އިނގިރޭސި އެފްއޭ އިން މެންޗެސްޓާ ޔުނައިޓެޑަށް އަދަބުދީފި

އިނގިރޭސި ވިލާތުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެކުލަވާލައިފައިވާ މިންގަނޑުތަކާ އެއްގޮތަށް ކުޅުންތެރިން އަމަލުކުރަމުން އަންނަކަން ކަށަވަރުކޮށްނުދެވުމުން މެންޗެސްޓާ ޔުނައިޓެޑް ވިހި ހާސް ޕައުންޑުން ޖޫރިމަނާކޮށްފި އެވެ.
މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް އިނގިރޭސި އެފްއޭ އިން މި ފިޔަވަޅު އަޅާފައި މިވަނީ މިދިޔަ އާދިއްތަ ދުވަހު ލިވަޕޫލާ ދެކޮޅަށް ކުޅުނު ޕްރިމިއާ ލީގުގެ މެޗްގެ 26 ވަނަ މިނެޓްގައި ހިނގި ކަމަކާ ގުޅިގެން ޔުނައިޓެޑްގެ ކުޅުންތެރިން ހިތްހަމަނުޖެހިގެން އެ މެޗްގެ ރެފްރީއެއްގެ ގޮތުގައި ހުރި ކްރެއިގް ޕޯސަން ވަށާލުމާއި ގުޅިގެންނެވެ. މި އަމަލަކީ އިނގިރޭސި އެފްއޭ އިން އެކުލަވާލައިފައިވާ ގަވައިދުގެ އީ 20 ގައި ބުނާ މިންގަނޑާއި ހިލާފް ކަމެކެވެ. ޔުނައިޓެޑުން ވަނީ އެކަމަށް އެފްއޭގައި އެއްބަސްވެސް ވެފަ އެވެ.
ލިވަޕޫލާ ދެކޮޅަށް ކުޅެ 0-2 އިން ބަލިވި މެޗްގައި ޔުނައިޓެޑްގެ ކުޅުންތެރިން ރެފްރީއާ މެދު ހިތްހަމަނުޖެހުނީ މެޗްގެ 14 ވަނަ މިނެޓްގައި ލިވަޕޫލުން ޖެހި ގޯލާއެކު އެޓީމް ލީޑްގައި އޮއްވައި އޭގެ 12 މިނެޓް ފަހުން ލިވަޕޫލުން ޔުނައިޓެޑްގެ ގޯލްގެ ތެރެއަށް ވައްދާލި ބޯޅައެއް ގޯލެއް ކަމަށް ރެފްރީ ޕޯސަން ނިންމުމުންނެވެ. އެކަމަކު އެ ބޯޅަ ގޯލަށް ވައްދާލަން އުފެއްދި ހަމަލާގައި ލިވަޕޫލްގެ ކުޅުންތެރިއަކު ފައުލްކުރިކަމަށް ފާހަގަކުރެވިފައިވުމާ ގުޅިގެން ވީޑިއޯ އެސިސްޓެންޓް ރެފްރީގެ އެހީގައި ފަހުން ވަނީ އެއީ ގޯލެއް ނޫންކަމަށް ނިންމައިފަ އެވެ.
Advertisement


Leave a Reply