އުމުރު މައްޗަސް މޮޅަށް ކުޅެންޏާ ގައުމީ ޓީމަށް އަރާނެ: އާ ކޯޗު

Advertisement

އުމުރު މައްޗަސް މޮޅަށް ކުޅެންޏާ ގައުމީ ޓީމަށް އަރާނެ: އާ ކޯޗު

ޢަބްދުﷲ އަޝްރަފް
ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ނުކުތް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް. - ފޮޓޯ: މިހާރު

ސީނިއާ ގައުމީ ޓީމަށް ކުޅުންތެރިން ނަގާއިރު އުމުރަށްވުރެ ބޮޑަށް އިސްކަންދޭނީ ކުޅުންތެރިން ދައްކާ ކުޅުމަށް ކަމަށާއި ގައުމީ ޓީމަށް ކުޅުންތެރިން ހޮވުން އޮތީ އެ ކުޅުންތެރިންގެ އަތްމަތީގައި ކަމަށް އަލަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗްކަމުގެ މަގާމާއި ހަވާލުވި ނެދަލެންޑްސްގެ މާޓިން ކޫޕްމަން ބުނެފި އެވެ. ގައުމީ ޓީމަށް އަލަށް ހަމަޖެއްސި ކޯޗާއި އެސިސްޓެންޓް ކޯޗް ރެނޭ ހިޑިންކް މީޑިއާއަށް ތައާރަފްކޮށްދިނުމަށް އިއްޔެ ހަވީރު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި “ފަހުމިނެޓް” އިން ކުރި ސުވާލަކަށް ޖަވާބުދެމުން އުމުރުން 63 އަހަރުގެ ކޫޕްމަން ބުނީ ބޭނުންވަނީ ރަގަޅު ޓީމެއް އެކުލަވާލަން ކަމަށާއި އެކަމުގައި އެހެން އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮތަ ނުދޭނެ ކަމަށެވެ.
“އަހަރެމެން ބޭނުންވަނީ އެންމެ ރަގަޅަށް ކުޅޭ ކުޅުންތެރިން ޓީމުގައި ހިމެނުން. މީގަ ޕޮލިޓިކްސް އެއް ނޯންނާނެ. އަނެއްކޮޅުން ޓީމެއްގެ އޮންނަންޖެހޭ ރަގަޅު މިކްސް އެއް. ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިން އަދި ގައުމީ ޓީމަށް ކުޅެން ކެތްމަދުވެ އެ ޝައުގެވެރިކަންހުރި ކުޅުންތެރިން. މިހުރިހާ ވައްތަރެއް އެބަ ހިމެނެންޖެހޭ. އެންމެ ރަގަޅު ކުޅުންތެރިން ހޮވަނީ މުޅި ޓީމުގެ ފައިދާއަށް. ކުރިއަށް އޮތް ދުވަސްތަކުގަ އަހަރެމެން ވަރަށް ގާތުން ބަލާނަން. ކުޅުންތެރިންގެ މަސައްކަތް، އެންމެ ރަގަޅު ކުޅުންތެރިން ޓީމަށް ނެގުމަށްޓަކައި.” ކޫޕްމަން ބުންޏެވެ.
ރާއްޖޭގެ ކޯޗުކަން އެންމެ ފަހުން ކުރި ކްރޮއޭޝިއާގެ ޕީޓަ ސެގާޓަށް އަމާޒުވި އެންމެ ބޮޑު ފާޑުކިޔުމަކީ ކުޅުންތެރިން ނެގުމުގައި ގެންގުޅުނު އުސޫލެވެ. މިގޮތުން އަލީ އަޝްފާގް (ދަގަނޑޭ) ގައުމީ ޓީމަށް ނުނަގައި ދޮޅު އަހަރުވަންދެން ސެގާޓް ވަނީ އެކި ބަހަނާ ދައްކައިފަ އެވެ. އެކަމަކު ޕްރެޝަރު ބޮޑު ދަގަނޑޭ އަށް މިދިޔަ ސެޕްޓެމްބަރު މަހު އަލުން ފުރުސަތު ދިންފަހުން އޭނާ އަންނަނީ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ކޫޕްމަން ތަކުރާރުކޮށް ބުނީ ކުޅުންތެރިން ނަގާނީ އެވަގުތަކު ދައްކާ ކުޅުމަށް ބަލާފައި ކަމަށެވެ.
“އެނގޭތަ އަހަރެމެން ހޮލެންޑްގަ އާންމުކޮށް ބުނާ ވާހަކައެއް. ކުޅުންތެރިން ހޮވަނީ އަހަރެމެންނެއް ނޫން. ކުޅުންތެރިން އަމިއްލައަށް ޓީމަށް ހޮވެނީ. އަހަރެމެން ތިބެނީ ބަލަން. ކުޅުންތެރިއެއްގެ އުމުރުން 33 ނުވަތަ 34 ވިޔަސް އެ ކުޅުންތެރިންނަކީ އެންމެ ރަގަޅަށް ކުޅޭ ކުޅުންތެރިން ކަމަށް ވަންޏާ އެ ކުޅުންތެރިން ޓީމަށް އަންނާނެ. އެހެންވީމަ ދެންވެސް އަހަރެން ބުނާނީ. ކުޅުންތެރިން އަމިއްލައަށޭ ޓީމަށް ހޮވޭނީ.” އުތުރު އެމެރިކާ ސަރަހައްދަށް ނިސްބަތްވާ ގައުމެއް ކަމަށްވާ އަރޫބާ ގެ ހެޑް ކޯޗްގެ ގޮތުގައި މިދިޔަ ދެ އަހަރު މަސައްކަތްކޮށްފައިވާ ކޫޕްމަން ބުންޏެވެ.

ގައުމީ ޓީމަށް ހަމަޖެއްސި ކޯޗު ކޫޕްމަން (ކ) އަދި އެސިސްޓެންޓް ހިޑިންކް. ފޮޓޯ: އެފްއޭއެމް / އިބްރާހީމް ފާއިދު

ކޫޕްމަންގެ ވާހަކަތަކަށް ތާއީދުކުރަމުން މިދިޔަ އަހަރުގެ ފަހުކޮޅު އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމަށް އަލަށް ގެނައި ޖުޑާން އަލީ މިސާލެއްގެ ގޮތުގައި އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނެގީ ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެވެ.
“މިސާލަކަށް ނަގަމާ ހިނގާ އަލީ އަޝްފާގް. އޭނަ މިހާރު ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު އޭނައަކީ އަހަރެން ނަގާ ޓީމެއްގަ ހިމެނޭނެ ކުޅުންތެރިއެއް. އެކަމަކު އެ ކުޅުން އޭނައަށް ނުދެމެހެއްޓޭ ކަމަށް ވަންޏާ އަހަރެންނަށް ޔަގީން މާޓިން ވެސް އަދި ރެނޭ (އަލަށް ހަމަޖެއްސި އެސިސްޓެންޓް ކޯޗް) ވެސް އޭނަ ޓީމަށް ނުނަގާނެކަން. އެހެންވީމަ އަސްލު އަނެއްކާވެސް މިދާންޖެހެނީ ކުރިން ބުނި ވާހަކައަށް. ކުޅުންތެރިއަކު ޓީމަށް ނަގާނީ އެ ކުޅުންތެރިއަކު ދައްކާ ކުޅުމަށް ބަލާފައޭ. އޭނަގެ ހިސްޓްރީއަށް ބަލައިފައެއް ނޫނޭ.” ޖުޑާން ބުނެފައިވެ އެވެ.
އަލަށް ހަމަޖެއްސި ކޯޗިން ސްޓާފުންނަށް އެފްއޭއެމުން ވަނީ ދެ ޓާގެޓެއް ދީފައެވެ. އެއީ 2023 ވަނަ އަހަރު ޗައިނާގައި އޮންނަ އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައިކޮށްދިނުމާއި މިއަހަރުގެ ފަހުކޮޅު ބާއްވަން ހަމަޖެހިފައިވާ ސާފް ސުޒުކީ ކަޕްގެ ތަށި ހޯދުމެވެ. މި ޓާގެޓް ތަކާ ގުޅޭގޮތުން ގައުމީ ޓީމުގެ ކޯޗްކަމާއި އިއްޔެ ހަވާލުވި ކޫޕްމަން ބުނެފައިވަނީ އެއީ ހާސިލް ނުކުރެވޭނެ ޓާގެޓްތަކެއް ނޫން ކަމަށާއި، އެކަން ކުރަން ތައްޔާރަށް ހުރިކަމަށެވެ.
“އަހަރެމެންނަށް މިވަގުތު އޮތީ ދެ ޓާގެޓެއް. އެއީ ހާސިލްކުރެވޭނެ ދެ ޓާގެޓް. އޭގެ ތެރެއިން އެއް ޓާގެޓަކީ އޭޝިއަން ކަޕަށް ކޮލިފައިވުން. މިކަން ހާސިލްކުރަން އަހަރެމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. އަހަރެން މިދިޔަ ތިން އަހަރު މަސައްކަތްކުރީ އަރޫބާ ގައި. އެތަނުގަ އަހަރެމެން އެގައުމުގެ މުޅިން އަލަށް އެކަޑަމީ އެއް ބިނާކުރިން. އަދި ސީނިއާ ޓީމާއެކު ރަގަޅު ނަތީޖާތަކެއް ހޯދިން.” ސައުދީ އަރަބިއާ އާއި ޗައިނާގެ ސުޕަ ލީގުގައި ވެސް ކޯޗުކޮށްދީފައިވާ ކޫޕްމަން ބުންޏެވެ.
1991ވަނަ އަހަރު ސީނިއާ ފުޓްބޯޅަ ކެރިއަރު ނިންމާލުމަށް ފަހު ކޫޕްމަން ވަނީ ކޯޗިންގެ ދާއިރާއަށް ނުކުމެފަ އެވެ. ކްލަބް ކެރިއަރުގައި ކޫޕްމަން ކުޅުނު ތިން ކްލަބުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކްލަބަކީ ނެދަލެންޑްސްގެ ލީގުގައި ވާދަކުރާ އެފްސީ ޓްވެންޓީ އެވެ. އެގައުމުގެ އެފްސީ ޑެން ބޯޝްއާ 1999 ވަނަ އަހަރު ހަވާލުވުމުގެ ކުރިން ކޫޕްމަން ވަނީ ތިން ކްލަބެއްގައި އެސިސްޓެންޓް ކޯޗުގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. ގައުމީ ޓީމުތަކުގައި ކޫޕްމަންގެ ފުރަތަމަ ތަޖުރިބާއަކީ 2002 އިން 2004 އަށް ސައުދީ އަރަބިއާގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި މަސައްކަތް ކުރުމެވެ. އެއަށްފަހު ކޫޕްމަން ވަނީ ޗައިނީސް ސުޕަ ލީގާއި ނެދަލެންޑްސް އާއި ސައުދީގެ ބައެއް ކްލަބްތަކަށް އިރުޝާދުދީފަ އެވެ.
ކޫޕްމަން އެންމެ ފަހުން ހުރީ އުތުރު އެމެރިކާގެ ކެރީބިއަން ސަރަހައްދަށް ނިސްބަތްވާ އަރޫބާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުގަ އެވެ. މިވަގުތު ދުނިޔޭގެ 201 ވަނައިގައި އޮތް އަރޫބާގެ ކޯޗުކަން ކޫޕްމަން ކުރީ 2017 އިން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށެވެ.
“ފުޓްބޯޅަ އަކީ ބޯޅަހިފަހައްޓައިގެން ކުޅުން. އަހަރެންގެ ފިލޯސޮފީ އަކީ ވެސް އެއީ. އަހަރެން ބޭނުންވަނީ ރާއްޖޭގެ ގައުމީ ޓީމްވެސް އެގޮތަށް ކުޅެން. އެއީ 3-3-4 ނޫނީ 1-2-3-4. އަހަރެން ދުށިން އެންމެ ފަހުން ޗައިނާ އާ ދެކޮޅަށް ރާއްޖޭގެ ޓީމް ކުޅުނު މެޗް. އަހަރެމެން އޭގެ އެނަލިސިސް އެއް ހަދައިފިން. މިހާރު އެންމެންނަށް އެނގޭ ކޮންކަންކަމެއް ކަން ރަގަޅުކުރަންވީ. ފުޓްބޯޅައިގަ ކޮންމެ ކަމަކީވެސް ވެދާނެ ކަމެއް. އެކަމަކު ބައެއް މީހުން އެކަން ގަބޫލެއް ނުކުރޭ. އެކަން ގަބޫލުކޮށް ކުޅުންތެރިންނަށް އެކަން ވިސްނައިދެވިއްޖެ ކަމަށް ވަންޏާ ގަބޫލު ކުރޭ ރާއްޖޭގެ ގައުމީ ޓީމުގެ ފަރާތުން ހިތްގައިމު ކަންތައްތަކެއް ފެންނާނެ.” ކޫޕްމަން ބުންޏެވެ.
ކޫޕްމަންގެ ފުރަތަމަ މެޗަކަށް ވާނީ ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މާޗް 26 ވަނަ ދުވަހު ރަށުން ބޭރުގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗެވެ. ޗައިނާ މެޗުގެ އިތުރުން ކޮލިފައިންގައި ރާއްޖެއަށް ބާކީ އޮންނާނީ އަމިއްލަ ދަނޑުގައި ސީރިއާ ދެކޮޅަށް ކުޅޭ މެޗާއި ރަށުން ބޭރުގައި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗެވެ. ސީރިއާއާ ދެކޮޅަށް މާޗް 31 ގައި ނުކުންނައިރު ފިލިޕީންސާ ކުޅޭނީ ޖޫން ނުވަ ވަނަ ދުވަހު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *