އެޅިހާ ބަތަކަށް ރިހަ އަޅައިގެން ކަންކަން ބަދަލެއް ނުކުރެވޭނެ: ކްލޮޕް

އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ތިން ވަނަ ޑިވިޝަނުގެ ޝްރޫސްބަރީ ޓައުންއާ ދެކޮޅަށް ލިވަޕޫލުން އަންނަ ހަފްތާގައި ކުޅޭ މެޗަށް 23 އަހަރުން ދަށުގެ ޓީމް ނެރެން ނިންމާފައިވާ ނިންމުން ބަދަލު ނުކުރާނެކަމަށް ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނެފި އެވެ. މި ހަފްތާގައި ޝްރޫސްބަރީގެ ދަނޑުގައި ކުޅުނު މެޗް 2-2 އިން އެއްވަރުވުމުގެ ސަބަބުން ކުޅެންޖެހޭ ރީޕްލޭ މެޗްގައި ޓީމަށް އިރުޝާދުދޭން ކްލޮޕް ނުހުންނާނެ ވާހަކަ ހާމަކުރަމުން އޭނާ ބުނީ އަބަދު އެއްގޮތަކަށް ކަންކަން ނުކުރެވޭނެ ކަމަށާއި އެކަން އެގޮތަށް ކޮށްގެން އެއްވެސް ކަމެއް ބަދަލުނުކުރެވޭނެ ކަމަށެވެ.
“މީގެ ކުރިން އަހަރެމެން އަމަލުކުރަމުން އައި ގޮތަށް ކޮންމެވެސް ގޮތެއް ހޯދައިގެން އަބަދު އަމަލުކުރަން ވެއްޖެނަމަ އެއްވެސް ކަމެއް ބަދަލެއް ނުވާނެ. 2019 ވަނަ އަހަރުގެ އޭޕްރީލް މަހު އަހަރެމެންނަށް ލިބުނު ސިޓީއަކަށް ބިނާކޮށް މީގެ ތިން ހަފްތާ ކުރިން އަހަރެމެން ނިންމައިފައި އޮންނާނެ މިޑް ސީޒަން ބްރޭކް ނަގަން” ކްލޮޕް ބުންޏެވެ.
ލިވަޕޫލް 16 ޕޮއިންޓްގެ ލީޑަކާއެކު ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތްއިރު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުންވެސް އެޓީމަށް ވަނީ ޖާގަ ލިބިފަ އެވެ. ދެ ވަނަ ބުރުގައި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ލިވަޕޫލް ކުޅެންޖެހޭ ފުރަތަމަ ލެގްގެ މެޗް އޮތީ އަންނަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ.
މިދިޔަ އާދީއްތަ ދުވަހު ލިވަޕޫލުން ކުޅުނު އެފްއޭ ކަޕް މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ކްލޮޕް ބުނެފައިވަނީ އަންނަ މަހުގެ 4 ނުވަތަ 5 ވަނަ ދުވަހު ކުޅޭ ރީޕްލޭ މެޗަށް ނެރޭ ޓީމުގައި ލިވަޕޫލްގެ ސީނިއާ ޓީމްގެ އެއްވެސް ކުޅުންތެރިޔަކު ނުހިމަނާނެ ކަމަށެވެ. އެފްއޭ ކަޕްގައި ލިވަޕޫލް ކުޅެން ޖެހޭ ރީޕްލޭ މެޗް ދިމާވަނީ އަލަށް ތައާރަފްކުރި ވިންޓަރ ބްރޭކްގެ ފުރަތަމަ ހަފްތާއާ އެވެ.
“އަހަރެން ބޭނުމެއް ނޫން މިހުރިހާ މަޝްވަރާއެއްގެ މެދުގަ ހުންނާކަށް. އަހަރެން ކޮންމެހެން ބޭނުމެއް ނޫން އަހަރެންގެ ގަދަކަން މުޅި ދުނިޔެއަށް ދައްކާކަށް ވެސް. އަހަރެންގެ ހަމައެކަނި ޒިންމާއަކީ އަހަރެން ގަބޫލުކުރާ ގޮތުގަ ކުޅުންތެރިންނަށްޓަކައި އަހަރެން އަދާކުރަންޖެހޭ ޒިންމާ. ކޮންމެ ފަހަރަކު އަހަރެމެން ގޮތެއް ހޯދައިގެން އެހެން ބަޔަކު ބޭނުންވާ ގޮތަށް ކަންކުރަންވެއްޖެނަމަ އެއްވެސް ކަމެއް ބަދަލެއް ނުވާނެ. އަހަރެން ގަބޫލުކުރާ ގޮތުގަ ފުޓްބޯޅައިގެ ތެރޭގަ އުޅޭ އެންމެންވެސް ބޭނުންވޭ ކަންކަން ބަދަލުކުރަން.” ކުރިން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑްގެ ކޯޗެއްގެ ގޮތުގައިވެސް މަސައްކަތްކުރި ކްލޮޕް ބުންޏެވެ.
އިނގިރޭސި އެފްއޭ އިން ބުނެފައިވަނީ ހުރިހާ ކްލަބަކުން ވެސް ވަނީ މި ސީޒަނުގެ އެފްއޭ ކަޕްގެ ޝެޑިއުލަށް އެއްބަސްވެފައި ކަމަށާއި އޭރުވެސް އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގެ ރީޕްލޭ ވިންޓަރ ބްރޭކް ގައި ކުޅެންޖެހޭނެކަން ކްލަބްތަކަށް އެނގޭނެ ކަމަށެވެ.
“އަހަރެންނަށް އެނގޭ އެފްއޭ އިން ބުނިކަން ހުރިހާ ކްލަބަކުން ޝެޑިއުލްއަށް އެއްބަސްވި ކަމަށް. އެކަމަކު އޭގެ ތެރޭގަ ނެތޭ ކުޅިވަރަށް ޒިންމާވާ ފަރާތެއް. އޭގެ ތެރޭގަ ނެތޭ ކޯޗަކު އަދި ސްޕޯޓިންގް ޑައިރެކްޓަރަކު ވެސް. އެމީހުން އޭގެތެރޭގަ ތިބެން އަހަރެމެން ބޭނުންވަނީ. އެއީ ބަދަލުކުރަން ބޭނުންވާ ކަމަކީ. އެހެންނޫނީ އަންނަ އަހަރުވެސް ކުރިމަތިވާނީ ހަމަ މި ހާލަތު.” ކްލޮޕް ބުންޏެވެ.
Advertisement


Leave a Reply