ހެލިކޮޕްޓަރު ވެއްޓި ބާސްކެޓް ލެޖެންޑް ކޯބެ އާއި ދަރިފުޅު މަރުވެއްޖެ

ކެލިފޯނިއާގެ ކަލަބަސަސް ސިޓީގައި ހިނގި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އެމެރިކާގެ މަޝްހޫރު ބާސްކެޓްބޯޅަ ލެޖެންޑް ކޯބެ ބްރަޔަންޓް އާއި އޭނޭގެ 13 އަހަރުގެ އަންހެން ދަރިފުޅު ޖިއާނާ މަރުވެއްޖެއެވެ.
އޮރެންޖް ކައުންޓީ އިން ކޯބެ ގެ އަމިއްލަ ހެލިކޮޕްޓަރުގައި ފެށި މިދަތުރުގައި ދިޔަ 9 މީހުން ވެސް މަރުވެފައި ވާކަމަށް މައުލޫމާތު ލިބެއެވެ. އޭގެ ތެރޭގައި އޮރެންޖް ކޯސްޓް ކޮލެޖް ބާސްކެޓްބޯޅަ ޓީމުގެ ކޯޗު ޖޯން އަލްޓޮބެލީ އާއި އޭނަގެ އަންހެނުން ކެރީ އަދި އަންހެން ދަރިފުޅު އަލީސާ ވެސް ހިމެނެއެވެ. ހެލިކޮޕްޓަރު ވެއްޓުނުއިރު އެމީހުން ދަތުރުކުރަމުން ދިޔައީ ޖިއާނާ އާއި އަލީސާގެ ބާސްކެޓް ޕްރެކްޓިސް އަށް މަމްބާ އެކަޑަމީއާ ދިމާއަށެވެ.
ކޯބެ، 41، ވަނީ އޭނާގެ 20 އަހަރުގެ އެންބީއޭ ކެރިއަރުގައި ލޮސް އެންޖެލެސް ލޭކާސް އަށް 5 ފަހަރު ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްދީފައެވެ. އޭނާގެ ދަރިފުޅު ޖިއާނާއަކީވެސް އަރަމުން އަންނަ ބާސްކެޓް ކުޅުންތެރިއެކެވެ.
ކޯބެގެ މަރާއެކު ދުނިޔޭގެ މަޝްހޫރު ފަންނާނުންނާއި ކުޅިވަރު ތަރިން ދަނީ ހިތާމައިގެ ޝުއޫރު ފާޅު ކުރަމުންނެވެ. އަދި މިވަގުތު ލޮސްއެންޖެލެސްގެ ލޭކާސް ސްޓޭޑިއަމްގައި ކުރިއަށްދާ ގްރެމީ އެވޯޑްސް ގައި ވެސް ކޯބެގެ ހަނދާނުގައި ބައެއް ފަންނާނުންދަނީ ޝުއޫރު ފާޅު ކުރަމުންނެވެ. ކޯބެގެ ކެރިއަރުގެ 20 އަހަރުވެސް ހޭދަކޮށްފައި ވަނީ ލޮސް އެންޖެލެސް ލޭކާސްގައެވެ.
Continuing to move the game forward @KingJames. Much respect my brother ?? #33644
— Kobe Bryant (@kobebryant) January 26, 2020
ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކޯބެ އެންމެ ފަހުން އިއްޔެ ކޮށްފައިވާ ޓްވީޓުގައި ވަނީ ލޮސް އެންޖެލެސް ލޭކާސް އަށް ކުޅޭ މަޝްހޫރު ލެބްރޯން ޖޭމްސް އަށް ތަހުނިޔާ ކިޔާފައެވެ. އިއްޔެގެ މެޗްގައި ލެބްރޯން ޖޭމްސް ވަނީ އެންބީއޭ އޯލް ޓައިމް ޕޮއިންޓްސް ލިސްޓުގައި ކޯބެ ފަހަތަށް ޖައްސާލާ، 3 ވަނައަށް އަރާފައެވެ. ކޯބެ ވަނީ އޭނާގެ ކެރިއަރުގައި ކުޅުނު 1346 މެޗުން 33،643 ޕޮއިންޓ ހޯދާފައެވެ.
މީގެ އިތުރުން ވެސް، ރޭ ފްރާންސް ލީގް 1 ގައި ޕީއެސްޖީއިން 2-0 އިން ލީލް ބަލިކުރި މެޗުގައި ބްރެޒިލްގެ ތަރި ނޭމާ ޖެހި ގޯލް އޭނާ ވަނީ ކޯބެ އަށް ހާއްސަ ކޮށްފައެވެ. ރޭގެ މެޗްގައި ދެގޯލް ވެސް ޖެހި ނޭމާ، އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކުރުމަށް ފަހު ވަނީ އެއް އަތުން 2 އަދި އަނެއް އަތުން 4 އިނގިލީގެ އިޝާރާތުން ދައްކާލާފައެވެ. ރަމްޒު ކޮށްދެނީ ކޯބެ ބްރަޔަންޓްގެ ލޮސް އެންޖެލެސް ލޭކާސްގެ ޖާޒީ ނަންބަރު، 24، އެވެ.
ހެލިކޮޕްޓަރު ވެއްޓެން ދިމާވި ސަބަބު އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ދަނީ ތަހުގީގު ކުރަމުންނެެވެ.
Advertisement


Leave a Reply