އާ ކޯޗާއެކު ބައްސާމްގެ އިލްތިމާސް: ޕޮޒިޓިވް ވިސްނުމެއް ގެންގުޅެން ހިނގާ!

ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުންތެރިން ނެގުމުގައި ފުޓްބޯޅަ އެސޯސިއޭޝަންގެ ނުފޫޒެއް ނޯންނާނެ ކަމަށާއި ފުޓްބޯޅައާ މެދު އެންމެންވެސް މިހާރަށްވުރެ ޕޮޒިޓިވްކޮށް ވިސްނަންޖެހޭ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ. ގައުމީ ސީނިއަރ ފުޓްބޯޅަ ޓީމަށް އަލަށް ގެނައި ކޯޗާއި އެސިސްޓެންޓް ކޯޗް މީޑިއާ އަށް ތައާރަފްކުރުމަށް އިއްޔެ ހަވީރު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ބައްސާމް ވިދާޅުވީ ޓީމަށް ބޭނުންވާ ކުޅުންތެރިން ނެގުމުގެ ފުރިހަމަ އިހުތިޔާރާއި ބާރު ކޯޗިން ސްޓާފުންނަށް އޮންނާނެ ކަމަށެވެ.
“ޓީމް ސެލެކްޝަން ހަދާކަށް އެފްއޭއެމަކުން ވަކި ކުޅުންތެރިއަކު އަރުވާކަށް ވަކި ކުޅުންތެރިއަކު ނާރުވާކަށް ނުބުނާނެ. ކޯޗް އަތްމަތީގަ އޮންނާނީ ލީގު ބަލާފަ، އެފްއޭކަޕް ޕްރެޒިޑެންޓްސް ކަޕް ކުރިމަތީގަ އެބައޮތް، ބަލާފަ ނަގަންވީ ބޭނުންވާ ޓީމެއް. އެހެން ނަމަވެސް އޭގެ ތެރޭގަ ޑިސިޕްލިން އެންމެ މުހިއްމު ކަމަކަށް އަންނާނީ. ޕާފޯމެންސް ދެވަނަ ކަމަކަށް އަންނާނީ. މި ދެކަންތަކަށް ބަލާފަ ކުޅުންތެރިންގެ ސެލެކްޝަނަކަށް ދާންވީ.” 2016 ވަނަ އަހަރު އެފްއޭއެމްގެ ރައީސްކަމުގެ މަގާމާއި ހަވާލުވި ބައްސާމް ވިދާޅުވި އެވެ.
“އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ ތަންކޮޅެއް ޕޮޒިޓިވްކޮށް ފުޓްބޯޅައާ ދޭތެރޭ އަޅުގަނޑުމެން ވިސްނަން. މިދިޔަ ތިން އަހަރު ވަރަށް ނެގެޓިވް ގޮތަކަށް ކަންނޭނގެ މިދިޔައީ. ވަކި ކުޅުންތެރިއަކު ނާރައިފިއްޔާ އެއީ ވަރަށް ބޮޑު އަދި ގައުމީ ވަރަށް ބޮޑު މަސްލަހަތަކަށްވެސް ވެގެން އެބަދޭ. އެހެންވީމަ މިވިސްނުން އަޅުގަނޑުމެން އެންމެން ގުޅިގެން ބަދަލުކުރަން ވިސްނަންވީ.” ބައްސާމް ވިދާޅުވިއެވެ.
ބެލެވޭ ގޮތުގައި ބައްސާމް އެ އިޝާރާތްކުރައްވަނީ ގައުމީ ޓީމުގެ ކުރީގެ ކޯޗް ކްރޮއޭޝިއާގެ ޕީޓަރ ސެގާޓް ގައުމީ ޓީމްގެ ސްކޮޑުން ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ބާކީ ކުރުމުން ފުޓްބޯޅަ ކޯޗުންނާއި ސަޕޯޓަރުންނާއި އަދި މީޑިއާގައި ފާޅުކުރި ހިތްހަމަނުޖެހުންތަކަށެވެ. ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަހު ގައުމީ ޓީމުގެ ސްކޮޑުން ބާކީ ކޮށްފައި ބެހެއްޓުމަށްފަހު ސެގާޓް ދަގަނޑޭ އަށް ފުރުސަތު ދިނީ މިދިޔަ ސެޕްޓެމްބަރު މަހު މާލޭގައި ޗައިނާ އާއި ދެކޮޅަށް ކުޅުނު މެޗަށް ދިވެހި ޓީމް ނުކުންނަން ކުޑަތަންވެފައި އޮއްވަ އެވެ.
ގައުމީ ޓީމްގެ ސްކޮޑުން ދަގަނޑޭ ގިނަ ދުވަސްތަކެއް ވަންދެން ބާކީ ކޮށްފައި ހުރިއިރު ކުރީގެ ކޯޗް ސެގާޓް ވަނީ ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ޓީމުން ފުރުސަތުވެސްދީފަ އެވެ. އިއްޔެގެ ނޫސް ކޮންފަރެންސްގައި އެކަމަށް އިޝާރާތްކުރައްވައި ބައްސާމް ވިދާޅުވެފައިވަނީ އެ މަސައްކަތްވީ މުޅި އެފްއޭ އަށްވެސް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު މަސައްކަތަކަށެވެ.
“އަޅުގަނޑުމެން މީގެ ދެ އަހަރުކުރިން ގައުމީ ސީނިއާ ޓީމް ޒުވާން ކުރަން ވާހަކަ ދެއްކީމަ ހަމަ ވަރަށް ގިނަ ގޮންޖެހުންތައް އައި. އަޅުގަނޑުމެންގެ ހަމަ ގައިމުވެސް އެފްއޭ އާ ދިމާލަށް މީޑިއާގަވެސް އަދި ފުޓްބޯޅައިގެ ތަޖުރިބާކާރުންވެސް ދެއްކި ވާހަކައެއް މިއީ ކޮންމެހެން ޒުވާން ކުރާކަށް ނުޖެހޭނެއޭ. އެކަމަކު އަޅުގަނޑަށް ލިބުނު ހަތަރު އަހަރުގަ އަޅުގަނޑުގެ ވިސްނުމަކަށްވީ. ކާމިޔާބު ހޯދާނެ ޓީމްތަކެއް ބިނާކުރުން. އެހެންވީމަ އެޓީމް މަޑުމަޑުން ޒުވާން ކުރަންވެސް އެބަ ޖެހޭ.” ދައުރުގެ ފަހު އަހަރު ގުނަމުން އަންނަ ބައްސާމް ވިދާޅުވި އެވެ.
“އެ މަސައްކަތް ފެއްޓިއިރުގަ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އައި. އެކަމަކު އެކަން ފަށައިގެން ހަމަސް ދުވަސް ވީއިރު 23 އަހަރުން ދަށުގެ ޓީމެއް ސަރަހައްދީ މުބާރާތްވެސް ކާމިޔާބުކުރި. ހަމަ އެޓީމް އޭޝިއަން ކަޕްގަވެސް އަދި ހަމަ ގައިމުވެސް ދޮރު ބަންދެއް ނުވޭ. އެ ފުރުސަތު އަދިވެސް ހަމަ ކުރިމަތީގަ އެބައޮތް.” ބައްސާމް ވިދާޅުވިއެވެ.
ބައްސާމް އިތުރަށް ވިދާޅުވީ ޒުވާން ކުޅުންތެރިންނަށް ގައުމީ ޓީމްތަކުން ފުރުސަތު ދީ ޒުވާން ޓީމްތަކެއް އުފެއްދުމަށް އެފްއޭއެމުން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ މަޑުމަޑުން ފެންނަމުން އަންނަ ކަމަށެވެ.
“މި މަސައްކަތް އަޅުގަނޑުމެން ބަދަލުކުރަން ފެށުމާއެކީގަ އަޅުގަނޑުމެންގެ ގައުމީ ޓީމްތަކަކީ ވަރަށް ޒުވާން ޓީމްތަކެއް. ސީނިއާ ޓީމަށް ބަލާއިރު މިހާރު އެ އޮތީ ގާތްގަނޑަކަށް 23 އަހަރުން ދަށުގެ ޓީމެއް. އަންޑަ 19 ޓީމު އިހަކަށް ދުވަހު ދެ ވަނަ ޑިވިޝަންގަ ޖޭޖޭ ސްޕޯޓްސް އާ ދެކޮޅަށް ކުޅުނު މެޗް ބަލާލައިފިއްޔާ އެނގޭނެ ކަންނޭނގެ. ވަރަށް ތަފާތު ލެވަލް އަކަށް އެޓީމް އެބައާދޭ. ގިނަ މެޗްތަކެއް ލިބިގެން މި ކުޅުންތެރިން އަހަރުތަކަކަށް ދާއިރުގަ އެޓީމް ހަމަ ވަރުގަދަ ޓީމަކަށް ވެގެންދާނެ. މިވިސްނުން އަޅުގަނޑުމެން އެންމެން ހިނގާށޭ ފުޓްބޯޅައާ މެދު ޕޮޒިޓިވް ވިސްނުމެއް ގެންގުޅެން. ޒުވާން ބަޔަކަށް މިކަން ކުރެވިދާނެކަން. ޒުވާން ޓީމްތަކެއް ޒުވާން ޖީލުތަކެއް މުސްތަގްބަލަށް ބިނާކުރެވިދާނެކަން.” ބައްސާމް ވިދާޅުވި އެވެ.
އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވަނީ ވޯލްޑް ކަޕާއި އަދި އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެ ކުޅޭ މެޗްތަކުގެ ތެރެއިން ޗައިނާއާ ދެކޮޅަށް ރާއްޖެ ދެން ކުޅެންޖެހޭ މެޗާ ގުޅޭ ގޮތުންވެސް ވާހަކަދައްކަވައިފަ އެވެ.
“ދެން މިދައްކަނީ ކުރިއަށް އޮތް ޗައިނާ މެޗްގަ މޮޅުވެވިދާނެހޭ. ޓެކްނިކަލް ޑައިރެކްޓަރުވެސް ކުރީ ދުވަހު އެވާހަކަ ދެއްކި. ދެ ކޯޗުންވެސް މިދައްކަނީ ހަމަ ޗައިނާ މެޗުން މޮޅުވެވިދާނެއޭ. އަޅުގަނޑުމެންގެ ތެރޭގަ އެބަޖެހޭ ކަންނޭނގެ ވިސްނުން މުޅިން ބަދަލުކުރަން. ވަރަށް ބޮޑު އެއްޗެއް މީ ސައިކޮލޮޖީ އަކީ. ކުޅުންތެރިންވެސް ކޯޗުންވެސް އެފްއޭ ވެސް އަދި މީޑިއާ ވެސް. މިހާރު އެބަ ޖެހޭ ކަންނޭގެ މި ވިސްނުން ބަދަލުކުރަން. ބޮޑު ނަމެއް ކިޔާ ޓީމެއް އަންނާތީވެ އާ ދެން މިކަމެއް ނުވާނެއޭ. މެޗްގެ ކުރިން އަޅުގަނޑުމެން ބަލި ނުވާން ހިނގާށޭ. ރަގަޅު، ޗައިނާ އަތުން މޮޅުވުމަކީ ފަސޭހަ ކަމަކަށް ނުވެދާނެ. ވޯލްޑް ކަޕަށް ކޮލިފައިވުމަކީ ހަމަގައިމުވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގަ އެހާ ކައިރީގަ އޮތް ކަމެއް ނޫން. އެހެން ނަމެވެސް މިއަދު ހިނގާށޭ މި ވިސްނުން ބަދަލުކޮށްލަން. ކޮންމެވެސް ދުވަހަކުން އެހިސާބަށް ދެވިދާނެ ކަމަށް.” ބައްސާމް ވިދާޅުވި އެވެ.
Advertisement


Leave a Reply