ޓޮޓެންހަމް ދޫކޮށް އެރިކްސެން އިންޓަ އަށް ބަދަލުވެއްޖެ
ޓޮޓެންހަމް ހޮޓްސްޕާސް ދޫކޮށް ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސެން އިޓަލީގެ އިންޓަ މިލާނަށް ބަދަލުވެއްޖެ އެވެ. ރިޕޯޓުތައް ބުނާގޮތުން އެރިކްސެން އިންޓަ އަށް ބަދަލުވީ 16.9 މިލިއަން ޕައުންޑަށެވެ. 27 އަހަރުގެ އެރިކްސެން އިންޓައާ އެކު ހެދި އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
އިންޓަ އަށް ބަދަލުވުމަށް އެރިކްސެން އިއްޔެ ވަނީ މިލާނަށް ގޮސްފަ އެވެ. މެޑިކަލަށް ފަހު ކުޅުންތެރިޔާގެ ޓްރާންސްފާ ރަސްމީކޮށް ކްލަބުން ހާމަކުރީ މިއަދު އެވެ. އެރިކްސެން ޓޮޓެންހަމާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތީ މި ސީޒަނުގެ ނިޔަލަށެވެ. އެކަމަކު މި މަހު އޭނާ ކްލަބް ދޫކޮށްލާނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ. އެއީ އާ އެއްބަސްވުމެއްގައި ސޮއި ނުކޮށްފި ނަމަ ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގައި ކްލަބް ބަދަލުކުރުމުގެ އިހްތިޔާރު އެރިކްސެނަށް ލިބޭނެތީ އެވެ.
އެރިކްސެން ހޯދުމުގެ ވާހަކަތައް މީގެ ކުރިން ވަނީ މެންޗެސްޓަރ ޔުނައިޓެޑާއި ރެއާލް މެޑްރިޑުން ވެސް ދައްކައިފަ އެވެ. އެކަމަކު ޖެނުއަރީ މަހު ބޮޑެތި ކްލަބްތަކުން އޭނާ ގެންދިއުމުގެ ޝައުގުވެރިކަން ކުޑަވި އެއް ސަބަބަކީ މި ސީޒަނުގައި ޓޮޓެންހަމާއެކު ފޯމު ދަށްވުމެވެ. ޓޮޓެންހަމްގެ ފުރަތަމަ އެގާރައިން ވެސް މި ސީޒަނުގެ ގިނަ މެޗުތަކުގައި އެރިކްސެން ފެނިފައެއްނުވެ އެވެ. ލީގުގައި ކުޅުނު 20 މެޗުގައި އެރިކްސެނަށް މި ސީޒަނުގައި ޖެހުނީ ދެ ގޯލެވެ.
ނެދަލެންޑްސްގެ އަޔަކްސް އިން 2013 ވަނަ އަހަރު ޓޮޓެންހަމަށް ބަދަލުވެ އެރިކްސެން ވަނީ ޓޮޓެންހަމަށް 305 މެޗު ކުޅެދީ 69 ގޯލު ކާމިޔާބުކޮށްދީފަ އެވެ. މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޓޮޓެންހަމް ކުރި ދަތުރުގައި އެރިކްސެން މުހިއްމު ދައުރެއް އަދާކުރިއިރު އެޓީމުން މިދިޔަ އަހަރުތަކުގައި ގަވައިދުން ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގައި ވެސް އެރިކްސެން ވަނީ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
އެރިކްސެން އިންޓަ އަށް ބަދަލުވިއިރު ޓޮޓެންހަމުން ވަނީ ރެއާލް ބެޓިސް އިން ލޯނު އުސޫލުން މި ސީޒަނުގައި އެޓީމަށް ގެނައި އާޖެންޓީނާ ޖިއޮވާނީ ލޮ ސެލްސޯގެ އެއްބަސްވުން ދާއިމީކޮށްފަ އެވެ. 23 އަހަރުގެ ލޮ ސެލްސޯ އެއްބަސްވުން ޓޮޓެންހަމުން ދާއިމީ ކުރީ ސީޒަން ނިމުމުން އޭނާގެ އަގުބޮޑުވާނެތީ އެވެ.
އެރިކްސެންގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެންނާތީ ޓޮޓެންހަމްގެ ސަޕޯޓަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭނާގެ ފޯމު ދަށްކަމަށް ކޯޗު ހޯސޭ މޮރީނިއޯ ވެސް ވަނީ ދާދިފަހުން އެއްބަސްވެފަ އެވެ. އެކަމަކު އިންޓަ އިން އެރިކްސެން ގެންދަން މަސައްކަތް ފެށުމުން މޮރީނިއޯ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
އިޓަލީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗު ވެސް އެއްވަރުވުމުން އެއް ވަނައިގައި އޮތް ލީޑު ގެއްލި އިންޓަ މިހާރު އޮތީ ދެ ވަނައިގަ އެވެ. އެއް ވަނައިގައި އޮތް ޔުވެންޓަސްއާ އިންޓައާ ދެމެދު އޮތީ ތިން ޕޮއިންޓުގެ ފަރަގެކެވެ. އެރިކްސެނަކީ އިންޓަ އިން ޖެނުއަރީ ޓްރާންސްފާގައި ގެނައި ތިން ވަނަ ކުޅުންތެރިޔާ އެވެ. ދެން އެޓީމުން ގެނައީ މެންޗެސްޓަރ ޔުނައިޓެޑަށް ކުރިން ކުޅުނު 34 އަހަރުގެ އޭޝްލީ ޔަންގާއި ޗެލްސީގެ ވިކްޓަ މޫސަސް އެވެ.
Advertisement
Leave a Reply