ކޮންޓޭ ބުނި ދެރަ ބަހުން ލުކާކޫ ލިބިގަތީ ހިތްވަރު

Advertisement

ކޮންޓޭ ބުނި ދެރަ ބަހުން ލުކާކޫ ލިބިގަތީ ހިތްވަރު

ޢަބްދުﷲ އަޝްރަފް

އިންޓަ މިލާންގެ ތަރިންގެ ކުރިމަތީގައި ރޮމޭލޫ ލުކާކޫ އަކީ ކުނި ކަމުގައި އެޓީމްގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނިކަމަށާއި މިހާރު ލުކާކޫގެ ފަރާތުން ފެންނަ ކުޅުމަކީ އެ ބަހުގެ ސަބަބުން ލިބުނު ހިތްވަރުގެ ނަތީޖާ ކަމަށް އޭނާ ބުނެފި އެވެ. ލުކާކޫ ބުނެފައިވާ ގޮތުގައި އިންޓަމިލާންގެ ކުޅުންތެރިންގެ ކުރިމަތީގައި ޗެލްސީގެ ކުރީގެ ކޯޗް އެގޮތަށް ބުނުމުން އެދުވަހު މާޔޫސްވި ކަމަށާއި އެކަމަކު މިއަދު އޭނާގެ އެންމެ ރަގަޅު ކުޅުން ފެނުމުގެ އަސްލަކީ އެއީ ކަމަށެވެ.

26 އަހަރުގެ ބެލްޖިއަމް ފޯވާޑް މެންޗެސްޓާ ޔުނައިޓެޑުން 75 މިލިއަން ޕައުންޑްގެ އަގަކަށް އިންޓަ މިލާނަށް ބަދަލުވީ މިދިޔަ އަހަރުގެ ހޫނު މޫސުމުގައެވެ. އޭގެ ފަހުން ލުކާކޫގެ ކުޅުން ވަރަށް ބޮޑުތަން ކުރިއަށް ޖައްސައި އިޓާލިއަން ލީގުގައި މިހާރު ކުޅެމުން އަންނަ އެންމެ ނުރައްކާތެރި ފޯވާޑުންގެ ތެރޭގައި އޭނާ ވަނީ ހިމެނިފަ އެވެ. މިހާތަނަށް އިޓާލިއަން ލީގުގައި 20 މެޗް ލުކާކޫ ކުޅެފައިވާއިރު އޭނާ ވަނީ 14 ގޯލް ޖަހައިފަ އެވެ.

Advertisement

ކުރިން އިނގިރޭސި ވިލާތުގެ ޗެލްސީ އަށްވެސް ކުޅެފައިވާ ލުކާކޫ ބުނެފައިވަނީ އިންޓަގެ ކޯޗް ކޮންޓޭ ގެންގުޅޭ ވިސްނުމުގެ ސަބަބުން މެޗްތަކުގައި އޭނާގެ އެންމެ ރަގަޅު ކުޅުން ފެންނަން ފަށައިފި ކަމަށާއި ވަރަށް ދަށްކޮށް ކުޅެވުނު މެޗަކަށްފަހު ޓީމުގެ ހުރިހާ ކުޅުންތެރިންގެ ކުރިމަތީގައި ކޯޗް އޭނާ ކުންޏަށް ހެދުމުން ކުރިއަށް ދިއުމަށް ހިތްވަރު ލިބުނު ކަމަށެވެ.

“އަހަރެން ހަނދާން އެބަހުރި އިންޓަމިލާންއަށް ބަދަލުވިފަހުން އަހަރެން ކުޅުނު ފުރަތަމަ ޗެމްޕިއަންސް ލީގު މެޗްގައި ސްލާވިއާ ޕްރާގާއާ ދެކޮޅަށް އަހަރެންނަށް ދެއްކުނު ދަށް ކުޅުން. ހަގީގަތުގަވެސް އަހަރެންނަށް އެދުވަހު ކުޅެވުނީ ކުންޏޭ ބުނާހާވެސް ދަށްކޮށް. ކޯޗް އަހަރެންނާ ދިމާލަށް ތިއީ ކުންޏޭ ބުނީ ޓީމުގެ އެންމެންގެ ކުރިމަތީގަ.” ކުރިން އެވަޓަން އަށްވެސް ކުޅެފައިވާ ފޯވާޑް ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

“އޭނަ ބުނީ ހަގީގަތުގަވެސް އަހަރެންނަކީ ކުނި ކަމަށް. އަދި އެ ކުޅުން އެހެން މެޗެއްގައި ތަކުރާރުކޮށްފިނަމަ ފަސް މިނެޓް ވާއިރަށް ދަނޑުން ބާލާނެކަމަށް. އޭގެ ފަހުން ދެން އަހަރެމެން ކުޅުނީ މިލާން ޑާބީ. އެ މެޗް އެއީ މި ސީޒަންގައި އަހަރެންނަށް އެންމެ ރަގަޅު ކުޅުމެއް ދެއްކުނު މެޗް.” ލުކާކޫ ބުންޏެވެ.

“އޭނަ އަހަރެންނާ ދިމާއަށް ބުނި ބަހުގެ ސަބަބުން އަހަރެން އަމިއްލަ ނަފްސަށް ކުރާ އިތުބާރަށް ފުރަތަމަ ގުޑުން އެރި. އެކަމަކު ހަމަ އެވަގުތު އަހަރެންގެ ހިއްސުތައް ހޭލި. އެއީ އޭނަ ހުރިހާ ކުޅުންތެރިންނާ ދޭތެރޭވެސް ކަންކުރާ ގޮތް. ކިތަންމެ މޮޅު ކުޅުންތެރިއަކަށްވިޔަސް އޭނަ ނުބަލާނެ. އެންމެންނާ ދޭތެރޭވެސް ކަންކުރަނީ ހަމަހަމަކޮށް.” ލުކާކޫ ބުންޏެވެ.

“މީގެ ކުރިން އެއްވެސް މީހަކު އަހަރެންނާ މެދު އެގޮތަށް ކަން ކޮށްފައެއް ނުވޭ. މި ކޯޗް ބުނޭ ސީދާ އެ ކުޅުންތެރިއަކާ ދިމާލަށް ގޯސްކޮށް ކުޅެވުނަސް. އަދި ރަގަޅަށް ކުޅެވުނަސް.” ލުކާކޫ ބުންޏެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *