި ހާފުގެ ކުރީކޮޅު ޓީސީގެ އިސްމާއީލް އީސާ (މެސީ) ދިން ހިތްގައިމު ޕާހަކުން އިޝާން އިބްރާހީމް (ސައްޓު) އަށް ލަނޑު ޖަހަން ލިބުނު ރަނުގެ ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. މާޒިޔާގެ ޑިފެންޑަރުންގެ ތެރެއިން ދެމިގަނެ ކޮންޓްރޯލް ކޮށްފައި ސައްޓު ފޮނުވާލި ބޯޅަ މާޒިޔާގެ އަފްގާނިސްތާން ގޯލްކީޕަރު އުވޭސް އަޒީޒީ ވަނީ އަތުން މަތަކޮށްފަ އެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު މާޒިޔާއިން ވަނީ ކުޅުން ރަނގަޅުކޮށް ތިން ހަމަލާއެއް ފޮނުވާލައިފަ އެވެ. މާޒިޔާގެ ކުޅުންތެރިއަކު ބޮލުން ޖެހި ބޯޅައެއް ޓީސީގެ ކުޅުންތެރިއަކު ގޯލުގެ ރޮނގުމަތިން ދިފާއުކުރިއިރު އޭގެފަހުން ސާބިއާގެ ޑިފެންޑަރު ޕީޓަ ޕްލަނިޗް ބޮލުން ޖެހި ބޯޅަ މަޑުމަޑުން ގޮސް ޖެހުނީ ގޯލުގެ އަރިމަތީ ދަނޑީގަ އެވެ. އަދި، ކޮނޭލިއަސް ސްޓެވާޓް ތިރިތިރިން ފޮނުވާލި ހަމަލާ ދިޔައީ އަރިމަތިން ބޭރަށެވެ. މާޒިޔާއަށް މި ހާފުގައި ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ އިއްބެ ވަހީދު އަށް އަނިޔާވެ ބަދަލުކުރަން ޖެހުމެވެ. ފަލަމަސްގަނޑަށް އަނިޔާވެ އިއްބެ އަށް ކުޅުން ކުރިއަށް ނުގެންދެވުމުން ބަދަލުގައި ކުޅެން އެރީ ހުސައިން ނިހާން (ނިހާޓް) އެވެ.
މެޗުގެ ދެ ވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން އަވަސް ކުޅުމެއް ފެނުނު އިރު ޓީސީން ދިޔައީ ލީޑު ނަގަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެކަމަކު މި ހާފުގައި ނުރައްކާތެރި ގިނަ ހަމަލާތައް ފޮނުވާލީ މާޒިޔާއިންނެވެ. ހާފުގެ ކުރީކޮޅު ޓީސީގެ ހަލީލް ގަމާލް ފޮނުވާލި ބޯޅަ ކީޕަރު އަޒީޒީ ހުއްޓުވިއިރު އޭގެ އިރުކޮޅެއް ފަހުން ހަމްޒާ މުހައްމަދު (ހަމްޕު) އަށް ގޯލު ޖަހަން ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ދިޔައީ ކަނާ ދިމާލުން މަތިންނެވެ. ދެންވެސް ފެނުނީ މާޒިޔާއިން މެޗުގައި ގޯލު ޖެހުމާ ގާތަށް ޖެހިލިތަނެވެ. ހަމްޕު ފޮނުވާލި ބޯޅައެއް ދަނޑީގައި ޖެހިފައި ނުކުތުމުން އިބްރާހީމް ވަހީދު ހުސައިން (ފޭދޫ އިއްބެ) އާއި އިބްރާހީމް އައިސަމް ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ޓިސީގެ ކީޕަރު ހަނީފް ސާގިބް އެވެ. މި ހާފުގައި އައިސަމް ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް ވެސް ވަނީ އަމާޒުވެފަ އެވެ.
Dhiraagu Dhivehi Premier LeaguePoints shared between Maziya Sports & RC & TC Football Club!(Photo: FAM/Ibrahim Faid)
Posted by Fahuminet on Tuesday, January 28, 2020
ދެ ވަނަ ހާފުގެ ފަހުކޮޅު ޓީސީގެ އީސައަށް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭނުން ނުހިފިފަ އެވެ. އަރިމަތިން ސައްޓު ނަގައިދިން ހުރަސް ހުސްކޮށް އޮވެ އެއް ފަހަރުން އީސަ ފޮނުވާލި ބޯޅަ ގޯލާ އަމާޒެއްނުވި އެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޓީސީގެ މެދުތެރޭގައި ވަރުބަލިކަމެއް ނެތި މަސައްކަތް ކުރި އަހުމަދު ރިލްވާން (ބެން) އަށެވެ.
ރޭގެ މެޗުގެ ކުރިން ލީގުގައި ޖެހިޖެހިގެން ކުޅުނު ނުވަ މެޗުން ވެސް މާޒިޔާ ވަނީ މޮޅުވެފަ އެވެ. މެޗުން އެއްވަރުވެ ޗެމްޕިއަން މާޒިޔާއަށް 20 މެޗުން ލިބިފައިވަނީ 51 ޕޮއިންޓެވެ. ރޭގެ މެޗުން މޮޅެއް ނުލިބުމުން ލީގުގެ ދެ ވަނަ އަރަން ޓީސީ އަށް މިހާރު ވަނީ އުނދަގޫވެފަ އެވެ. 20 މެޗުން ލިބުނު 38 ޕޮއިންޓާއެކު ޓީސީ ތިން ވަނައިގައި އޮތްއިރު 39 ޕޮއިންޓާއެކު ދެ ވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެފައިވާ ކްލަބް އީގަލްސް އެވެ. ލީގުގައި މިއަދު ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން މޮޅުވެގެން އީގަލްސް އަށް ލީގުގެ ދެ ވަނަ ކަށަވަރު ކުރެވޭނެ އެވެ. މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސް އާއި ށ. ފޯކައިދޫ ފުޓްބޯޅަ ޓީމެވެ.
Advertisement


Leave a Reply