ގައުމީ ޓީމަށް ނެދަލެންޑްސްގެ ކޯޗަކު ހަމަޖައްސައިފި

Advertisement

ގައުމީ ޓީމަށް ނެދަލެންޑްސްގެ ކޯޗަކު ހަމަޖައްސައިފި

ޢަލީ ޝަހީމް
ގައުމީ ޓީމަށް ހަމަޖެއްސި މާޓިން ކޫޕްމަން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއާ އެކު. - ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ހުސްވެފައިވާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ނެދަލެންޑްސްގެ 63 އަހަރުގެ މާޓިން ކޫޕްމަން ހަމަޖައްސައިފި އެވެ. ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގައި މިއަދު ހަވީރު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޫޕްމަންއާ އެކު އެސިސްޓެންޓް ކޯޗުގެ ގޮތުގައި ނެދަލެންޑްސަށް ނިސްބަތްވާ ރެނޭ ހިޑިންކް ވަނީ ހަމަޖައްސައިފަ އެވެ. ރެނޭ ހިޑިންކަކީ ނެދަލެންޑްސްގެ މަޝްހޫރު ކޯޗު ގުސް ހިޑިންކްގެ ކޮއްކޮ އެކެވެ.
އާ ކޯޗާއި އެސިސްޓެންޓް ކޯޗު ރަސްމީކޮށް އިއުލާން ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އިންގްލެންޑުގެ ޖުޑާން އަލީ ބައިވެރިވެވަޑައިގެންނެވި އެވެ.
ރާއްޖޭގެ ފުޓްބޯޅަ ޓީމުގެ ކޯޗުކަން އެންމެ ފަހުން ކުރީ ކްރޮއޭޝިއާގެ ޕީޓަ ސެގާޓެވެ. 2018 ވަނަ އަހަރުގެ މާޗް މަހު ގައުމީ ޓީމާ ހަވާލުވި ސެގާޓް މަގާމުން ވަކިކުރީ ނަތީޖާތައް ދަށްވުމުގެ ސަބަބުން މިދިޔަ އަހަރުގެ ޑިސެމްބަރު ހަތް ވަނަ ދުވަހު އެވެ.

ގައުމީ ކޯޗުކަމާ ހަވާލުވުމަށް ފަހު ކޫޕްމަން ވަނީ ޓީމާއެކު ރަނގަޅު ކާމިޔާބީއެއް ހޯދަން ބޭނުންވާކަމަށް ބުނެފަ އެވެ. އަދި، ރާއްޖެއަކީ އޭއެފްސީ އޭޝިއަން ކަޕަށް ކޮލިފައިވެވޭ ފެންވަރުގެ ގައުމެއް ކަމަށް ކޫޕްމަން ފާހަގަކުރި އެވެ. ގައުމީ ޓީމަށް ކުޅުންތެރިން ނެގުމާ ގުޅޭގޮތުން ކޫޕްމަން ބުނީ ކުޅުންތެރިންގެ ކުރީގެ މާޒީއަށް ނުބަލާނެ ކަމަށާއި، ޓީމަށް އެރުމުގެ ބާރު އޮންނާނީ ކުޅުންތެރިންގެ އަތްމަތީގައި ކަމަށެވެ. އަދި، އުމުރަށް ބަލައި ކުޅުންތެރިން ގައުމީ ޓީމަށް ނުނަގާ ނުހުންނާނެ ކަމަށް ކޫޕްމަން ބުނެފައިވެ އެވެ. ގައުމީ ޓީމަށް ނެގުމުގައި އެވަގުތު ކުޅުންތެރިން ދައްކާ ފެންވަރަށް ބަލާނެކަމަށް ވެސް ކޫޕްމަން ވަނީ ބުނެފަ އެވެ.
1991 ވަނަ އަހަރު ސީނިއާ ފުޓްބޯޅަ ކެރިއަރު ނިންމާލުމަށް ފަހު ކޫޕްމަން ވަނީ ކޯޗިންގެ ދާއިރާއަށް ނުކުމެފަ އެވެ. ކްލަބް ކެރިއަރުގައި ކޫޕްމަން ކުޅުނު ތިން ކްލަބުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކްލަބަކީ ނެދަލެންޑްސްގެ ލީގުގައި ވާދަކުރާ އެފްސީ ޓްވެންޓީ އެވެ. އެގައުމުގެ އެފްސީ ޑެން ބޯޝްއާ 1999 ވަނަ އަހަރު ހަވާލުވުމުގެ ކުރިން ކޫޕްމަން ވަނީ ތިން ކްލަބެއްގައި އެސިސްޓެންޓް ކޯޗުގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. ގައުމީ ޓީމުތަކުގައި ކޫޕްމަންގެ ފުރަތަމަ ތަޖުރިބާއަކީ 2002 އިން 2004 އަށް ސައުދީ އަރަބިއާގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި މަސައްކަތް ކުރުމެވެ. އެއަށްފަހު ކޫޕްމަން ވަނީ ޗައިނީސް ސުޕަ ލީގާއި ނެދަލެންޑްސް އާއި ސައުދީގެ ބައެއް ކްލަބްތަކަށް އިރުޝާދުދީފަ އެވެ.
ކޫޕްމަން އެންމެ ފަހުން މަސައްކަތްކުރީ އުތުރު އެމެރިކާގެ ކެރީބިއަން ސަރަހައްދަށް ނިސްބަތްވާ އަރޫބާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމެވެ. މިވަގުތު ދުނިޔޭގެ 201 ވަނައިގައި އޮތް އަރޫބާގެ ކޯޗުކަން ކޫޕްމަން ކުރީ 2017 އިން ފެށިގެން މިދިޔަ އަހަރުގެ ވަކި ހިސާބަކަށެވެ.

ފާޑުކިޔުންތައް ބޮޑުވެ ރާއްޖޭގެ ކޯޗުކަމުން ވަކިކުރި ސެގާޓްގެ ކުރިން ގައުމީ ޓީމަށް އިރުޝާދުދިނީ ނިއު ޒީލެންޑުގެ ރިކީ ހާބަޓާއި އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓެވެ. 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ގައުމީ ޓީމާ ހަވާލުވި ހާބަޓަކީ ވޯލްޑް ކަޕްގައި ނިއު ޒީލެންޑަށް އިރުޝާދުދިން ކޯޗެކެވެ. އެކަމަކު ނަތީޖާތައް ދަށްވުމުގެ ސަބަބުން 2016 ވަނަ އަހަރުގެ ޖޫން މަހު ހާބަޓް ވަނީ މަގާމުން ވަކިކޮށްފަ އެވެ. އޭގެފަހުން 2016 ވަނަ އަހަރުގެ ޖުލައި މަހު ޓީމާ ހަވާލުވި ސްޓެވާޓް މަގާމުން ވަކިކުރީ އޭޝިއަން ކަޕް ކޮލިފައިންގައި ނެރުނު ނަތީޖާތައް ދަށްވުމުން 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. މި ދެކޯޗުންގެ ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޑުގައި ބޮޑު ކާމިޔާބީއެއް ހޯދި ވެލިޒާ ޕޮޕޯވް ވެސް ވަނީ ރާއްޖޭގެ ކޯޗުކަން 2015 ވަނަ އަހަރު ކޮށްފަ އެވެ.
2018 ވަނަ އަހަރުގެ މާޗް މަހު ޓީމާ ހަވާލުވެ ސެގާޓް ވަނީ އެ އަހަރު އޮތް ސާފް ސުޒުކީ ކަޕް ރާއްޖެއަށް ކާމިޔާބުކޮށްދީފަ އެވެ. އެކަމަކު ސެގާޓް ވެގެންދިޔައީ މިހާތަނަށް އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ކޯޗަށެވެ. އޭނާއަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ އަލީ އަޝްފާގް (ދަގަނޑޭ) އަށް ޓީމުން ފުރުސަތު ނުދީ އެކި ފަހަރު އެކި ގޮތަށް ވާހަކަދެއްކުމުންނެވެ. ޕްރެޝަރު ބޮޑުވުމުން ގާތްގަނޑަކަށް ދޮޅު އަހަރަށް ފަހު ދަގަނޑޭ އަށް ސެގާޓް ފުރުސަތު ދިނީ މިދިޔަ ސެޕްޓެމްބަރު މަހު ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅުނު މެޗުގަ އެވެ. އޭގެފަހުން ދަގަނޑޭ ގައުމީ ޓީމުގައި ބަރާބަރަށް ހިމެނޭއިރު ކޮލިފައިންގައި ރަށުން ބޭރުގައި ސީރިއާއާ ދެކޮޅަށް ކުޅުނު މެޗާއި ގަލޮޅު ދަނޑުގައި ގުއާމާ ދެކޮޅަށް ކުޅުނު މެޗުގައި ދަގަނޑޭ ވަނީ ލަނޑު ޖަހައިފަ އެވެ.

ސެގާޓްގެ އެއްބަސްވުން އެފްއޭއެމުން އުވާލީ ޑިސެމްބަރު މަހު ނޭޕާލުގައި އޮތް ސައުތު އޭޝިއަން ގޭމްސްގައި ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުންނެވެ. އެ މުބާރާތަށް ރަން މެޑަލަށް އަމާޒުހިފައި ވަރުގަދަ ޓީމެއް ނެރުނު ނަމަވެސް ރާއްޖެ ނިންމާލީ ފަސް ގައުމުގެ ތެރެއިން ހަތަރު ވަނައިގަ އެވެ.
އާ ކޯޗުގެ އިރުޝާދުގެ ދަށުން ރާއްޖެ އެންމެ ފުރަތަމަ ނުކުންނާނީ ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި އަންނަ މާޗް މަހުގެ 26 ވަނަ ދުވަހު ރަށުން ބޭރުގައި ޗައިނާއާ ދެކޮޅަށެވެ. އޭގެފަހުން މާޗް 31 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ސީރިއާ ދެކޮޅަށް ކުޅޭއިރު ކޮލިފައިންގެ ފަހު މެޗުގައި ޖޫން ނުވަ ވަނަ ދުވަހު ރަށުން ބޭރުގައި ރާއްޖެ ނުކުންނާނީ ފިލިޕީންސާ ދެކޮޅަށެވެ.
ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގައި މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ރާއްޖެ މޮޅުވެވުނީ ގުއާމާ ދެކޮޅަށް ކުޅުނު ދެމެޗުންނެވެ. ތިން މެޗުން ބަލިވިއިރު ހަ ޕޮއިންޓާއެކު ރާއްޖެ އޮތީ ހަތަރު ވަނައިގަ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓް ހޯދާފައިވާ ސީރިއާ އެވެ. ދެ ވަނައިގައި އޮތް ޗައިނާ އާއި ތިން ވަނައިގައި އޮތް ފިލިޕީންސަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތީ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ. ކޮލިފައިން މެޗުތަކުގެ އިތުރުން މި އަހަރު ބަންގްލަދޭޝްގައި އޮންނަ ސާފް ސުޒުކީ ކަޕްގައި ވެސް ގައުމީ ޓީމު ވާދަކުރާނެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *