މޮޓޯޖީޕީ 2020 ގެ އޮފިޝަލް ކަލަންޑަރު އިއުލާން ކޮށްފި

އިންޓަނޭޝަނަލް މޮޓޯސައިކްލިން ފެޑެރޭޝަނުން ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ސައިކަލު ރޭސިން އިވެންޓް ގްރޭންޑް ޕްރިކްސް މޮޓޯސައިކަލް ރޭސިން “މޮޓޯޖީޕީ” 2020 ވަނަ އަހަރުގެ ކަލަންޑަރު އިއުލާން ކޮށްފިއެވެ.
މިއަހަރުގެ ފައިނަލް ކަލަންޑަރ ނެރެފައި މިވަނީ މިދިޔަ އަހަރު އެކުލަވާލި ޑްރާފްޓް ކަލަންޑަރާ ދާދި އެއްގޮތަށެވެ. ވޭތުވެދިޔަ ދެއަހަރުގެ މޮޓޯޖީޕީ ސީޒަނުގައި 19 ރޭސް ހިމެނުނު ނަމަވެސް މިއަހަރު 20 ރޭސް އޮންނާނެއެވެ. 1949 ވަނަ އަހަރު ބާއްވަން ފެށި މި މުބާރާތުގެ މިއަހަރުގެ ސީޒަނުގައި މިވަނީ 38 އަހަރުގެ މެދުކެނޑުމަކަށް ފަހު، ފިންލެންޑުގެ “ފިނިޝް ގްރޭންޑް ޕްރިކްސް” ރޭސް ހިމަނާފައެވެ. އެހެންނަމަވެސް ފިނިޝް ޖީޕީ ބާއްވަން ހަމަޖެހިފައިވާ ކީމި ރިންގް ސާކިޓަށް އެފްއައިއެމް ހޮމޮލޮގޭޝަން ޓައިޕް ސެޓިފިކެޓް އަދި ލިބިފައެއް ނުވެއެވެ. ކީމި ރިންގް ސާކިޓް ހުުޅުވުނީ މިދިޔަ އަހަރުގެ އޮގަސްޓް 19 ވަނަ ދުވަހުއެވެ.
މިއަހަރުގެ ސީޒަން ވެސް ފެށުމަށް ހަމަޖެހިފައިވަނީ ގަތަރުގައެވެ. މާޗު 8 ވަނަ ދުވަހުގެރޭ ގަތަރުގެ ލޮސައިލް އިންޓަނޭޝަނަލް ސާކިޓުގައި ބާއްވާ ގަތަރު ޖީޕީ އިވެންޓާއެކު މިއަހަރުގެ ސީޒަން ފަށާއިރު، ނިންމުން އޮތީ ނޮވެމްބަރ 15 ވަނަ ދުވަހު ސްޕެއިންގެ ވެލެންސިއާގައި ބާއްވާ ވެލެންސިއާ މޮޓޯޖީޕީ ރޭހަށް ފަހުއެވެ.
ސީޒަން ފެށުމުގެ ކުރިން މެލޭޝިއާގެ ސެޕާންގް ސާކިޓު އަދި ގަތަރުގެ ލޮސައިލް ސާކިޓުގައި ޕްރީ ސީޒަން ޓެސްޓް ކުރިއަށް ގެންދިޔުމަށް ފަހު ޕޯސްޓް ރޭސް ޓެސްޓް ޝެޑިޔުލް ކުރެވިފައި ވަނީ ސްޕެއިން ޖީޕީ އަދި ބާސެލޯނާ ޖީޕީ އަށް ފަހު އެވެ.
މިދިޔަ އަހަރުގެ ސީޒަންގެ 12 ރޭސް ކާމިޔާބު ކޮށްގެން މޮޓޯޖީޕީ ޗެމްޕިއަން 2019 ހޯދީ ޖަޕާނުގެ ރެޕްސޮލް ހޮންޑާ ޓީމުގެ ސްޕެއިން ރޭސަރ މާކް މާކުއޭޒް އެވެ. އޭނާ ވަނީ 19 ރޭހުން 18 ޕޯޑިއަމް ނަގައި 420 ޕޯޑިއަމް ޕޮއިންޓް ހޯދާފައެވެ. މިއީ މާކް މާކުއޭޒް މޮޓޯޖީޕީ ޗެމްޕިއަންކަން ޖެހިޖެިގެން ހޯދި 4 ވަނަ ފަހަރެވެ. އޭނާ ވަނީ ޖުމްލަ 6 ފަހަރު ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައެވެ.
މިއަހަރުގެ ސީޒަނަށް މާކް މާކުއޭޒްގެ ކޮއްކޮ، އެލެކްސް މާކުއޭޒް ވަނީ މިދިޔަ އަހަރުގެ މޮޓޯ2 ޗެމްޕިއަންކަން ހޯދާ، މޮޓޯޖީޕީއިން މުޅިން އަލަށް ޖާގަ ހޯދާފައެވެ. މި ދެބެން ވެސް ހިމެނެނީ ރެޕްސޮލް ހޮންޑާ ޓީމުގައެވެ.
Advertisement


Leave a Reply