ގައުމީ ފައިނަލުގައި ދީމާ އާއި ރަފާ މިއަދު ވާދަކުރަނީ

Advertisement

ގައުމީ ފައިނަލުގައި ދީމާ އާއި ރަފާ މިއަދު ވާދަކުރަނީ

ޢަބްދުﷲ އަޝްރަފް
ދީމާ އާއި ރަފާ ޑިސެމްބަރު މަހު ނޭޕާލުގައި އޮތް ސައުތު އޭޝިއަން ގޭމްސްގެ ޓީމު އިވެންޓުގައި ކުޅުނު މެޗެއްގެ ތެރެއިން. - ފޮޓޯ: އެމްއޯސީ

59 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލްގައި ރާއްޖޭގެ އެންމެ މޮޅު ދެ އަންހެން ޓީޓީ ކުޅުންތެރިން ކަމަށްވާ އާއިޝަތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ އަލީ މިއަދު ވާދަކުރަން ތައްޔާރުވެއްޖެ އެވެ. އެންމެ ފަހުން އޮތް ގައުމީ މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލުގައިވެސް ވާދަކޮށްފައިވަނީ މި ދެކުޅުންތެރިންނެވެ.

މިދިޔަ އަހަރު އޮތް 58 ވަނަ ގައުމީ ޓީޓީ މުބާރާތުގައި ރަފާ އާއި ދީމާ ވާދަކުރި ފައިނަލް މެޗް ދީމާ ކާމިޔާބުކޮށްފައިވާއިރު ދީމާ ހިމެނިފައިވަނީ މުބާރާތުގެ ތަށި ހޯދި އެންމެ ހަގު ކުޅުންތެރިޔާގެ ގޮތުގައެވެ. އޭރު ދީމާގެ އުމުރަކީ އެންމެ 11 އަހަރެވެ. ދީމާ އަތުން މިދިޔަ އަހަރުގެ ފައިނަލްގައި ރަފާ ބަލިވީ މުބާރާތުގެ ޗެމްޕިއަންކަން ވިދިވިދިގެން ތިންވަނަ ފަހަރަށް ކާމިޔާބުކުރުމުގެ ފުރުސަތު ލިބިފައި އޮއްވަ އެވެ.

Advertisement

ރަފާ އާއި ދީމާ އަކީ ބައިނަލްއަގްވާމީ ފެންވަރުގައި މިހާތަނަށް ޓީޓީގައި ރާއްޖޭން އެންމެ ބޮޑު ކާމިޔާބީ ހޯދުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ދެ ކުޅުންތެރިންނެވެ. މިދިޔަ އަހަރުގެ ޖުލައި މަހު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ޓީޓީ ޓީމް އިވެންޓުން ރަން މެޑަލް ހޯދި ޓީޓީ ޓީމުގައި ރަފާ އާއި ދީމާ ހިމެނުނުއިރު އެ ދެކުޅުންތެރިން ހިމެނުނު ޕެއާ ވަނީ އަންހެން ޑަބަލްސް އިން ވެސް ރަން މެޑަލް ހޯދައިފަ އެވެ. އަދި އަންހެން ސިންގަލްސް އިވެންޓުން ރަނާއި ރިހި ވެސް ހޯދައިފައިވަނީ މި ދެކުޅުންތެރިންނެވެ. މީގެ އިތުރުން މިދިޔަ ޑިސެމްބަރު މަހު ނޭޕާލްގައި އޮތް ސައުތު އޭޝިއަން ގޭމްސްގެ އަންހެން ޓީޓީ ޓީމް އިވެންޓުން ލޯ މެޑަލް ރާއްޖެއަށް ހޯދައިދިނުމުގައިވެސް ރަފާ އާއި ދީމާ ބޮޑު ހިއްސާއެއް އަދާކުރިއެވެ.

ގައުމީ ޓީޓީ މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލް ވެސް މިއަދު ހަވީރު ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ފިރިހެން ސިންގަލްސް ފައިނަލްގައި ވާދަކުރަން ހަމަޖެހިފައިވަނީ މޫސާ މުންސިފް އަހުމަދާއި މުހައްމަދު ޝައްފާން އިސްމާއިލް އެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައިވަނީ މުންސިފް އެވެ.

ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި ފައިނަލް މެޗުތައް ފަށާނީ ހަވީރު ހަތަރެއް ޖަހާއިރު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *