އުރީދޫ އިން މާޒިޔާ ސްޕޮންސާކޮށް އެކަޑެމީ އަށް އެހީވަނީ!

Advertisement

އުރީދޫ އިން މާޒިޔާ ސްޕޮންސާކޮށް އެކަޑެމީ އަށް އެހީވަނީ!

ޢަލީ ޝަހީމް
އުރީދޫގެ އެމްބެސަޑަރަކަށް މާޒިޔާ ހަމަޖެއްސުމަށް ފަހު ޖާޒީ ހަވާލުކުރަނީ. - ފޮޓޯ: އުރީދޫ

އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ ފުޓްބޯޅަ ކްލަބް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މިއަހަރަށް ސްޕޮންސާކޮށް އެ ކްލަބުގެ އެކެޑަމީއަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފި އެވެ. އުރީދޫގެ ބްރޭންޑް އެމްބެސަޑަރަކަށް މާޒިޔާ ހަމަޖެއްސީ ރޭ ހޮޓެލް ޖެންގައި ބޭއްވި ޖަލްސާއެއްގަ އެވެ.
މާޒިޔާ ބްރޭންޑް އެމްބެސަޑަރަކަށް ހަމަޖެއްސުމަށް ފަހު އެ ކުންފުނިން ސޯޝަލް މީޑިއާގައި އާއްމުކުރި ޕޯސްޓުގައި ބުނީ ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ މާޒިޔާއާއެކު އިތުރަށް މަސައްކަތްތައްކޮށް ކްލަބުގެ އެކަޑެމީގެ ތަމްރީނު ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
ދެފަރާތުން ވެވުނު އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ހާން އެވެ. އެއްބަސްވުމުގައި މާޒިޔާގެ ފަރާތުން ސޮއިކުރެއްވީ ކްލަބުގެ ޗެއާމަން މުހައްމަދު ސާޖިދު އެވެ. މި އެއްބަސްވުމުގެ ދަށުން މާޒިޔާގެ ސީނިއާ ޓީމާއި ޔޫތު ޓީމުތަކުގެ ޖާޒީގެ ކުރިމަތީގައި އުރީދޫގެ ސްޕޮންސާ ޖަހާއިރު އެ ކްލަބުން މިއަހަރު ވާދަކުރާ އޭފްސީ ކަޕްގައި ވެސް އުރީދޫގެ ލޯގޯ ބޭނުންކުރާނެ އެވެ. އޭއެފްސީ ކަޕްގައި އަންނަ މަހު މާޒިޔާ އެންމެ ފުރަތަމަ ވާދަކުރާނީ ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގެ މެޗުތަކުގަ އެވެ. ކޮލިފައިންގެ ދެ މެޗުން މޮޅުވެއްޖެ ނަމަ އެޓީމަށް މުބާރާތުގެ ގްރޫޕް ސްޓޭޖުން ފުރުސަތުލިބޭނެ އެވެ.
މާޒިޔާ އަކީ އެންމެ ހަރުދަނާ ކަމާއެކު ރާއްޖޭގައި ހިންގާ ފުޓްބޯޅަ ކްލަބެވެ. 2006 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފަށައި ރާއްޖޭގެ އެންމެ ބޮޑު ލީގު އެ ކްލަބުން ވަނީ ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. މިސީޒަނުގެ ލީގު އެޓީމުން ކަށަވަރުކުރީ ތިން ވަނަ ބުރުގައި ބާކީ ތިން މެޗު އޮއްވަ އެވެ. އަނެއްކޮޅުން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވުމަށް އެ ކްލަބުން މިހާރު ވަނީ ޓީމު އިތުރަށް ވަރުގަދަކޮށްފަ އެވެ.
މާޒިޔާގެ ސީނިއާ ޓީމާ އެއްވަރަށް ޔޫތު ޓީމުވެސް އަންނަނީ ކާމިޔާބީތައް ހޯދަމުންނެވެ. ޔޫތު ޓީމުން ވަނީ މިދިޔަ އޮގަސްޓް މަހު އިންޑިއާގައި އޮތް ޔޫތު މުބާރާތާއި، މިދިޔަ އަހަރު އެފްއޭއެމުން ބޭއްވި ޔޫތު ލީގުގެ 14 އަހަރުން ދަށާއި 12 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އިންޑިއާ މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާ ހޯދީ ގަދަފަދަ ބެންގަލޫރާ ވާދަކޮށް 3-1 އިން މޮޅުވެގެންނެވެ. ޔޫތު ލީގުގެ ދެ މުބާރާތް ވެސް މާޒިޔާއިން ކާމިޔާބުކުރީ ސައްތައިން ސައްތަ ރެކޯޑަކާއެކު އެވެ.
މިއީ އުރީދޫ އިން ރާއްޖޭގެ ކްލަބެއް ސްޕޮންސާ ކުރި ދެ ވަނަ ފަހަރެވެ. 2018 ވަނަ އަހަރު އެ ކުންފުނިން ވަނީ އޭރުގެ ގަދަބާރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ސްޕޮންސާކޮށްފަ އެވެ. ރޭ ބޭއްވި ރަސްމިއްޔާތުގައި މާޒިޔާގެ އިތުރުން އުރިދޫއާ އެކު މިހާރުވެސް މަސައްކަތް ކުރަމުންގެންދާ ހަބޭސް ބޮޑުބެރު ގްރޫޕާއި މަޝްހޫރު ދުވުންތެރިޔާ އަހުމަދު އާތިފް ވެސް ވަނީ ބްރޭންޑް އެމްބަސަޑަރުންގެ ގޮތުގައި ހަމަޖައްސާފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *